ދުނިޔެ

ސިރިސޭނާ ލަންކާ ޕާލަމެންޓް ހުއްޓުވައިފި

ސްރީލަންކާގެ ބޮޑުވަޒީރުކަމުން ދުރަށް ވަޑައިގަންނަވާނީ ޕާލަމެންޓްގެ ތާއީދު ނެތިއްޖެއްޔާ ކަމަށާއި ޕާލަމެންޓްގެ ތާއީދު އޮތްކަން ދައްކަވާނެ ކަަމަށް ރަނިލް ވިކްރަމަ ސިންހަ ވިދާޅުވެފައި ވަނިކޮށް ރައީސް ސިރިސޭނާ ޕާލަމެންޓް ސަސްޕެންޑް ކުރައްވައިފި އެވެ.

ލަންކާގެ ނޫސްތަކުން ބުނީ ރައީސް ސިރިސޭނާ ލަންކާ ޕާލަމެންޓްގެ ޖަލްސާތަައް ހުއްޓުވީ އަންނަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހާ ހަމައަށް ކަަމަށެވެ.

ލަންކާގެ ވެރިކަންކުރާ ޕާޓީތަކުގެ އިއްތިހާދުގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފަައި ވަނިކޮށް ހުކުރުދުވަހު ސިރިސޭނާ ވަނީ ބޮޑުވަޒީޒު ރަނިލް ވިކްރަމަސިންހަ މަގާމުންް ދުރުކުރައްވައި އެމަގާމު ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއަށް ދެއްވާފައެވެ. ނަމަވެސް ރަނިލް ވިދާޅުވަމުންް ގެންދަވަނީ އޭނާއަކީ އަދިވެސް ބޮޑުވަޒީރުކަމަށާއި ޕާލަމެންޓްގެ މެޖޯރިޓީ އޮއްވާ މަގާމުން ދުރުނުކުރެވޭނެ ކަމަށެވެ. ބޮޑުވަޒީރު ހުންނަވާ ރަސްމީ ގެކޮޅު ދޫކުރައްވައި ވަޑައިގެންނެވުމަށް ވެސް ރަނިލް ވަނީ ދެކޮޅު ހައްދަވާފައެވެ.

ލަންކާގައި ސިޔާސީ ގޮތުން މިފަދަ ނުތަނަވަސްކަމެއް އުފެދިފައި ވާތީ ހުރިހާ ފަރާތަކުން ވެސް ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ގޮވާލާފައެވެ. ލަންކާގައި ހުންނަވާ އީޔޫގެ ސަފީރު ހޮނިހިރުދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިނިވަން މުއައްސަސާތަކަށް އިހުތިރާމްކުރުމަށާއި ހަމަނުޖެހުމުން ދުރުހެލިވެ ތިބުމަށް ލަންކާގެ ހުރިހާ ފަރާތްތަކަށް ވެސް ގޮވާލައްވާ ކަމަށެވެ.

ލަންކާގެ ވެރިކަން ކުރާ އިއްތިހާދުގައި ހިމެނޭ މައި ދެޕާޓީ ކަމަށްވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ ( ޔޫއެންޕީ) އާއި ސްރީލަންކާ ފްރީޑަމް ޕާޓީ( އެސްއެލްއެފްޕީ) އާ ދެމެދު ކޯޅުމެއް ފެށުނީ އިންޑިއާ ކުންފުންޏަކާއި ޖަޕާނުގެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކާ ލަންކާގެ ކޮންޓެއިނާ ޓާމިނަލްއެއް ހަވާލުކުރުމުގެ މައްސަލައިގައެވެ. ޔޫއެންޕީއަކީ ރަނިލް އިސްކޮށް ހުންނަވާ ޕާޓީއެވެ. އަދި އެސްއެލްއެފްޕީއަކީ ސިރިސޭނާގެ ޕާޓީއެވެ.