މައިތްރިޕާލާ ސިރިސޭނާ

ރިޔާސީ އިންތިހާބުގައި ސިރިސޭނާގެ ތާއިދު އިދިކޮޅު ލީޑަރަށް

އަންނަ މަހު ސްރިލަންކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ރައީސް މައިތިރިޕާލާ ސްރިސޭނާ ނިންމައިފި އެވެ. އަންނަ ރިޔާސީ އިންތިހާބުގައި ސިރިސޭނާ ތާއިދުކުރަން ނިންމާފައިވަނީ އެގައުމުގެ އިދިކޮޅު ޕާޓީ ޕޮޑުޖާނަ ޕެރަމުނަ (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސަ އަށެވެ.

ގޯޓަބަޔާގެ ބޭބޭފުޅު މަހިންދަ ރާޖްޕަކްސާ އާ ބައްދަލުކުރައްވާ ސިރިސޭނާ ވިދާޅުވީ، ގޯޓްބަޔާއަށް ތާއިދު ކުރަން ނިންމީ، އެއްވެސް ޝަރުތަކާ ނުލާ ކަމަށެވެ. ނަމަވެސް ސިރިސޭނާ ވިދާޅުވީ ދެ ޕާޓީގެ މެދުގައި މަޝްވަރާކޮށް ދެ އެމްއޯޔޫ އެއްގައި ސޮއިކުރަން ޖެހޭނެ ކަމަށެވެ. އެއީ އެސްއެލްއެފްޕީ އާއި ކެންޑިޑޭޓު ރާޖަޕަކްސައާ ދެމެދުގަ އާއި އެސްއެލްއެފްޕީން އެސްއެލްޕީޕީގެ އެލަޔަންސްއާ ގުޅުމަށް ހަދާ ދެ އެމްއޯޔޫ އެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ސްރިސޭނާ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރަން ނިންމީ، އިންތިހާބު ކާމިޔާބު ކުރެވޭނެ ވަރަށް ވޯޓު ލިބޭނެ ކަމުގެ އުއްމީދު ނެތުމުންނެވެ. ލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރަން އުޅޭތީ ސްރިސޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ. ސިރިސޭނާ ނިސްބަތްވާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ޕާޓީގެ ގިނަ މެމްބަރުން ވެސް ތިބީ ރިޔާސީ ކެންޑިޑޭޓުކަން ސިރިސޭނާއަށް ދޭ ގޮތަށެވެ.

ނޮވެމްބަރު 16 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ވާދަކުރަން ޑިޕޮސިޓް ބެހެއްޓި 41 ކެންޑިޑޭޓުގެ ތެރޭގައި ސިރިސޭނާގެ ނަމެއް ނެތެވެ. އެހެންކަމުން އިންތިހާބު ބާއްވާ ދުވަހުގެ އެއް ދުވަސް ފަހުން ސިރިސޭނާ މަގާމު ދޫކޮށްލަން ޖެހޭނެ އެވެ.