ދުނިޔެ

ގޮތަބަޔަ ރައީސްކަމަށް ވާދަ ކުރައްވަނީ

May 18, 2019
1

ކޮލޮމްބޯ (މެއި 18) - މިއަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔަ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު، ގޮތަބަޔަ ނޫސްވެރިންނަށް ވިދާޅުވީ، ރައީސްކަމަށް ކުރިމަތިލައްވަން މާކުރިންވެސް ނިންމަވާފައިވާ ކަމަށެވެ.

"ޔަގީނުންވެސް އަޅުގަނޑު ވާދަކުރާނަން. އެއީ މާ ކުރިން ނިންމާފައިއޮތް ކަމެއް. އެހެންނޫންނަމަ އެމެރިކާގެ ރައްޔިތުކަން ދޫކޮށްލަންޖެހޭ ސަބަބެއްނެތް،" އެމެރިކާގައި ހުންނެވުމަށް މިދިއަ މަހު ލަންކާއަށް އެނބުރި ވަޑައިގެންނެވި ގޮތަބަޔަ ވިދާޅުވި އެވެ.

ލަންކާގައި މިދިއަ މަހު ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން އެކަމުގެ ސިޔާސީ ފައިދާ ނަގަން އުޅޭ ކަމުގެ ތުހުމަތު އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ.

"ދަނޑިވަޅުގެ ބޭނުން ހިފަނީކީ ނޫން. އެއީ ހަމައެކަނި އިންތިހާބެއް ނޫން، މިދައްކަނީ ދައުލަތާ ގައުމުގެ ވާހަކަ. އަޅުގަނޑު ވަރަށް ބޮޑަށް ސަމާލުކަންދިން ކަމެއް ނެތިގެންދާތަން. އަޅުގަނޑު އެކަމާ ނުހަނު ކަންބޮޑުވެ އަދި ހިތާމަކުރަން،" ތަމަޅަ ޓައިގަރުންނާއެކު ލަންކާ ސަރުކާރުން ކުރި 25 އަހަރުގެ ދާހިލީ ހަނގުރާމަ ނިންމުމަކަށް ގެނައުމުގައި އިސްދައުރެއް އަދާކުރެއްވި ގޮތަބަޔަ ވިދާޅުވި އެވެ.

ނަމަވެސް، އެ ހަނގުރާމަ ނިންމަން ސަރުކާރުން ދިން ވަރުގަދަ ހަމަލާތަކުގައި، އެތަކެއް އާންމުންނެއް މަރާލައި، ހާއްސަކޮށް އުތުރުގައި ދިރިއުޅޭ ތަމަޅަ ރައްޔިތުންގެ ހައްގުތަކަށް އަރައިގެންފައިވާކަމުގެ ތުހުމަތުތައް ގޮތަބަޔައަށް ވެސް ވަނީ ކުރެވިފަ އެވެ.