ހަބަރު

ހުވާ ކުރާ ތާރީހު ކަނޑައެޅުމާއި މުހިންމު ބިލުތަކެއް މާދަމާ މަޖިލީހުގައި!

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރައްވާ ތާރީހު ކަނޑައަޅުމާއި ބޮޑު ދެ ގާނޫން އުވާލުމާއި އިތުރު މުހިންމު މަސައްކަތްތަކެއް ކުރުމަށް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން މާދަމާއަށް ތާވަލުކޮށްފައި ވަނީ ޖަލްސާއެއް ނުބާއްވާތާ އެތަށް ދުވަހަކަަށް ފަހުގަ އެވެ. މަޖިލީހުގެ ގަވައިދުގައި މިހާރުވާ ގޮތުން އޮގަސްޓު 27 ގައި ތިން ވަނަ ދަައުރުގެ ޖަލްސާތައް ފަށަން ޖެހެ އެވެ. ނަމަވެސް ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފަށަނީ މާދަމާ އެވެ.

މާދަމާއަށް މަޖިލީހުގައި ތާވަލުކޮށްފައި ވަނީ ގާނޫން އަސާސީގެ 114 ވަނަ މާއްދާގައި ބަޔާން ކުރާ ރައްޔިތުން މަޖިލީޙުގެ ޖަލްސާ ބާއްވާ ދުވަސް ކަނޑައެޅުމުގެ މަސައްކަތެކެވެ. އެއީ އިންތިހާބީ ރައީސް ހުވާ ކުރުމަށް ޖަލްސާ ބާއްވާ ދުވަހެވެ. އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ވަނީ އިބޫ ހުވާ ކުރައްވާނީ ނުވެމްބަރު 17 ގައި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ އިބޫ ނުވެމްބަރު 11 ގައި ހުވާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ވެސް މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ. މާދަމާ އޮންނާނީ އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވާ
އިބްތިދާއީ ބަހުސް އެވެ.

އެ ޖަލްސާގައި އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު އާއި އެންޓި ޑިފެކްޝަން ގާނޫން އުވާލުމުގެ މަސައްކަތްތައް ވެސް ވަނީ ތާވަލުކޮށްފަ އެވެ. އެންޑި ޑިފެކްޝަން ގާނޫން އުވާލުމުގެ ބިލު ހުށަހަޅާފައި ވަނީ ޕީޕީއެމްގައި އިސްކޮށް އުޅުއްވި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އެވެ. އަބުރުގެ ގާނޫން އުވާލުމަށް ހުށަހަޅާފައި ވަނީ އަބްދުﷲ ޝާހިދު އެވެ. މާދަމާ އެ ދެ ބިލާ ބެހޭ ގޮތުން ބަހުސް ވެސް ކުރައްވާނެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު މަޖިލީސް ފަށާއިރު އިދިކޮޅު ފަރާތްތަކުން ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ ޕީޕީއެމްގެ ގިނަ މެންބަރުން ހިމެނޭ ގޮތަށް 51 މެންބަރުންގެ ސޮޔާއެކުގަ އެވެ. އަދި އެކަމުގައި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވެސް އެއްބާރުލުން ދެއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އެހެންކަމުން މާދަމާގެ ޖަަލްސާ ކުރިޔަށް
ގެންދަވާނީ މޫސަ ކަމަށް ބެލެވެ އެވެ.