ދުނިޔެ

ލަންކާގެ ބޮޑު ވަޒީރު ކަމުން ރާޖަޕަކްސާ އިސްތިއުފާ ދެއްވައިފި

Dec 15, 2018

ކޮލޮމްބޯ (ޑިސެމްބަރު 15) - ސްރީލަންކާ ސަރުކާރުގެ ސައްހަ ކަމާމެދު ސުވާލު އުފެދި، މުޅި ގައުމު ގާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓިފައިވާއިރު، ގައުމުގެ ހަމަޖެހުމަށްކަމަށް ވިދާޅުވެ، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ބޮޑު ވަޒީރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރާޖަޕަކްސާ އިސްތިއުފާ ސިޓީގައި ސޮއި ކުރެއްވީ އެމަނިކުފާނުގެ ސަޕޯޓަރުންނާއި ނޫސްވެރިންގެ ހާޒިރުގަ އެވެ. އިސްތިއުފާ ދެއްވުމަށްފަހު، ރާޖަޕަކްސާ، 73 ވިދާޅުވީ އެމަނިކުފާނު މަގާމުން ދުރުވީ ރައީސް މައިތިރިޕާލަ ސިރިސޭނާއަށް އާ ސަރުކާރެއް އުފެއްދެވުމަށް ފުރުސަތު ތަންވަސްކޮށްދެއްވުމަށް ކަމަށެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު އެ ގައުމުގެ ބޮޑު ވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ކުއްލި ގޮތަކަށް ވަކިކުރެއްވުމަށް ފަހު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެ މަގާމަށް އައްޔަނުކުރުމާއި ގުޅިގެން، މުޅި ގައުމު ވަނީ ސިޔާސީ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފަ އެވެ.

ރާޖަޕަކްސާގެ ނިންމެވުމާއެކު، ރަނިލްގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ޑެޕިޔުޓީ ލީޑަރު ސަޖިތު ޕްރޭމަދާސާ ވިދާޅުވީ ސިރިސޭނާ އާއެކު ގުޅިގެން އަނެއްކާވެސް މަސައްކަތް ކުރުމަށް އެ ޕާޓީން ތައްޔާރަށް އޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރާއި ދެކޮޅު ބަޔަކު ރައީސް ސިރިސޭނާއަށް ނުބައި މައުލޫމާތުދީގެން ވިކްރަމަސިންހަ ވަކި ކުރެއްވީ،" ސިރިސޭނާ ދިފާއު ކުރައްވަމުން ޕްރޭމަދާސާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ބޮޑު ވަޒީރުގެ މަގާމަށް އަލުން ވިކްރަމަސިންހަ މާދަމާގެ ވަގުތެއްގައި ސިރިސޭނާ އަލުން އައްޔަނު ކުރައްވާނެ އެވެ.

ބޮޑު ވަޒީރު ކަމުގެ ބަހުސްގެ ތެރޭގައި، ލަންކާ ސަރުކާރު ހުއްޓިފައި އޮންނަތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެސް އަދިވެސް ފާސް ކުރެވޭގޮތް ވަނީ ނުވެފަ އެވެ.

ރާޖަޕަކްސާ އިސްތިއުފާ ދެއްވުމަށް ނިންމެވީ، މަޖީލިސް އުވާލައްވައި، އަލުން އިންތިހާބެއް ބޭވުމަށްވެސް ސިރިސޭނާ ނިންމެވި ނިންމެވުން، މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވަނި ކޮށެވެ.