ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ދަރިފުޅު ސޮލާޙު ޚާޝުގްޖީ ސައުދީ އަރަބިއްޔާއިން ބޭރަށްދާން އެގައުމުގެ ސަރުކާރުން ހުއްދަ ދިނުމުން އޭނާ އެމެރިކާއަށް ހިނގައްޖެއެވެ.
ސޮލާހުގެ ޕާސްޕޯޓް ސައުދީ ސަރުކާރުން ކުރިން އުޅުނީ ހިފަހައްޓައިގެންނެވެ. ސީއެންއެން ބުނީ ސޮލާހު އެމެރިކާއަށް ގޮސްފައިވާކަން އާއިލާގެ ގާތް މަސްދަރުތަކުން އެ އެޖެންސީއަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނަކު ސީއެންއެންއަށް ބުނެފައިވާ ގޮތުގައި ސޮލާހުގެ ޕާސްޕޯޓް ދޫކުރުމަށް ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ވަނީ ސައުދީ ސަރުކާރަށް ގޮވާލައްވާފައެވެ. ސްޓޭޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ސްޕޯކްސްމަން ރޮބަޓް ޕަލަޑީނޯ ވިދާޅުވީ ސޮލާހު ދޫކޮށްލުމުން އެމެރިކާ ހިތްހަމަޖެހިފައިވާ ކަމަށެވެ. ސޮލާހަކީ ޖަމާލް ޚާޝުގްޖީގެ އެންމެ ދޮށީ ދަރިފުޅެވެ.
ޖަމާލް ޚާޝުގްޖީއަކީ ސައުދީ ޝާހީއާއިލާއާ ކުރިން ގާތް ގުޅުމެއް އޮތް މީހެކެވެ. ނަމަވެސް ފަހުން އޭނާ ވެފައި ވަނީ އެގައުމުގެ ނުފޫޒުގަދަ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާނަށް ވަަރަށް ބޮޑަށް ފާޑުކީ މީހަކަށެެވެ. މި އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އޭނާ ސައުދީ ކޮންސިއުލޭޓަށް ދިޔައީ ވަރީގެ ލިޔެކިއުންތަކެއް ހޯދުމަށެވެ. އެއަށް ފަހު އެ ތަނުން ނުނިކުމެ އޭނާ ގެއްލުނެވެ. ފަހުން އެނގުނީ ކޮންސިއުލޭޓްގެ ތެރޭގައި އޭނާ މަރާލާފައިވާ ކަމެވެ.