(25 އޮކްޓޯބަރ 2018 އާ ގުޅޭ) -- އަޅިކުލައިގެ ސޫޓްގައި ރާދިން ފެންނަނީ ވަރަށް ސްމާޓްކޮށެވެ. ތުނބުޅި ވެސް ހުރީ އެރެއަށް ޓަކައި ޚާއްޞަ ގޮތަކަށް ކޮށައި ތުނިކޮށްފައެވެ. އެ މޫނުން ތާޒާކަން ފާޅުވެއެވެ. އޭނާގެ ކަޅުކަން ގަދަ އިސްތަށިގަނޑު ތަތްކޮށްލާފައި ހުރިއިރު އޮފުކަމެއް ހުއްޓެވެ. ނަމަވެސް ރާދިން ފެންނަނީ ހިސާބަކަށް ހާސްވެ ޖެހިލުންވެފައި އިންހެނެވެ. އެކަން އަރްސަލްއަށް ފާހަގަވި އެވެ.
"ނާވަސް ބްރޯ" ހިނިއައިސްފައި އިނދެ އަރްސަލް އަހާލިއެވެ.
"އަވަހަށް މިކަންތައް ނިމޭނެނަމައޭ ހިތަށް އަރަނީ" ކަރުގައި އޮތް ބޯޓައި ރަނގަޅު ކޮށްލަމުން ރާދިން ބުންޏެވެ.
"އެންމެ ރެއެއްނު، ކެތްކޮށްލާ... އަންހެނުން ގޮވައިގެން ކޮޓަރިއަށް ވަދެވުނީމަ ރޭގެ ބާކީބައި ދާގޮތެއް ނޭނގޭނެ" ދިމާކުރާފަދަ ގޮތަކަށް އަރްސަލް ބުންޏެވެ. އޭނާގެ ވާހަކައަށް ރާދިން ހީނލިއެވެ.
"ޒޭވިއާއަށް ގުޅިންތަ؟" ކަމެއް ހަނދާންވެގެން އާހާލާ ފަދައިން ރާދިންގެ އެއްސެވެ.
"އޭނާ އަންނާނެ، ޓައިމަށް ވަރަށް ބަރާބަރުވާނެ" އަތުކުރީ އޮތް ގަޑިއަށް ނަޒަރެއް ދެމުން އަރްސަލް ބުންޏެވެ.
"ހިޔެއްނުކުރަން ނިމްގެ ބޭބެއަށް އޭނާ ވެދާނޭ... ދެން އޮތީ ތި ދެ މީހުންގެ ފަހަރު ދޯ" ކުރިމަތިން ފެންނަން މަގަށް ނަޒަރު ހުއްޓާލައިގެން ރާދިން އިނދެފައި އަރްސަލްއަށް ބަލާލިއެވެ.
"އަހަރެންނަށް ވަންޏާ މިރޭ ވެސް އޭނާ އަހަރެންގެ އަނތްބަކަށް ހަދާނަން، ކީފާއާއި މިޢުވާނު އެ ކުޅުނު ކުޅިގަނޑެއްގެ ސަބަބުން އަހަރެންގެ އަތުން ފައިން ގޯހެއް ނުހެދުނީ ކިރިޔާ، ހިތަށް އެރި ނިމް އަހަރެންނަށް ނުލިބެއްޖެނަމަ ކީފާ ދުވަހަކު ހަނދާން ނުނެތޭވަރުގެ ބަދަލެއް ހިފާނަމޭ، އެ މިޢުވާނު... އޭނާ މަގޭ އަތުން މަރުވީސްކަން ޔަގީން" އަރްސަލް ދަތްކުނޑިވިކާލިއެވެ.
"ކޮންމެކަމެއް ވެސް ވާނީ ރަނގަޅަށޭ ބުނެއެއްނު، އަރްސަލް ތަންކޮޅެއް ރުޅިމަޑުކުރަން ވެއްޖެ، ތި ދެ މީހުން އިނދެގެން އުޅޭނީ ކިހިނެއްބާއޭ އަހަރެން ހިތަށް އަރާ، ނިމްއަށް ފިޔަވަޅެއް ވެސް ނޭޅޭނެ ކަންނޭނގެ އަރްސަލް ފާރަނުލާނޭކަމަށް، އެކުއްޖާ މިނިވަންކަމެއް ވެސް ނޯންނާނެ ދޯ" ރާދިން ކުޑަކޮށް ހީނލިއެވެ.
"ޔޫ ނޯ އައި ލަވް ހާ... ދެން އަހަރެންގެ ވާހަކަ ބާއްވާ، އާނާއާ މެދު މިހާރު ވިސްނަންވީ، އަހަރެންގެ ވަރަށް ގާތް ދެ މީހުން ތީ، އާނާ... ޝީ އިޒް އެން އެމޭޒިންގް ގާލް، ނައު އައި ހޭވް ޓު ޝެއަރ މައި މޭން ވިތް ހާ" ލާނެތް ހިންޏެއް އައިސް އިނދެ އަރްސަލް ފަހު ޖުމްލަ އިއްވާލިއެވެ. އެއާއެކު ރާދިން ނިކަން ބާރަށް ހޭންފެށިއެވެ.
"އަޑުއަހަން ހުންނަ މީހާ ތިބުނި އެއްޗެއް މާނަ ކުރާނޭ ގޮތް އިނގޭތަ... އަހަންނަށް ހީވިޔޭ ކުރިން ވެސް އަހަންނާ ނުލާ އަރްސަލްއަކަށް ނޫޅެވޭނެޔޭ" ހެމުންހެމުން ރާދިން ވާހަކަދެއްކިއެވެ. ކާރުތެރޭގައި ދެ ޒުވާނުންގެ ހުނުމުގެ އަޑު އެއްވެފައިވިއެވެ.
