ހަބަރު

ޕީޕީއެމުން ވިޕެއް ނުނެރެ ބިލުތަކާ މެދު ގޮތް ނިންމުން މެންބަރުންނަށް!

ރައްޔިތުން މަޖިލީހުގައި މާދަމާއަށް ތާވަލުކޮށްފައިވާ ބޮޑެތި ބިލުތަކާ މެދު ޕީޕީއެމް އިން ވޯޓް ދޭނެ ގޮތަކާ މެދު ވިޕެއް ނުނެރެން ނިންމާފައިވާ ކަމަށާއި ވޯޓު ދޭނެ ގޮތެއް ނިންމަވާނީ އެ މެންބަރަކު އަމިއްލައަށް ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ދުވަސްތަކަކަށް ފަހު މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު އާއި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމުގެ ބިލުގެ މަސައްކަތް ވަނީ ތާވަލްކޮށްފަ އެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރައްވާނެ ތާރީހަކާއި ކުރީގެ ރައީސް މުހަައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގޮތުންް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ވެސް ތާވަަލުގައި ހިމެނެ އެވެ.

އެ ބިލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޕީޕީއެމް އިން މިއަދު ހަވީރު ވަނީ ޕީޖީ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 14 މެންބަރުންނެވެ. އޭގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކި ކުރެއްވުމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި ގަރާރުގައި ސޮއި ކުރެއްވި ބައެއް މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެ ބައްދަލުވުމަށް ފަހު ރައްޔިތުން މަަޖިލީހުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ނިހާން ވަނީ ވަކިވަކި ބިލުތަކާ މެދު އެ ޕާޓީ އިން ކުރި މަޝްވަރާއާ ބެހޭ ގޮތުން މައުލޫމާތު ދެއްވައިފަ އެވެ. އެގޮތުން އިބޫ ހުވާ ކުރައްވާ ތާރީހުގެ ގަރާރަށް ވޯޓް ދިނުމާ ގުޅޭ ގޮތުން ޕާޓީއިން ވަކިގޮތެއް ނިންމާފައި ނުވާނެ ކަމަށާއި އެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރެއްވުމަށް ފަހު ބޭނުންވާ ގޮތް ނިންމަވާނީ އެ މެންބަރަކު އަމިއްލައަށް ކަމަށް ނިހާން ވިދާޅުވި އެވެ.

އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާ ބެހޭ ގާނޫނު އުވާލުމަށް މިއަދު ބޭއްވި ބައްދަލުވުމުގެ ގިނަ
މެންބަރުންް ތާއީދު ނުކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ. ނަމަވެސް އެ ބިލަށް ވެސް އަދި ރައީސް ނަޝީދު މިނިވަން ކުރުމާ ބެހޭ ގަރާރާ މެދު ވެސް ވިޕެއް ނެރެފައި ނުވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"މިއަކަށް ވަކި ގޮތެއް ނިންމާފައި ވަކި ކަހަލަ ވިޕްލައިންއެއް އަޅާފައެއް ނޫނޭ މި ނިކުތީ ދަންނަވާލަން އޮތީ، މާނައަކީ އެހެންޏާ މީގެ ކުރިން ޕާލިމެންޓަރީ ގްރޫޕުގަ ބައްދަލުވުމެއްގައި އެ ބިލަކާ މެދު އަމަލު ކުރާނެ ތިން ދަރަޖަ އަޅުގަނޑުމެން ކަނޑައަޅާފަ ނިކުންނަނީ، މާނައަކީ ތްރީލައިން ގްރީންއެއްތޯ ތްރީލައިން ރެޑެއްތޯ ނޫނީ އެއީ ފްރީކޮށް ދޫކޮށްލާ މެންބަރެއްގެ
ވިސްނުމަށް ދޫކޮށްލާ ކަހަލަ ވޯޓެއްތޯ،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައި ނުގަންނަވަ އެވެ. އަދި އެ ބައްދަލުވުމަަށް އެމްޑީއޭއަކަށް ވެސް ދައުވަތެއް ނުދެ އެވެ.