ދުނިޔެ

ތާއީދު ކަށަވަރުކުރަން ޕާލަމެންޓްގެ ކުއްލި ޖަލްސާއަކަށް ރަނިލް ގޮވާލައްވައިފި

ސްރީލަންކާގެ ޕާލަމެންޓްގައި ރަނިލް ވިކްރަމަސިންހައަށް ތާއީދު އޮތްކަން ކަށަަވަރުކޮށް ދެއްވުމަށް ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް އޭނާ ގޮވާލައްވައިފިއެވެ.

ރަނިލް ލަންކާގެ ބޮޑުވަޒީރު ކަމުން ވަކިވެފައިވާ ކަމަށް ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ހުކުރު ދުވަހު ވަނީ ނިންމަވާފައެވެ. އަދި އާ ބޮޑުވަޒީރަކީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ކަަމަށް ވެސް ސިރިސޭނާ ވަނީ ނިންމަވާފައެވެ. ނަމަވެސް ރަނިލް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އޭނާއަކީ އަދިސް ބޮޑުވަޒީރު ކަމަށެވެ. އަދި ބޮޑުވަޒީރު ހުންނެވުމަށް ހާއްސަކޮށްފައި ހުންނަަ ގެކޮޅު ދޫކުރައްވައި ވަޑައިގަތުމާ އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ.

ޕާލަމެންޓްގެ ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަަށް ރަނިލް ގޮވާލެއްވީ އޭނާގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)އިން ހޮނިހިރު ދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައެވެ. އެ ނޫސްކޮންފަރެންސްގައި ރަނިލް ވިދާޅުވި ކަމަށް ލަންކާގެ ނޫސްތަކުން ބުނީ ބޮޑުވަޒީރު ކަމުން އޭނާ ވަކިވެއްޖެކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ޕާލަމެންޓުންނެވެ.

ޕާލަމެންޓްުގެ ކުއްލި ޖަލްސާއެއް ބާއްވަން ރަނިލް ގޮވާލެއްވި އިރު ސިރިސޭނާ ވަނީ އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށް ލަންކާ ޕާލަމެންޓް ސަސްޕެންޑްކުރައްވާފައެވެ.

ލަންކާގައި ސިޔާސީ ގޮތުން މިފަދަ ނުތަނަވަސްކަމެއް އުފެދިފައި ވާތީ ހުރިހާ ފަރާތަކުން ވެސް ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ގޮވާލާފައެވެ. ލަންކާގައި ހުންނަވާ އީޔޫގެ ސަފީރު ހޮނިހިރުދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިނިވަން މުއައްސަސާތަކަށް އިހުތިރާމްކުރުމަށާއި ހަމަނުޖެހުމުން ދުރުހެލިވެ ތިބުމަށް ލަންކާގެ ހުރިހާ ފަރާތްތަކަށް ވެސް ގޮވާލައްވާ ކަމަށެވެ.

ލަންކާގެ ވެރިކަން ކުރާ އިއްތިހާދުގައި ހިމެނޭ މައި ދެޕާޓީ ކަމަށްވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އާއި ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)އާ ދެމެދު ކޯޅުމެއް ފެށުނީ އިންޑިއާ ކުންފުންޏަކާއި ޖަޕާނުގެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކާ ލަންކާގެ ކޮންޓެއިނާ ޓާމިނަލްއެއް ހަވާލުކުރުމުގެ މައްސަލައިގައެވެ. ޔޫއެންޕީއަކީ ރަނިލް އިސްކޮށް ހުންނަވާ ޕާޓީއެވެ. އަދި އެސްއެލްއެފްޕީއަކީ ސިރިސޭނާގެ ޕާޓީއެވެ.