އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ތާއީދުކޮށްފި އެވެ.
ޕާޓީ އިން ވަކިވެއްޖެ ނަމަ ނޫނީ ވަކިކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް އޮންނަ އެންޓި ޑިފެކްޝަން ގާނޫންނަކީ މިވަގުތު އޮންނަން ޖެހޭ ގާނޫނެއް ނޫން ކަަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުން ނިންމީ، 14 މެންބަރުންނާއެކު މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ފްލޯ ކޮރޮސިންއާ ގުޅޭ އެންޓި ޑިފެކްޝަން ގާނޫނު ފާސް ކުރުމަށް އެންމެ ގަދައަށް އުޅުއްވީ ވެސް ޕީޕީއެމްގެ މެންބަރުން ކަމަށާއި ނަމަވެސް މިއަދު އެ ގާނޫނު އުވާލުމަށް ވެސް ތާއީދު ކުރައްވަނީ ޕީޕީއެމްގެ މެންބަރެއް ކަމަށެވެ.
އެ ގާނޫނު އުވާލަން ޕީޕީއެމްގެ ޕީޖީ ބައްދަލުވުމުގައި މިއަދު ހިޔާލު ތަފާތުވީ ދެ މެންބަރެއް ކަމަށާއި އެއީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. ދެން ތިއްބެވީ އެ ގާނޫނު އުވާލަން ތާއީދު ކުރައްވާ މެންބަރުން ކަމަށާއި އެ ގާނޫނު އުވާލުމަށް ޕީޕީއެމްގެ މިއަދުގެ ބައްދަލުވުމުގެ އަގުލަބިއްޔަތުން ފާސްވެފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.
"އެންޓި ޑިފެކްޝަން ގާނޫނު ނޫނީ ފްލޯ ކްރޮސިންގެ ގާނޫނަކީ މިހާރުން މިހާރަށް އޮންނަން ކޮންމެހެން ފެންނަ ގާނޫނެއް ނޫން ކަމަށް އަޅުގަނޑުމެންގެ މިއަދުގެ ހާޒިރީގެ މެޖޯރިޓީ އިން އެގޮތަށް ފާސް ކުރައްވާފައި އެ ވަނީ، އެހެންވެ މާދަމާ ބަހުސްގައި އެ ބޭފުޅުން އެގޮތަށް ކުރިޔަށް ވަޑައިގަންނަވާ އިރުގައި އެއަށް އެ ބޭފުޅުން ދައްކަވާނެ ވާހަކަފުޅުތަކާއި ދައްކަވާނެ ހުއްޖަތެއް ދައްކަވާނެ،" ނިހާން ވިދާޅުވި އެވެ.
އެންޓި ޑިފެކްޝަން ގާނޫން އުވާލަން މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ. އެ ގާނޫން މަޖިލީހުން ފާސް ކުރިއިރު ވެސް ރިޔާޒް އެ ބިލަށް ވޯޓެއް ނުދެއްވަ އެވެ.
ޕީޕީއެމް އިން ވަނީ މާދަމާ ތާވަލުކޮށްފައިވާ އެފަދަ ބޮޑެތި ބިލުތަކާ މެދު ގޮތެއް ނިންމަން މެެންބަރުންގެ އަތްމައްޗައް ދޫކޮށްލާފަ އެވެ. މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައި އެއްވެސް ވިޕެއް ނެފެފައެއް ނުވެ އެވެ.