ކައިވެނި ޙަފުލާ އޮތް މަންޒިލާ ކައިރި ވެވުން އަރްސަލް ރަނގަޅު ހިސާބެއް ހޯދައި ކާރު ޕާކުކުރިއެވެ. އެއާއެކު ދެ ޒުވާނުން އެކީގައިހެން ކާރުގެ ކުރީ ސީޓުން ފައިބައިގެން އައިސް ޙަފުލާ އިންތިޒާމުކުރެވިފައި އޮތް މަރުކަޒުގެ މައިދޮރު ކައިރިއަށް އައެވެ. އޭރު ދޮރުމަތީ ބިލާލުއާއި ޝަރުމީނުގެ އިތުރުން ހަލަފް މަޑުކޮށްލައިގެން ތިއްބެވެ.
"ތީ އަތުގައި ބާއްވަން ދިން އެއްޗެއް ނޫނޭ" އަރްސަލްގެ އަތުގައި އޮތް ސަސްޕެންޑަރ ބެލްޓް ފެނުމުން ހަލަފް ބުންޏެވެ. އޭނާއަށް ކަޅި އަޅާލާފައި އަރްސަލްގެ ސަމާލުކަން ބިލާލުއަށް ހުއްޓާލިއެވެ.
"މުއްޠަލިބަށް ބައްޕަ ގުޅައިފިން، އެންމެން އެތެރެއަށް އަންނާށޭ ބުނީ، ބޮޑު ހޯލް ތެރެއަށް ވަންނަ ދޮރުމަތީގަ އެބަހުރީ މޯ" ބިލާލު އޮޅުންފިލުވައިދިނެވެ. ރާދިންއާއެކު ހުރި އަރްސަލް އެތެރެއަށް ވަންނަން ހިނގައިގަންނަމުން ހަލަފްގެ ބުރަކަށީގައި އަޅައި ކުޑަކޮށް ކޮއްޕާލިއެވެ. ޙަލަފް އެނބުރި ބަލައިލުމުން ނޭނގޭ ކަމަށް އަރްސަލް ހެދުނެވެ. ބިލާލުއާއި ޝަރުމީނަށް އެމަންޒަރު ފެނި ހިނިތުންވެލިއެވެ. ނަމަވެސް ހަލަފް ކުދިކިޔައިގަތެވެ.
"މުއްޠުބެ..." މުއްޠަލިބު ފެނުމުން ރާދިންއަށް ބުނެވުނެވެ.
"ތި ނަމުންތަ އަދިވެސް ގޮވަނީ... އަހަރެންގެ ވެސް ދަރިއަކަށްވާން ތިއުޅެނީ" ހިނިއައިސްފައި ހުރެ މުއްޠަލިބު ބުންޏެވެ. ރަކި ހީނލުމަކުން ރާދިން ހީނލިއިރު ދެންތިބި މީހުންގެ ހުނުމުގެ އަޑު ވެސް އިވިގެންދިޔައެވެ. ބިލާލު އައިސް ރާދިންގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ.
"ކޮބާ އާނާ؟ އެމީހުން ނާންނަނީތަ؟" ހިތުގައި އިތުރު އެދުމެއް އޮވެ އެކަން ވަންހަނާ ކުރަމުން އަރްސަލް ހޯލްގެ ތެރެ ހޯދާލިއެވެ. ގުރޫޕު ގުރޫޕަށް މީހުން އެއްވެފައި ތިއްބެވެ. ނަމަވެސް އެތަނުން އަރްސަލް ދަންނަ މޫނެއް ނެތެވެ.
"ރާދިން... ތި އައީ ދޯ، މި ހިފަހައްޓައިގެން ހުންނަތާ އިރުކޮޅެއްވެއްޖެ، ހެދުން ފެހި މީހާ އެބައުޅޭ އާނާއާއެކު، އޭނާ ރާދިންގެ ކޯޓުގައި ހަރުކުރަން ދިން އެއްޗެއް" ޝިޔާޒުގެ އަތުގައި އޮތް ބޫޓޮންޏާ ދިއްކޮށްލިއެވެ. އެއީ ކޯޓުގައި ހަރުކުރާ ގޮތަށް ހަދާފައި އޮތް މާކޯނި ކޮޅެކެވެ. އޮރެންޖު ކުލައިގެ ރަނގަޅަށް ނުފޮޅޭ ފިނިފެންމަލެއްގެ ވަށައިގެން ޒީނަތްތެރިކޮށްފައިވާ އެ މާކޯނީގައި ހިފީ އަރްސަލްއެވެ.
"ލެޓް މީ" އަރްސަލް މިހެން ބުނެލުމާއެކު ރާދިންގެ ކޯޓުގައި އެ މާކޯނި ހަރުކޮށްދޭން އުޅުނެވެ.
"އަންނާނަން... އާނާސިސް ބަލާލާފައި... ރެޑް ވެސް އެމީހުންނާއެކު އެބައުޅޭ" ފޯނާކުޅެން ހުރެފައި ހަލަފް ބުނެލިއަޑު އިވުނެވެ. އެހިނދު ރާދިން އެއްލި އަތުން ހަލަފްގެ ކޮނޑުގައި ހިފުނެވެ.
