ސްރީލަންކާ

ގޮތަބަޔާއަށް އެއްބާރުލުންދޭން ސިރިސޭނާ ސޮއި ކުރައްވައިފި

އަންނަ މަހު ސްރިލަންކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ގޯތަބަޔާ ރާޖްޕްކްސައަށް ތާއީދު ކުރައްވަން ހަމަޖެހިފައިވާ އެމްއޯޔޫގައި މިއަދު ސްރިލަންކާގެ ރައީސް މައިތިރިޕާލާ ސްރިސޭނާ ސޮއިކުރައްވައިފި އެވެ.

ގޮތަބަޔާގެ ބޭބޭފުޅު، އަދި ކުރީގެ ރައީސް މަހިންދަ ރާޖްޕަކްސާ އާ ބައްދަލުކުރައްވާ މީގެ ކުރިން ސިރިސޭނާ ވިދާޅުވީ، ގޮތަބަޔާއަށް ތާއީދު ކުރައްވަން ނިންމެވީ އެއްވެސް ޝަރުތަކާ ނުލައި ކަމަށެވެ. ނަމަވެސް ސިރިސޭނާ ވިދާޅުވީ ދެ ޕާޓީގެ މެދުގައި މަޝްވަރާކޮށް ދެ އެމްއޯޔޫ އެއްގައި ސޮއިކުރަން ޖެހޭނެ ކަމަށެވެ.

އެމްއޯޔޫގައިވާ ގޮތުން އިންތިހާބު ގޮތަބަޔާއަށް ކާމިޔާބު ކޮށްދޭން ސިރިސޭނާ ނިސްބަތްވާ އެސްއެލްއެފް ޕާޓީން މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި ގޯތަބަޔާ ރާއީސްގެ މަގާމަށް އިންތިހާބު ވެއްޖެނަމަ ދައުރު ނިމެންދެން ވެސް އެސްއެލްއެފް ޕާޓީން ވެރިކަމާ ދެކޮޅު ހަރަކާތް ހިންގުން މަނާވާނެ އެވެ. މިއީ ސިރިސޭނާ އިސްވެ އެމްއޯޔޫގައި އެކުލަވައިލި ޝަރުތުތަކެވެ.

ސްރިލަންކާގެ ރައީސް ކަމުގައި މަހިންދަ ރާޖްޕަކްސާ ހުންނެވި އިރު ސިރިސޭނާއަކީ އޭނާގެ ހެލްތު މިނިސްޓަރެވެ. ފަހުން ލަންކާގެ ސިޔާސީ މައިދާން ހަލަބޮލިވެ، ރާޖްޕަކްސާ އާއި ސިރިސޭނާ ސިޔާސީ ހަތުރުންނަށް ބަދަލުވެ ރައީސް ކަމުގެ މަގާމަށް އޭރު ސިރިސޭނާ އިދިކޮޅު ކޯލިޝަން ކެންޑިޑޭޓަކަށް ހެދީ އެވެ.

އާ އިންތިހާބުގައި ރާޖްޕަކްސާގެ ކޮއްކޯފުޅު ގޮތަބާއަށް ތާއިދު ކުރަން ނިންމެވީ ސިރިސޭނާއަށް އެ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ފުރުސަތު ހަނިވެ އެއީ އެއް ގޮތަކަށް ވެސް ވެދާނެ ކަމެއް ކަމަށް ގަބޫލު ނުކުރެއްވޭ ހިސާބަށް ސިޔާސީ މަސްރަހު ބަދަލުވެގެނެވެ.

އެސްއެލްއެފް ޕާޓީގެ އިސް މެމްބަރުންނާއެކު ގޮތަބާ މިއަދު ވަނީ ރިޔާސީ ކެމްޕޭން ރަސްމީކޮށް ލޯންޗުކޮށްފަ އެވެ. އެގޮތުން މިއަދު ޖަލްސާ އެއްގައި ވާހަކަފުޅު ދައްކަވަމުން ގޮތަބަޔާ ވިދާޅުވީ، ސިރިސޭނާގެ ސަރުކާރުން ޖަލަށް ލާފައިވާ އެ ގައުމުގެ ހުރިހާ ސިފައިން ޝަރުތަކާ ނުލާ މިނިވަންކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ލަންކާގައި ދިން ބޮމުގެ ހަމަލާގައި އިހުމާލުވި ބައެއް ސިފައިން ވެސް ހިމެނެ އެވެ.