ދެކުނު އޭޝިއާގެ އެންމެ އުސް ޓަވަރު "ދަ ކޮލަމްބޯ ލޮޓަސް ޓަވާ" ސްރިލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުޅުވައިފި އެވެ. މި ޓަވަރު ހުޅުވައިދެއްވީ ލަންކާގެ ރައީސް މައިތިރިޕާލާ ސްރިސޭނާ އެވެ.
ސަތާރަ ބުރީގެ މި ޓަވަރަކީ 100 މިލިއަން ޑޮލަރަށް ހަރަދު ކޮށްގެން އިމާރާތްކޮށްފައިވާ ޓަވަރެކެވެ. ޓަވަރު އިމާރާތް ކުރަން ހަރަދު ކުރި ފައިސާގެ 80 ޕަސަންޓް ދިނީ ޗައިނާ ސަރުކާރުންނެވެ. ލޮޓަސް ޓަވަރު އިމާރާތްކޮށްފައި ވަނީ ޗައިނާ އާއި ލަންކާ ދެމެދު 2012 ވަނަ އަހަރު ހެދި "ބެލްޓް އެންޑް ރޯޑް އިނިސިއޭޓިވް" އެއްބަސްވުމުގެ ދަށުން ދެކުނު އޭޝިއާގައި ގާއިމްކުރާ އެންމެ އުސް ޓީވީ ޓަވަރުގެ ލަންކާގައި ބިނާ ކުރުމުގެ ގޮތުންނެވެ.
![](https://images-01.avas.mv/post/big_hNyHkihofjVqEa1vgq8F3yeN1.jpg)
ކޮލަމްބޯ ލޮޓަސް ޓަވަރަކީ 350 މީޓަރު އުސް މިނުގައި ހުންނަ ޓަވަރެކެވެ. މި ޓަވަރުގައި ރެސްޓޯރެންޓުތަކާއި ހޮޓާތައް ވެސް ހުރެ އެވެ. މީގެ އިތުރުގައި މި ޓަވަރު ޓެލެކޮމިއުނިކޭޝަން މިއުޒިއަމް އެއްވެސް ހުރެ އެވެ. އަދި އޮޑިޓޯރިއަމާއި އޮބަޒަވޭޝަން ޑެސްކެއް ވެސް ހުރެ އެވެ.
މީގެ އިތުރުން ބައްދަލުވުންތަށް ބޭއްވުމަށް ކޮންފަރެންސް ހޯލްތައް ގާއިމް ކޮށްފައި ހުންނައިރު، ބޮޑެތި ޝޮޕިން މޯލްތައް ވެސް ހުރެ އެވެ. މި ޓަވަރަށް ވަދެ ނުކުތުމަށް ހަ އެންޓްރެސް ހުންނާނެ އެވެ. ޓަވަރުގައި ހުންނަ ރެސްޓޯރެންޓާއި ޓެލެކޮމިއުނިކޭޝަން މިއުޒިއަމް ހުންނާނީ ގްރައުންޑް ފްލޯގަ އެވެ.
![](https://images-01.avas.mv/post/big_hLZhQAofcmaURxfjtVWPMjP0k.jpg)
ބޮޑެތި ރަސްމިއްޔާތުތަކަށް ހާއްސަ ކޮށްގެންނާއި އެކި ފެއާތަށް ބޭއްވުމަށް ހާއްސަ ކޮށްގެން ތައްޔާރު ކޮށްފައިވާ ދެ އެކްޒެބިޓް ހޯލް ހަ ވަނަ ފަންގިފިލާގައި ހުންނައިރު ދެ ވަނަ ފަންގިފިލާގައި ވެސް ދެ އެގްޒެބިޓް ހޯލް ހުންނާނެ އެވެ. ހަތް ވަނަ ފަންގިފިލާގައި ހުންނާނީ މިއުޒިކް ޝޯތަކަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ އޮބްޒަވޭޓަރީއެކެ އެވެ.
ޓަވަރަށް އެންމެ މަތީ ފަންގިފިލާތަށް ހުންނަނީ "ލޮޓަސް" މަލެއްގެ ސިފައިގަ އެވެ. ޓަވަރު އާންމުނަށް ހުޅުވާލަން ހަމަޖެހިފައިވަނީ މިމަހު ފަހުކޮޅު އެވެ.