"މިފަހަރަކު ނުދެވޭނެ... މިތާ އާނާ ބަލާހިތުން ތިބި އެތައްބަޔަކު އެބަތިބި" ރާދިން ބުނެލިއެވެ.
"ދެފައި އެއްތާ ނުޖެހިގެންތަ ތިއުޅެނީ" ރާދިންގެ ކޯޓުގައި ހަރުކޮށްދިން މާކޯޅި ރީތިކުރަމުން އަރްސަލް ބުނެލިއެވެ. އެހިނދު ޝަރުމީނު ވެސް ހަލަފްއަށް ގޮވާލައި އޭނާ ހުއްޓުވައިފިއެވެ. އަދި ޝިހާނާގެ ގާތަށް ދާނީ އޭނާ ކަމުގައި ޝަރުމީނު ބުނެލިއެވެ. އެކަމާ ދެކޮޅު ހަދާކަށް އެކަކަށް ވެސް ނުކެރުނެވެ.
ހަތްގަޑި ފަންސާސް ފަހެއްވީއިރު ކައިވެނި ކޮށްދޭން ހަމަޖެހިފައި އޮތް ޤާޞީއާއި އެހީތެރިން ޙަފުލާ އޮތް ހޯލަށް ވަދެއްޖެއެވެ. އެ މީހުންނާއެކު ބިލާލުއާއި މުއްޠަލިބު ތިއްބެވެ. އިވެމުންދިޔަ އަޑުތައް ކެނޑި ހޯލްތެރެ ހިމޭންވީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ކައިވެނީގެ ކަންކަން ކުރިއަށް ގެންދިއުމަށް ތައްޔާރުކޮށްފައި ހުރި މޭޒުދޮށުގައި ރާދިންއާއެކު ބިލާލުއާއި މުއްޠަލިބު އިށީނެވެ. މީހުންގަނޑުގެ ތެރެއިން އެއްފަރާތްވެލި ޝިޔާޒު ބެލީ ޤާޟީ އައިސްފިކަން އަފީފާއަށް އެންގުމަށެވެ. އޭނާ އެނބުރި އައިއިރު އޭނާއާއެކު ޝިހާނާއާއި ދެން ވެސް ޢާއިލާގެ ގާތް އަންހެނުންތައް އައެވެ. ޝިހާނާގެ ބޮޑު ހެދުމުގެ ސަބަބުން ގޮނޑީގައި އިށީނުމަށް ވަގުތުކޮޅެއް ނެގިއެވެ. ދަރިފުޅުގެ ދާދި ގާތުގައި އަފީފާ މަޑުކޮށްލައިގެން ހުއްޓެވެ. އެންމެން ހަމަވެއްޖެކަން މުއްޠަލިބު އަންގާލުމުން ޤާޟީ ކައިވެނީގެ ގުޅުމުން ދެ ޒުވާނުން ގުޅުވައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިއެވެ. ފުރަތަމަ ވެސް އިއްވާލީ ދެ ޒުވާނުންގެ ނަމެވެ. ޙަފުލާއަށް އައިސް ތިބި އެއްވެސް މީހަކަށް ރާދިންއަކީ ބިލާލުގެ ދަރިއެއްނޫންކަމެއް ނޭނގެއެވެ.
ހާސްވެފައި ރާދިން އިންއިރު ޝިހާނާ ވެސް އިނީ އެހާލުގައެވެ. ޤާޟީ ދެމުންދިޔަ ނަސޭޙަތް ދެ މީހުން ވެސް އަޑުއެހިއެވެ. އަނބި ޤަބޫލުކުރިކަން ރާދިން ބުނެލިއިރު ވެސް ޝިހާނާއަށް އިނދެވުނީ އިސްޖަހައިގެންނެވެ. އެމީހުންގެ ގާތުގައި ތިބި މީހުން އުފާފާޅުކުރާ އަޑު އިވިގެންދިޔަ ނަމަވެސް އެއިން އެއްވެސް ކަމަކަށް ޝިހާނާއަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާއަށް ރެއަކާލީ ޤާޟީ މޭޒު ދޮށުން ތެދުވީމައެވެ. އެވަގުތު ޝިހާނާގެ ކޮނޑުގައި އަފީފާ ކޮށްޓާ ވެސް ލިއެވެ. ކައިވެނި ކުރެވުނު ދެ ޒުވާނުންނަށް ޤާޟީ ތަހުނިޔާ ކިޔެވެ. އަދި ބިލާލުއާއި މުއްޠަލިބާއެކު އެ މީހުން މޭޒާ ދުރަށް ހިނގައިގަތެވެ.
"ކޮންގްރެޓްސް" ޝިފްނާއާއި ހަލަފްއާ ދެ ޒުވާނުންނަށް ބުނެވުނީ އެއްފަހަރާއެވެ. އެއާއެކު ދެ މީހުން އެކަކު އަނެކަކަށް ބަލާލިއެވެ.
"އަހަރެން ފުރަތަމަ ބުނީ" ޝިފްނާ ބުނެލިއެވެ.
"ޕާޓީ ފެށިއްޖެ... ދެ މީހުން ވާދަކިޔަން ދުރުގައި ތިބޭ" ޝިޔާޒު އައިސް ހަލަފްއާއި ޝިފްނާގެ ކޮނޑުގައި ހިފައި ޝިހާނާއާއި ރާދިންއާ ދުރަށް ގެންދިޔައެވެ.
