ސްރިލަންކާގެ ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އެގައުމުގެ މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމައިފި އެވެ. މިއީ ސިރިސޭނާ މަޖިލިސް އިންތިހާބުގައި ވާދަކުރާ ދެވަނަ ފަހަރެވެ.
ސިރިސޭނާ މިފަހަރު ވެސް ވާދަ ކުރައްވަނީ 1989 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ތަމްސީލު ކުރެއްވި ޕޮލޮނަރުވަ ޑިސްޓްރިކުޔެ ގޮނޑިއަށެވެ. ސިރިސޭނާ ވާދަ ކުރައްވާނީ އޭނާ އިސްކޮށް ހުންނަވާ ސްރީލަންކާގެ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އެލަޔަންސްގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ސިރިސޭނާ އާ ދައުރަކަށް ވާދަ ނުކުރަން ވަނީ ނިންމާފަ އެވެ.އެއީ އެސްއެލްއެފްޕީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ސިރިސޭނާ ހޮވުމަށް ގިނަ މެމްބަރުންގެ ތާއިދު ނުލިބުމުންނެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސިރިސޭނާ ކުއްލި ގޮތަކަށް އޭރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކުރައްވާ، ގައުމު ހަލަބޮލި ކުރެއްވުމާ ގުޅިގެންނާއި މިދިޔަ އޭޕްރިލް މަހު އެގައުމުގައި ދިން ހަމަލާތައް ނުހުއްޓުވުނީ ރައީސްގެ އިހުމާލުން ކަމަށް ގިނަ އަދަދެއްގެ ރައްޔިތުން ގަބޫލު ކުރާތީ، ސިރިސޭނާއަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައި ވުމުންނެވެ.
ރިޔާސީ އިންތިހާބުގައ ވާދަނުކުރާނެކަން އިއުލާންކުރައްވާ ސިރިސޭނާ ވަނީ ލަންކާގެ މިހާރުގެ ރައީސއް ގޮތަބަޔަ ރާޖްޕަކްސައަށް ތާއިދުކުރާކަން ހާމަކޮށްފަ އެވެ. ގޮތަބަޔައަކީ އޭރު އިދިކޮޅު ލީޑަރެވެ. ނަމަވެސް ސިރިސޭނާ އިސްވެހުރެ އެކުލަވާލި އެއްބަސްވުމެއްގެ ދަށުން ގޮތަބަޔަ ތާއިދުކުރަން ނިންމި އެވެ.
ގޮތަބަޔަ ވަނީ ސިރިސޭނާ ބޮޑުވަޒރު ކަމުގެ މަގާމަށް ގެނައުމުގެ ބަދަލުގައި ބޭބޭފުޅު މަހިންދަ ރާޖްޕަކްސާ ބޮޑުވަޒީރު ކަމުގެ މަގާމަށް ގެންނަން ތާއިދުކުރަން ނިންމާފަ އެވެ. އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ބާއްވަން ޖެހޭ ލަންކާގެ ޕާލިމެންޓު އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވެ އެވެ. ނަމަވެސް ގޮތަބަޔަ ވަނީ އެ އިންތިހާބު ބޭއްވެން އޮތް އެންމެ އަވަހަކަށް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ލަންކާގެ ޕާލިމެންޓުގެ މެޖޯރިޓީ މިހާރު އޮތީ ކުރީގެ ބޮޑުވަޒީރު ވިކްރަމަސިންހަ އިސްކޮށް ހުންނަ ޔޫއެންޕީގެ އެލަޔަންސަށެވެ. އަދި މިމަހުގެ ތިނެއްގައި ސަސްޕެންޑުކޮށްފައިވާ ޕާލިމެންޓު ދެން ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތިނެއްގަ އެވެ.