ހަބަރު

އެންމެ ހިތާމަ ކުރާނީ މަޖިލީސް ދޫކޮށް ދާން ޖެހޭ ދުވަހު: އިބޫ

އެންމެ ހިތާމަ ކުރައްވާނެ ދުވަހަކަށް ވާނީ ރައްޔިތުން މަޖިލީހުގެ ގޮނޑި ދޫކުރައްވުމަށް ފަހު، ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވަން ދާން ޖެހޭ ދުވަސް ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހިދުމަތް ކުރައްވާތާ 25 އަހަރުވެއްޖެ އެވެ. އަދި ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން މިއީ މަޖިލީހުގައި އެމަނިކުފާނު މަޖިލީހުގައި ހޭދަ ކުރައްވާނެ އެންމެ ފަހު ދުވަސްތަކެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެމަނިކުފާނު މަޖިލީހުގައި ގިނަ ދުވަސްތަކަކު ނުހުންނަވާ ކަމަށާއި ކުރިޔަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި އެ ގޮނޑި ދޫކޮށް އެމަނިކުފާނު ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ދުވަސް ވެގެން ދާނީ އެމަނިކުފާނުގެ ހަޔާތުގައި އެންމެ ހިތާމަ ކުރާނެ ދުވަސް ކަމަށް
އިބޫ ވިދާޅުވި އެވެ.

"ދެ ތިން ހަފްތާގެ ތެރޭގައި އަޅުގަނޑު މި މަޖިލީހުގެ ގޮނޑި ދޫކޮށް ދާން ޖެހޭ، އެ ދުވަސް ވެގެން ދާނީ އަޅުގަނޑުގެ ހަޔާތުގައި އެންމެ ހިތާމަވެރި ދުވަހަކަށް،" ވާހަކަފުޅު ނިންމަވާލައްވަމުން އިބޫ ވިދާޅުވި އެވެ.

މަޖިލީހުގައި މިއަދު ބަހުސް ކުރެވިގެން ދިޔައީ ވެސް އިބޫ ހުވާ ކުރައްވާނެ ތާރީހާކާ ގުޅޭ މައްސަލައެވެ. އެ މައްސަލާގައި މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ އިރު އިބޫ ވަނީ އެމަނިކުފާނު ހުވާ ކުރައްވަން ބޭނުން ވަނީ އެންމެނަށް ވެސް އެއްބަސްވެވޭ ތާރީހެއްގައި ކަމަށް ވިދާޅުވެފަ އެވެ.