އަރްސަލްއާއި ޒިވަންއަށް ފުރުޞަތު ލިބުމުން ރާދިންއާއި ޝިހާނާއަށް ކައިވެނީގެ ތަހުނިޔާ ކިޔެވެ. އަދި ދެ މީހުންނާ ދިމާކޮށް ހެދިއެވެ. ހަލަފްއާއި ޝިފްނާ އެއްފަރާތްވެލުމުން އެމީހުންނާއެކު ހުރި ނިމްރާ އެކަނިވިއެވެ. ޝިހާނާމެންނާއެކު ނިމްރާ ނުކުތްތަން ފެނުނީއްސުރެން އަރްސަލް އައީ ސިއްރުން ބަލަމުންނެވެ. ކައިވެނި ކުރަން ބެހެއްޓި މޭޒު ނެގުމާއެކު ކައިވެނި ޙަފުލާގެ ހުރިހާކަމެއް ބަލަހައްޓަމުން ދިޔަ ފަރާތުން ހޯލްގެ ސެޓިންއާ އެއްގޮތްވާ ގޮތުގެ މަތިން އެ ސަރައްޙައްދަށް ބަދަލުތައް ގެނައެވެ. އަދި އެމީހުންގެ ފަރާތުން ހަރަކާތްތެރިވަމުންދިޔަ އަންހެންކުއްޖަކު އައިސް ރާދިންއާއި ޝިހާނާ ގޮވައިގެން އެމީހުން ތިބުމަށް ތައްޔާރުކޮށްފައިވާ ބެކްޑްރޮޕް ކައިރިއަށް ގެންދިޔައެވެ.
"ޒޭވިއާ، މިތަނުން އަންހެންކުއްޖަކު ސެޓުވޭތޯ ބަލަންވީނު" ޒިވަންއާއެކު އެކަނިވީ ވަގުތު އަރްސަލް ބުނެލިއެވެ.
"އެހުރި ޕީޗް ހެދުމުގައި ރަތް އިސްތަށިގަނޑެއްލާފައި ހުރި އަންހެންކުއްޖާއަށް ހަދަނީ ކިހިނެއް، އަންހެނުންތަ ފެނުނީމަ ހިތްބަދަލުވީތަ؟" ޒިވަން ބުނެލީ ދުރުގައި ހުރި ނިމްރާއަށް ލޮލުން އިޝާރާތްކޮށްލަމުންނެވެ.
"އަހަރެން މިދައްކަނީ ޒޭވިއާގެ ވާހަކައޭ، އަހަންނަކަށް އިތުރު އަންހެނެއް ބޭނުމެއްނުވޭ، އަހަރެން ހަނދާނެއްނެތް މިހާ ދުވަސްވީއިރު ކަލޭ ގާލްފްރެންޑޭ ކިޔާފައި އަންހެންކުއްޖަކު ދެއްކި ހަނދާނެއް" އަރްސަލް ބުންޏެވެ.
"ލިބުނީމަ ދައްކާފައި ބުނާނަން ތިހެން، އަދި އެވަރުގެ އަންހެންކުއްޖަކު ނުފެނޭ، ބުނަން... މަށާ ތަތްކުރުވަން އަންހެންކުއްޖަކު ނުހޯދާތި، ތީ ޑޯމްގައި އުޅުނުއިރު އެއްރޭ ދަންވަރު އަހަރެންގެ ކޮޓަރިއަށް އެލެކްސް ވެއްދި މީހެއް... މަށަކަށް އެނގޭ ކަލޭ ކޮއްފާނެކަން އެކަހަލަ ކަމެއް، އެހެންވެ ކުރީބައިގަ މިބުނީ" ޒިވަންގެ ވާހަކައިން އަރްސަލް ފެށީ ހޭށެވެ. އެމީހުންގެ ފުރާވަރުގެ އެންމެ ފަހު އަހަރުތަކުގެ ހަނދާން ކުއްލިއަކަށް އަރްސަލްއަށް އާވެގެންދިޔައެވެ.
"އެލެކްސް ހީވަނީ އަންހެންކުއްޖެއްހެން، ޒޭވިއާ އުޅެނީ ނުލާހިކު ސިއްރުން... އެކަކަށްވެސް ކަލޭ ކުރާކަމެއް ނޭނގޭ، އެލެކްސްއަށް ހުންނަނީ ކަލެއަށް ހިތްކިޔާފައި އޭރު، އަސްލު އެނގޭތަ، ރާދުގެ މާސްޓަރ ޕްލޭނެއް އިނގޭ އެއީ... ހެ ހެ ހެ... އެދުވަސްތައް ދެނެއް ނާންނާނެ، އެއީ ރަންޒަމާން.... އޭރު ލައިފް އެހާ ކޮމްޕްލިކޭޓެޑްއެއްނޫން، މިހާރު ވިސްނަންޖެހޭ އެތައްކަމެއް އެބައޮތް، ޔަގީނުން ވެސް މިހާރު މެޗުއާވެއްޖެކަން އަމިއްލައަށް އިޙްސާސް ކުރެވޭ، ޚާއްޞަކޮށް އަހަންނަށް އެހެރަ އަންހެންކުއްޖާދެކެ ލޯބިވެވުނު ފަހުން ދިރިއުޅުން މުޅިން ބަދަލުވެއްޖެ، އޭނާއާ ނުލާ ދިރިއުޅުމުގެ އެއްވެސް ކަމެއް ނުވިސްނޭ މިހާރު" އަރްސަލްގެ ނަޒަރު ހުރީ ނިމްރާއަށް ހުއްޓިފައެވެ.
