ހަބަރު

އެއްވެސް ވަރަކަށް ސުވާލު އުފެދޭ ތާރީހެއްގައި ހުވާކުރަން ބޭނުމެއް ނޫން: އިބޫ

Oct 28, 2018
14

ރައިސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރައްވަން ބޭނުންވަނީ ރައްޔިތުން މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ފާހަގަ ކުރެއްވި މައްސަލަތަކަށް ރިއާޔަތްކޮށް އެކަމާ މެދު އިތުރު ސުވާލެއް އުފައްދާނެ ޖާގައެއް ނޯންނަ މިންވަރަށް އެ ތާރީހު ކަނޑައެޅުމަށް ފަހުގައި ކަމަށް އިންތިހާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ދުވަސްތަކަކަށް ފަހު މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެމަނިކުފާނު ހުވާ ކުރައްވާނެ ތާރީހަކާ ގުޅިގެން ގިނަ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގައި ދައުރު ބަޔާން ކުރާ މާއްދާއަށް ރިއާޔަތްކޮށް ހުވާ ކުރަން ޖެހޭނީ ނޮވެމްބަރު 11 ގައި ކަމަށް ބައެއް މެންބަރުން ވިދާޅުވާ އިރު އަނެއްބައި މެންބަރުން ރިއާޔަތް ކުރައްވަނީ އިންތިގާލީ ބާބު އުވިގެން ގޮސްފައިވާ މައްސަލައަށް ކަމަށް އިބޫ ވިދާޅުވި އެވެ.

އެ މައްސަލާގައި ސާފު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ވެސް އެބަހުރި ކަމަށް އިބޫ ވިދާޅުވި އެވެ. އެގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ނޮވެމްބަރު 11 ގެ ފަހުން ހުންނެވީ ކޮން ދައުރެއްގައި ކަމާއި އެއީ ނޮވެމްބަރު 11 ގައި ފެށޭ ދައުރުގައި ތޯ ނޫނީ ކުރީ އޮތް ދައުރުގެ މުއްދަތު ދިގު ކުރީތޯ އޮޅުން ފިލުވަން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ހުވާ ކުރެއްވި އިރު އެމަނިކުފާނުގެ ދައުރު ވަނީ މާ ކުރިން ފެށިފައިތޯ ވެސް ސާފުވާން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ތާރީހެއް ކަނޑައެޅުމެއް ނޫނެވެ. މިއީ އެއަށް ވުރެ ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ އެމަނިކުފާނު ފުރަތަމަ ކުރެއްވި ކަންތައް ކުރެއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެއްވެސް އިރެއްގައި ބަޔަކު ބުނާކަށް ބޭނުންނުވާ ކަމަށެވެ. އެހެންކަމުން އިބޫ ބޭނުންވަނީ އެފަދަ ކަމެއް ނިންމަން ޖެހޭނީ އެންމެން އެއްބަސްވެވޭ ގޮތަކަށް ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ މީގަ ވީހާވެސް ރަނގަޅަކަށް ވާހަކަ ދެކެވި އެންމެން އެއްބަސްވެވޭ ގޮތަކަށް ނިންމަން ޖެހޭ ކަމަށް، އަޅުގަނޑު ހަމަގައިމުވެސް ދަންނަވާކަށް ނެތިން ގާނޫން އަސާސީއާ ހިލާފަށް އަޅުގަނޑު އަމަލު ކުރަން ބޭނުންވާ ވާހަކައެއް، އެއްވެސް ޒަމާނެއްގައި މީގެ ފަހުން އެއްވެސް ދުވަހެއްގައި މި ފެށޭ ދައުރު ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހުވާ އަޅުގަނޑު ކުރީ ގާނޫނު އަސާސީއާ ހިލާފަށޭ ބުނާކަށް ޖާގަށް ދޭކަށް އަޅުގަނޑު ބޭނުމެއް ނުވޭ، އެހެންވެ އަޅުގަނޑަށް ފެންނަނީ މީގަ ނިންމެން އޮތް އެންމެ ފަހު ގޮތް ނިންމަން،" އިބޫ ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުން ހުވާ ކުރާ ތާރީހު ނިންމާއިރު އެ މައްސަލައިގައި ވަށައިގެން ހުރި، ހުރިހާ ކަމަކަށް ރިއާޔަތްކޮށް ނިންމުންތައް ނިންމަން އެދޭ ކަމަށް އިބޫ ވިދާޅުވި އެވެ.