ދުނިޔެ

ރަނިލް އަލުން ލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް އައްޔަނުކޮށްފި

Dec 16, 2018

ކޮލޮމްބޯ (ޑިސެމްބަރު 16) - ސްރީލަންކާގެ ސަރުކާރު ހުއްޓުމަކަށް އައިސް، ގާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓިފައިވާތާ އެތަކެއް ހަފްތާއެއްވެފައިވާއިރު، އެ ގައުމުގެ ބޮޑު ވަޒީރުގެ މަގާމުން މިދިޔަ މަހު ވަކި ކުރި ރަނިލް ވިކްރަމަސިންހަ އަށް އަލުން އެ މަގާމަށް އައްޔަނު ކޮށްފި އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު އެ ގައުމުގެ ބޮޑު ވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ކުއްލި ގޮތަކަށް ވަކިކުރެއްވުމަށް ފަހު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެ މަގާމަށް އައްޔަނުކުރުމާއި ގުޅިގެން، މުޅި ގައުމު ވަނީ ސިޔާސީ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފަ އެވެ.

ނަމަވެސް، ރަނިލް ވަނީ އެއީ ގާނޫނު އަސާސީ އާ ހިލާފު ނިންމުމެއްކަމަށް ވިދާޅުވެ، މަގާމު ދޫކޮށްލެއްވުމަށް ދެކޮޅު ހައްދަވައިފަ އެވެ.

އެކަމާއެކު ސަރުކާރުގެ ސައްހަ ކަމާމެދު ސުވާލު އުފެދި، މުޅި ގައުމު ގާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓިފައިވާއިރު، ގައުމުގެ ހަމަޖެހުމަށްކަމަށް ވިދާޅުވެ، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ބޮޑު ވަޒީރުގެ މަގާމުން އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ

ރާޖަޕަކްސާ އިސްތިއުފާ ދެއްވީ މަޖީލިސް އުވާލައްވައި، އަލުން އިންތިހާބެއް ބޭވުމަށްވެސް ރައީސް މައިތިރިޕާލަ ސިރިސޭނާ ނިންމެވި ނިންމެވުން، މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވަނި ކޮށެވެ.

ރާޖަޕަކްސާގެ ނިންމެވުމާއެކު، ސިރިސޭނާ އާއެކު ގުޅިގެން އަނެއްކާވެސް މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށް ރަނިލްގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އިން ވަނީ ބުނެފަ އެވެ.

އަޅުގަނޑުމެންގެ ސަރުކާރާއި ދެކޮޅު ބަޔަކު ރައީސް ސިރިސޭނާއަށް ނުބައި މައުލޫމާތުދީގެން ވިކްރަމަސިންހަ ވަކި ކުރެއްވީ،" ޔޫއެންޕީގެ ޑެޕިޔުޓީ ލީޑަރު ސަޖިތު ޕްރޭމަދާސާ ވަނީ ވިދާޅުވެފަ އެވެ.

ބޮޑު ވަޒީރުކަމަށް އަލުން ވަޑައިގެން، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އާ ކެބިނެޓެއް ރަނިލް އެކުލަވާލައްވާނެކަމަށް އެމަނިކުފާނުގެ ޕާޓީން ވަނީ ބުނެފަ އެވެ.