"އަރްސަލް، އަހަރެންގެ މަންމަ ގުޅި... އަހަރެން ހުރިހާ ވާހަކައެއް ކިޔައިދީފިން، ދިމާވި މިސްއަންޑަސްޓޭންޑިންގައި ހުރިހާކަމެއް އަރްސަލްއަށް ކިޔައިދޭން ޖެހުނީކަން އަހަރެން ބުނިން، އަދި ނިމްއަށް ދިމާވި ހުރިހާކަމެއް ވެސް... ނިމްގެ ލައިފަށް އަންނަން މަންމަ ބޭނުންވާކަން އަހަންނަށް އެނގޭ، ހިތުގައި އެކަން އެހެން އޮތަސް ކޮންމެފަހަރަކު މަންމަ ފާޅުގައި އެކަމަށް ދެކޮޅު ހަދާ، ނިމްއަށް ދިމާވިގޮތުގެ ވާހަކަތައް ކިޔައިދިނުމުން އަހަރެން ގާތު އެއްވެސް އެއްޗެއް މަންމަ ނުބުންޏަސް މަންމަ ވަރަށް ރުއިކަން އެނގުނު، ޑޭޑް ފަހުން އަހަންނަށް ގުޅީ... މަންމައަށް ވީގޮތެއް އޮޅުންފިލުވަން، ވީ އޯލް މޭކް މިސްޓޭކްސް... މަންމަ އަދިވެސް ބޭނުންވަނީ ވިވިއަންގެ ގޮތުގައި ނިމްއާ ކުރިމަތިލާން، އަރްސަލް... މަންމަ ބޭނުންވޭ ނިމް މެރީކުރާއިރު މިކޮޅުގައި ހުންނަން، އަހަރެން ގާތުގައި ބުނެފައި އޮތީ އަރްސަލްއާ ވާހަކަދައްކަން... އަހަރެން... އަހަރެން ވެސް ބޭނުން މަންމައަށް އެ ފުރުޞަތުދޭން" ޒިވަންގެ ވާހަކަތައް އަރްސަލް އަޑުއެހިއެވެ.
"ހުރިހާކަމެއް އެނގުމުން ނިމްއަށް ވާނޭގޮތަކާމެދު އަހަރެން މިވިސްނަނީ، އޭނާ ރޯތަން ދުށުމަކަށް އަހަންނަށް ކެތެއްނުވާނެ، އޭނާ ވިސްނަނީ ސިކުނޑިއަކުންނޫން... ހުރިހާކަމެއް ގުޅިފައިވަނީ އޭނާގެ ހިތާ... ޒޭވިއާ، އަހަރެން ކަންބޮޑުވޭ ނިމްއަށް ގޮތެއްވެދާނޭތީ، އޭނާއަށް ތަޙައްމަލުނުކުރެވިދާނޭތީ، އޭނާ ނިންމާނީ ކޮންކަހަލަ ނިންމުމެއްކަމެއް އެއްގޮތަކަށް ވެސް ނޭނގޭ، ޚިޔާލަށް ވެސް ނުގެނެވޭ" އަރްސަލް އަދިވެސް ހުރީ ނިމްރާއަށް ނަޒަރު ހުއްޓާލި ގޮތަށެވެ.
"އަހަރެން ތިކަމާ ވިސްނަން، ހަޤީޤަތް ސިއްރުކުރަން ބާރު އެޅީ ވެސް އެހެންވެ، ބަޓް ޝީ ވިލް އޮންލީ ބީ ވިވިއަން ޓު ހާ، މައި މަދާ... ވެޑިންގައި ބައިވެރިވުމަށްފަހު އަނެއްކާ ވެސް ވިވިއަން އޭނާގެ ދުނިޔެއަށް އެނބުރިދާނީ" ޒިވަން ބުންޏެވެ.
"އައި ވިލް ތިންކް އަބައުޓް އިޓް" ޒިވަންގެ ކޮނޑުގައި ޖަހާލަމުން އަރްސަލް ބުންޏެވެ. އަދި އޭނާ ހިނގައިގަތީ ނިމްރާއާ ދިމާއަށެވެ.
"ހާއި ބިއުޓިފުލް" ނިމްރާގެ ފަހަތުން އައިސް އޭނާގެ ކަންފަތްދޮށުގައި ސިއްރުން އަރްސަލް ބުނެލިއެވެ.
"ހުރިހާ ގްރޫމްސްމެން އެއްގޮތަކަށްނޫންތަ ހެދުން އަޅަން އޮތީ" ހިނިތުންވުމަކާއެކު އަރްސަލްއަށް ބަލާލަމުން ނިމްރާ ބުންޏެވެ.
"އަހަރެން އެ ބެލްޓެއް ނާޅާނަން، މިއުޅެނީ ފަޓުލޫނު ވެއްޓޭތީއެއްނޫނޭ" ފާޑަކަށް މޫނު ހަދާލަމުން އަރްސަލް ބުންޏެވެ. އަދި ނިމްރާ ލައިގެން ހުރި ޕީޗުކުލައިގެ ދިގު މެކްސީ ހެދުމަށް ނަޒަރު ހިންގާލިއެވެ.
