ވިޔަފާރި

މިފްކޯގެ ބޯޓެއް މަރާމާތަށް ގެންގޮސް ލަންކާގައި "ތާށިވެފައި"

Oct 29, 2018
1

ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަސް ބޯޓެއް މަރާމާތަށް ސްރީލަންކާ ގެންދިޔަތާ ހަ މަސް ވެގެން ދިޔައިރު ވެސް ރާއްޖެ އަށް ބޯޓު ނުގެނެވި "ތާށި" ވެއްޖެ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި 11 ފަޅުވެރިންނާއެކު ލަންކާގައި މަރާމާތަށް ގެންގޮސްފައި ވަނީ މިފްކޯގެ "ކަލަމިންޖާ 402" ބޯޓެވެ. އެނގިފައިވާ ގޮތުގައި މަސް ބޯޓު ސްރީލަންކާގައި ތާށިވެފައިވަނީ ބޯޓު މަރާމާތަށް ކުރިން ލަފާކުރި ވަރަށް ވުރެ ގިނައިން ފައިސާ ދައްކަން ޖެހުމުން، އެ ފައިސާ ނުދެއްކިގެން އެވެ. އަދި ބޯޓް ރާއްޖެ ގެނައުން ލަސްވަމުން ދަނީ އެ ފައިސާ ނުދެއްކިގެންކަން އިތުބާރު ހުރި މަސްދަރުތަކުން ވަނީ ޔަގީންވެފަ އެވެ.

ނަމަވެސް، މިފްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ރަމްޒީ އަބޫބަކުރު ވިދާޅުވީ ބޯޓު ރާއްޖެ ނުގެނެވި ލަސްވެފައިވަނީ ފައިސާ ދެއްކުމުގެ މައްސަލައެއް ދިމާވެގެން ނޫން ކަމަށާއި އަންނަ މަހުގެ ފުރަތަމަ ހަފުތާ ހިސާބު ބޯޓު ރާއްޖެ އަންނާނެ ކަމަށެވެ.

"ބޯޓު މަރާމާތަށް ލާފައިވަނީ 18 ވަރަކަށް އަހަރު ދުއްވާފަ. އެހެންވީމަ ވަރަށް ބޮޑު މަސައްކަތް ތަކެއް ކުރަން ޖެހިގެން ލަސްވެގެން ދިޔައީ،" ރަމްޒީ ވިދާޅުވި އެވެ. އެހެން ނަމަވެސް، މިފްކޯގެ ބައެއް އޮފިޝަލުން އަވަސްއަށް ބުނީ، އެ ބޯޓް ބަރާބަރަށް މެއިންޓެއިން ކުރާ ކަމަށެވެ. އަދި ބޯޓްގެ މަރާމާތު ވެސް ނުކުރެވި ލަންކާގެ ޑޮކްގައި އޮންނަތާ ވެސް ހަތަރު ވަރަކަށް މަސްވެފައިވާ ކަމަށެވެ.

މި ފްކޯގައި މަސް ގަތުމުގެ އޮޕަރޭޝަންގައި ތިން ބޯޓެއް ބޭނުންކުރެ އެވެ. އަދި މި ބޯޓު ފަހަރަކީ ވަރަށް ބޮޑަށް ބާވެ، ގިނަ ދުވަސްވެފައިވާ އުޅަނދު ތަކެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ބޯޓެއް ލަންކާގައި މަރާމާތަށް ގެންގޮސްފައިވާއިރު، އެ ކުންފުނީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ވަނީ ހަމަ ޖައްސާފަ އެވެ.

ނަވާރަ ސަތޭކަ ނުވަދިޔަ ތިން ވަނަ އަހަރު އުފެއްދި މިފްކޯ، އެސްޓީއޯގެ ދަށަށް ގެނައިއިރު 300 މިލިއަނެއްހާ ރުފިޔާގެ ދަރަނި އޮތެވެ. އަދި ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލު ކުރިއިރު، އެކި ފަރާތަކަށް ވަނީ އެ ކުންފުނި ދަރާ ވިކިފަ އެވެ. އަދި އެ ކުންފުނީގެ އޮޕަރޭޝަނަށް ކޮންމެހެން ބޭނުންވާ ތަންތަން ވަނީ ހަލާކުވެފަ އެވެ. ހާއްސަކޮށް ކަނޑުއޮތް ގިރި ފަދަ ތަންތަން އޮތީ ވަރަށް ހާލުގަ އެވެ. އަދި މި ބަދަލާއެކު މިފްކޯގެ މާލީހާލަތު ރަނގަޅު ކުރުމަށްޓަކައި 6، ނޮވެމްބަރު 2017 ގައި އެ ކުންފުންޏަށް ސަރުކާރުން 46.3 މިލިއަން ރުފިޔާގެ ލޯނެއް ވެސް ވަނީ ދީފަ އެވެ. އަދި އޭގެ ފަހުން އެސްޓީއޯ އިން ބުނެފައިވަނީ މިފްކޯ އަށް ފައިދާވާން ފަށާފައިވާ ކަމަށެވެ.