ކޮލޮމްބޯ (އޮކްޓޯބަރު 17) - ސްރީލަންކާގެ ދެކުނުން އޮންނަ ޖަފްނާގައި ގާއިމުކުރި ބައިނަލްއަގުވާމީ އެއާޕޯޓް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
ލަންކާގައި 37 އަހަރަށް ދިގު ދެމިގެން ދިޔަ ދާހިލީ ހަނގުރާމަ އެންމެ ވަރުގަދައަށް ހިނގި ޖަފްނާގައި ހުޅުވި އެއާޕޯޓަކީ އެ ގައުމުގެ ތިން ވަނަ ބައިނަލްއަގުވާމީ އެއާޕޯޓެވެ.
ޑޮމެސްޓިކް ފްލައިޓްތައް އޮޕަރޭޓް ކުރުމަށާއި މިލިޓަރީ އެއާޕޯޓެއްގެ ގޮތުގައި ކުރިން ބޭނުން ކުރި ޖަފްނާ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ތަރައްގީ ކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ.
އެއާޕޯޓް ރަސްމީކޮށް މިއަދު ހުޅުއްވައި ދެއްވީ ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނަ އެވެ. އެ ރަސްމިއްޔާތުގައި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އަރުޖުނާ ރަނަތުންގާ ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ޖަފްނާ ސިޓީގެ 20 ކިލޯމީޓަރު ބޭރުގައި 2.3 ކިލޯމީޓަރުގެ ރަންވޭއެކާއެކު ގާއިމުކުރި އެއާޕޯޓަށް ފުރަތަމަ ޖެއްސީ އިންޑިއާގެ އެލަޔަންސް އެއާގެ ބޯޓެކެވެ.
އެލަޔަންސް އެއާ އިން އިންޑިއާގެ ޗެންނާއީ އާއި ޖަފްނާއާ ދެމެދު ހަފުތާއަކު ހަތް ފްލައިޓް އޮޕަރޭޓް ކުރާއިރު، ރާއްޖެ އާއި މެލޭޝިއާ އަށް ވަރަށް އަވަހަށް ދަތުރުތައް ފަށާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރަނަތުންގަ ވަނީ ވިދާޅުވެފަ އެވެ.