"އާނާއާއި ރާދު ވަރަށް ގުޅޭ ދޯ... އާނާ ހީވަނީ ޕްރިންސަސްއެއްހެން، އެ ދެ މީހުން ވެސް ހީވަނީ ފެއަރީޓޭލްއަކުން އައިސްތިބި ފްރިންސަކާއި ޕްރިންސެސްއެއްހެން" އަރްސަލްގެ އަތުގައި ހިފާލަމުން ނިމްރާ ބުންޏެވެ. އަޅުކުލައިގެ ސޫޓުގައި މަޑު އޮރެންޖުކުލައެއްގެ ބޯޓައީއެއްގައި ރާދިން ހުރިއިރު ޝިހާނާ ހުރީ ހުދުކުލައިގެ ބޯލްގޯން ސްޓައިލްގެ ކައިވެނި ހެދުމެއްގައެވެ. ދިގުކޮށް އޮތް ދެއަތާއި މޭމަތިން ބައެއް ލޭސްފޮތީގެ ތެރެއިން ހާމަވެފައި އޮތެވެ. ހެދުމުގެ ތިރި ފުއްޕާލައިފައި ހުރިއިރު ފުޅާ ބޮޑު ފަސްބައި ފަހަތަށް ފެތުރިފައި އޮތެވެ. މުޅި ހެދުމުގައިވަނީ މަލުގެ އެމްބްރޮއިޑަރީ މަސައްކަތްކޮށްފައި ލޭހުން ނިވާވެފައެވެ. ބުރަކަށީގެ ބޮޑުބައެއް ހާމައަށް އޮތުމުން ޝިހާނާގެ އިސްތަށިގަނޑު އޮތީ ކޮޅަށް އޮޅިފައި އޮންނަ ގޮތަށް ސްޓައިލްކުރެވި ދޫކޮށްލާފައެވެ. ނިތްކުރިމައްޗަށް އިސްތަށިތައް ވެއްޓިދާނޭތީ ހިފެހެއްޓިފައި ހުރީ ބޮލުގައި އަޅާފައިވާ ރިހިކުލައިގެ ޓިއާރާއިންނެވެ.
"ސްކާލެޓް ވެޑިންޑްރެސް ޗޫޒް ނުކުރަމެންނު އަދި... އެރޭ އަހަރެން..." އަރްސަލް ބުނަން އުޅުނު އެއްޗެއް ބުނިއަކަށް ނިމްރާ ނުދިނެވެ.
"އަހަންނަށް އެނގޭ ތީ ޕާވާޓް ފުރޭތައެއްކަން... އެރޭގެ ވާހަކަދައްކާނެކަމެއްނެތް، މީ ރާދުއާއި އާނާގެ ސްޕެޝަލް ޓައިމް" ނިމްރާ ލޯއަޅާލި ގޮތް ފެނި އަރްސަލްއަށް ހެވުނެވެ.
"ދެން ގިނަ ދުވަހެއްނެތް، ސަލާމަތްވެގެން ދުރަކަށް ނުދެވޭނެ އޭރުން" ހިނިއައިސްފައި ހުރެ އަރްސަލް ބުނެލިއެވެ. އަދި ނިމްރާގެ އުނަގަނޑުގައި ހިފައި ގާތްކޮށްލިއެވެ. އެވަގުތު ނިމްރާއަށް ބިލާލު ގޮވާލިއެވެ. ޝަރުމީނާއި ބިލާލުއާ ދެމީހުން އައިސް އަރްސަލްއާއި ނިމްރާގެ ގާތުގައި މަޑުކޮށްލިއެވެ.
"ދަރިފުޅުމެން ކޮންއިރަކުތަ ކައިވެނީގެ ކަންތައްތައް ނިންމާނީ" ބިލާލު އަހާލިއެވެ.
"މިރެއަކު ގައިމުވެސް ނުވާނެއެއްނު" އަރްސަލް ބުންޏެވެ. އެއާއެކު އޭނާގެ ބަނޑުގައި ނިމްރާ ޖަހާލަމުން ކުދިކިޔާލިއެވެ. ބިލާލު ހުރީ ހައިރާންވެފައެވެ. އޭނާއާ އަރްސަލް ސަމާސާއެއް ކުރި މީ ފުރަތަމަ ފަހަރެވެ. މަޑުމަޑުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"މިރޭގެ ވާހަކައެއްނޫނޭ އެބުނީ" ދަތްކުނޑިވިކާލަމުން ނިމްރާ ބުނެލިއެވެ. ބިލާލު އަޑުވީއްލާ ހީނލިއެވެ. ޝަރުމީނު ވެސް ހުރީ ހިނިއައިސްފައެވެ.
"ސްކާލެޓް ބުނަންވީނު ހުރިހާ ކަމެއް ނިންމާނޭ އިރެއް، އައި އޭމް އޯލްވޭޒް ރެޑީ" ހިނިތުންވެލައިގެން ހުރެ އަރްސަލް ބުނެލިއެވެ. އަދި އޭނާ ނިމްރާއަށް އެއްލޯ މަރާލިއެވެ. ނިމްރާއަށް އަނގަހުޅުވާލެވުނެއް ކަމަކު ބަހެއް ނުބުނެވުނެވެ. ދެން ފެނުނީ ރަކިވިކަން ފޮރުވާލަން ތުންކޮޅު އޫކޮށްލައި ލޯއަޅާލި ތަނެވެ. ބިލާލުއާއި ޝަރުމީނުގެ ކުރިމަތީ އަރްސަލް އެގޮތަށް ސަމާސާ ކޮށްފާނޭ ނިމްރާ ހިޔެއްނުކުރެއެވެ.
"ހިނގާބަލަ މަންމައާއެކު" ޝަރުމީނު އައިސް ނިމްރާގެ އަތުގައި ހިފާލައި އޭނާއާއެކު ގެންދިޔައެވެ.
"އަނގޮއްޓި ހެޔޮވަރުކުރީތަ؟" ނިމްރާގެ އިނގިލީގައި އިން އަނގޮއްޓި ޝަރުމީނަށް ފާހަގަކުރެވިފައިވުމުން އަހާލިއެވެ.
