ދުނިޔެ

ރާޖަޕަކްސާ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވަނީ

Dec 15, 2018
1

ކޮލޮމްބޯ (ޑިސެމްބަރު 15) - ސްރީލަންކާ ސަރުކާރުގެ ސައްހަ ކަމާމެދު ސުވާލު އުފެދި، މުޅި ގައުމު ގާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓިފައިވާއިރު، ގައުމުގެ ހަމަޖެހުމަށްޓަކައި، ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ނިންމަފައިވާކަމަށް، އެމަނިކުފާނުގެ ދަރިކަލުން ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު އެ ގައުމުގެ ބޮޑު ވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ކުއްލި ގޮތަކަށް ވަކިކުރެއްވުމަށް ފަހު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެ މަގާމަށް އައްޔަނުކުރުމާއި ގުޅިގެން، މުޅި ގައުމު ވަނީ ސިޔާސީ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފަ އެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވައި، ނަމާލް ރާޖަޕަކްސާ ވިދާޅުވީ، ގައުމުގެ ހަމަޖެހުމަށްޓަކައި އޭނާގެ ބައްޕާފުޅު މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެކަމަށެވެ.

"ކުރީގެ ރައީސް... ރާޖަޕަކްސާ، ގައުމާ މުހާތަބު ކުރުމަށްފަހު، ބޮޑު ވަޒީރުގެ މަގާމުން މާދަމާ އިސްތިއުފާ ދެއްވުމަށް ވަނީ ނިންމަވާފައި،" ނަމާލް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ބޮޑު ވަޒީރު ކަމުގެ ބަހުސްގެ ތެރޭގައި، ލަންކާ ސަރުކާރު ހުއްޓިފައި އޮންނަތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެސް އަދިވެސް ފާސް ކުރެވޭގޮތް ވަނީ ނުވެފަ އެވެ.

ރާޖަޕަކްސާ އިސްތިއުފާ ދެއްވުމަށް ނިންމެވީ، ރައީސް މައިތިރިޕާލަ ސިރިސޭނާ އާއެކު ބެއްވި ބައްދަލުވުމަކަށް ފަހުގައިކަމަށް، ވެރިކަން ކުރާ ޕާޓީގެ މަޖިލީސް މެމްބަރަކު ވަނީ ވިދާޅުވެފަ އެވެ.

ރާޖަޕަކްސާ އިސްތިއުފާ ދެއްވުމާއެކު، ސިރިސޭނާ އާ ސަރުކާރެއް އައްޔަނުކުރައްވާނެ ކަމަށް ބެލެވެ އެވެ.

ރާޖަޕަކްސާ އިސްތިއުފާ ދެއްވުމަށް ނިންމެވީ، މަޖީލިސް އުވާލައްވައި، އަލުން އިންތިހާބެއް ބޭވުމަށްވެސް ސިރިސޭނާ ނިންމެވި ނިންމެވުން، މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވަނި ކޮށެވެ.

ބޮޑު ވަޒީރުކަމުގެ މަގާމު އަލުން ވިކްރަމަސިންހަ އަށް ދެއްވައި، އާ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ބޮޑުކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވަނީ ލަފާކޮށްފަ އެވެ.