"އަރްސަލް ހެޔޮވަރުކޮށްގެން ގެނެސްދިނީ" ކަށިއިނގީލައި އިން އަނގޮއްޓިއަށް ބަލަމުން ނިމްރާ ބުންޏެވެ.
"މަންމަ ހީކޮށްގެން ހުރީ ނިމްރާއާއި އަރްސަލްގެ ކައިވެނިކަމަށް މިރޭ ކުރެވޭނީ، އެކަމަކު އެނގޭ ކައިވެންޏަކީ އަވަސްއަރުވާލައިފައި ކުރަންވާނޭ ކަމެއްނޫންކަން، މިހާރު ނިމްރާ ފެންނަނީ ކުރިއަށްވުރެ ހަމަޖެހިފައި ހުރިހެން، މަންމަ ބުނަން އޮތް ވާހަކައަކީ މާޒީގައި ކަންތައްވެފައި އޮތްގޮތުން މުސްތަޤުބަލާ މެދު ބިރުނުގަންނާށޭ، އަރްސަލްއާއީ ނިމްރާއަކީ މަންމަގެ ނަޒަރުގައި ވަރަށް ފުރިހަމަ ޖޯޑެއް، ކައިވެނި ކުރެވުމުން ވަރަށް ގިނަ ކަންތައްތައް ދިރިއުޅުމުގައި ހަމަޖެހިގެންދާނެ، ދެމީހުންގެ މައްޗަށް އޮންނަ އިތުބާރު ވެސް ވަރުގަދަވާނެ، މަންމައާއި އަރްސަލްއާ ދެމެދު އެހާ ގާތް ގުޅުމެއްނެތަސް މަންމައަށް ބުނަން ކެރިދާނެ ދަރިފުޅު އުފަލުގައި ބަހައްޓާނެ ބައިވެރިއަކަށް އަރްސަލް ވާނޭ، ދަރިފުޅަކީ މިހާރު އޭނާގެ ދުނިޔެކަން މަންމައާއި ބައްޕައަށް ވެސް ޔަގީންވޭ، އެއީ މީގެ ކުރީން ފެންނާނޭ ކަމަށް އުންމީދު ވެސް ކުރެވުނު އަރްސަލްއެއްނޫން، އަހަންނާއި ބިލާލަކީ ހަމަ ނިމްރާގެ ވެސް މަންމައާއި ބައްޕަ، އަހަރެމެން ނިމްރާގެ ހިތްހަމަޖެހުމާއި އުފާވެރިކަމަށް ވިސްނަން، ދަރިފުޅު ކަމަކަށް ބޭނުންވާ ހިނދު ގާތުގައި ހުންނާނަން، މިހާރު މީ އެއް ޢާއިލާއެއް، ނިމްރާ ކަންބޮޑުވާކަމެއް އޮތިއްޔާ މަންމަ ގާތު ބުނެބަލަ، އެކަން އިރާދަކުރެއްވިއްޔާ ހައްލުކޮށްދޭނަން، ދެން އިތުރަށް ދެ ކުދީން ކައިވެނިނުކޮށް ތިބޭކަށް މަންމައަކަށް ނުފެނޭ، މީ މަންމަގެ ޚިޔާލު އިނގޭ، އަރްސަލްއާ ވެސް މި ވާހަކަ ބައްޕަ ދެއްކި، އެކަމަކު އޭނާގެ ގޮތް ދަރިފުޅަށް ރަނގަޅަށް އެނގޭނެ، އަރްސަލް ކަންތައް ކުރާނީ އޭނާއަށް ފެންނަ ގޮތަކަށް، އަރްސަލް ވެސް ހަމަޖެހޭނެ ނިމްރާ އޭނާގެ ގާތަށް އެއްކޮށް އައީމަ، އެހެންވާން އޮތީ ދެ ކުދީން ކައިވެނި ކުރީމައެއްނު" ނިމްރާ ގޮވައިގެން ގޮސް ޖޫސްތަށްޓެއް ނަގައިގެން މޭޒެއްގެ ދޮށުގައި ޝަރުމީނު އިށީނެވެ.
"އަޅުގަނޑު ކައިވެނިކުރަން ތައްޔާރު، އަރްސަލް ބުނި ދުވަސް ކަނޑައަޅާފައި އޮތް ވާހަކަ" ނިމްރާ މަޑުމަޑުން ބުނެލިއެވެ.
"މަންމަމެންނާ މާދުރުން ނިމްރާ އުޅެނީ، ދަރިފުޅުމެންގެ ކައިވެންޏަށްވާއިރު ދަރިފުޅުމެން ބޭނުންވާގޮތަށް ކަންކަން ނިންމަން ބޭނުންވަނީ، ކައިވެނި ޙަފުލާ ބާއްވަން ބޭނުންވާގޮތުގެ އެއްވެސް ޚިޔާލެއް ދަރިފުޅު ނުދެމެންނު، އަރްސަލް ބުނާނެ ނިމް ބޭނުންވާގޮތެއް ތިމަންނައަށް އޯކޭއޭ" އަރްސަލްގެ އެކްޓު ޝަރުމީނު ޖައްސާލުމުން ނިމްރާއަށް ހެވުނެވެ.
"މަންމަ... ބުނޭ ގަޑިއެއް، އަޅުގަނޑު އަންނާނަން" ނިމްރާ ބުނެލިއެވެ.
"މައްސަލައެއްނެތް، އެކަމަކު އަރްސަލް ބުނިހެން މިރެއަކުދެން އެއްވެސް ކަމެއްނުވާނެ" ޝަރުމީނު ހީނލިއެވެ. އޭނާއާއެކު ނިމްރާ ވެސް ހީނލިއެވެ.
"މިރޭ ނިމްރާ މަޑުކުރަންވީނު މަންމަމެންނާއެކު، ކޮޓަރި ހުންނާނެ، މާދަމާ ހެނދުނު ޢާއިލާއެއްކޮށް ހެނދުނުގެ ނާސްތާކޮށްގެން އަރްސަލްއާއެކު ނިމްރާ އެނބުރި ދާނީ، އެގޮތް ކިހިނެއްވާނީ" ކުއްލިއަކަށް އައި ޚިޔާލު ޝަރުމީނު ދުލުން ބޭރުކޮށްލިއެވެ.
"އޭރުން އަރްސަލް" ނިމްރާއަށް ގޮތެއް ނިންމަން އުނދަގޫވިއެވެ.
"މަންމައެއްނު ދަޢުވަތު މިދިނީ" މޭޒުމަތީ އޮތް ނިމްރާގެ އަތުގައި ޝަރުމީނު ހިފާލިއެވެ. އެއާއެކު ނޫނެކޭ ބުނާކަށް ނިމްރާއަކަށް ނުކެރުނެވެ. މަޑުމަޑުން ނިމްރާ ބޯޖަހާލުމުން ޝަރުމީނު ނިކަން ބޮޑަށް ހިނިތުންވެލިއެވެ.
ރާދިންގެ ގާތުގައި ހުރި އޭނާގެ އަނބިމީހާގެ ރީތިކަމަށް އިރުއިރުކޮޅާ ތާރީފުކޮށްލައެވެ. އަނެއްބައި ފަހަރަށް ޝިހާނާގެ ހެދުން ރަނގަޅުކޮއްލަ ދެއެވެ. ދެ މީހުން ވެސް ތިބީ ޙަފުލާ ނިމުމަކަށް އަންނާނޭ އިރެއްގެ އިންތިޒާރުގައެވެ. ވަގުތު ހިނގަމުން ދިޔަވަރަކަށް އެކުވެރިންނާއި ތިމާގެ މީހުންތައް ޙަފުލާ ދޫކޮށް ދާންފެށުމުން ހޯލްތެރޭގެ އަޑުފަށްގަނޑު މަޑުވެ ލައިވް މިއުޒިކްގެ އަޑު ފާޅުކޮށް އިވެންފެށިއެވެ. ކޮޅަށް ހުރެ ހުރެ ފައިވާޅުވެގެން ބެކްޑްރޮޕް ކައިރީ ޙަފުލާ މެނޭޖުކުރާ ޓީމުގެ ކުއްޖަކު ގެނެސް ބެހެއްޓި ގޮނޑީގައި ޝިހާނާ އިށީނެވެ. ރާދިން ފެންތަށްޓެއް ހިފައިގެން އައިސް އަންހެނުންނަށް ދިނެވެ. އެމަންޒަރު ބަލަން ތިބި އަރްސަލްއާއި ޒިވަން އޭނާއާ ދިމާކޮށްލިއެވެ. އެކަމުގައި ޝިހާނާގެ ހަގަށް ތިބި ޝިފްނާއާއި ސިޔާދު ވެސް ބައިވެރިވިއެވެ.
އެގާރަގަޑި ބައިވިއިރު ޙަފުލާ ނިމި ހޯލުން އެންމެންތައް ނުކުމެއްޖެއެވެ. ދެފަރާތުގެ ޢާއިލާ ފިޔަވައި އިތުރު ބަޔަކު އެތަނަކު ނެތެވެ. ރާދިންއާއި ޝިހާނާއަށް ޓަކައި އަރްސަލްވަނީ ހޮޓެލުން ސުވީޓެއް ތައްޔާރުކޮށްދީފައެވެ. އެމީހުން ހަނީމޫނަށް ފުރުން ލަސްކުރީ ހަފްތާއެއް ފަހުން އަރްސަލްއާއި ނިމްރާގެ ކައިވެނި ހަމަޖެހިފައި އޮތުމުންނެވެ. ރާދިންއާއި ޝިހާނާ ވެސް އެއްބަސްވީ އެގޮތަށެވެ. އެންމެންނަށްވުރެ ކުރީން ރާދިންއާއި ޝިހާނާ ކާރުގައި ހޮޓެލަށް ދާން ނައްޓާލިއެވެ. ޝަރުމީނުގެ ފަރާތުން ނިމްރާ އެރޭ އެމީހުންނާއެކު އެގޭގައި މަޑުކުރަނީކަން އެނގުމުން އެކަމާ އަރްސަލް ހުރީ އުފަލުންނެވެ. އޭނާގެ މޫނުމަތިން އެކަން ފާޅެއްނުކުރެއެވެ. އެހެންނަމަވެސް ހަލަފްއަށް އޭނާގެ އުފާވެރިކަން ނުހިފެއްޓުނެވެ. އަވަހަށް އައިސް ނިމްރާގެ އަތުގައި ހިފާލިއެވެ. އެއާއެކު އަރްސަލް އެދެމެދަށް ވަދެ ނިމްރާ ގޮވައިގެން ޒިވަންއާއެކު ދިޔައެވެ. ދަމުން އޭނާ ބިލާލު ގާތު އެ މީހުން ވެސް ދާނީ ގެއަށް ކަމުގައި ބުނެލިއެވެ. (ނުނިމޭ)