ހަބަރު

އިބޫ ހުވާ ކުރައްވާ ތާރީހު ކަނޑައެޅުން މަޖިލީހުގެ ކޮމިޓީއަކަށް

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާނެ ތާރީހު ކަނޑައެޅުމުގެ މައްސަލަ ރައްޔިތުން މަޖިލީހުގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ފާސްކޮށްފި އެވެ.

ގާނޫނު އަސާސީގެ 114 ވަނަ މާއްދާގައި ބަޔާން ކުރާ، ރައިސުލްޖުމްހޫރިއްޔާ ހުވާ ކުރާ ތާރީހު ރައްޔިތުން މަޖިލީހުން ކަނޑައެޅުމާ ބެހޭ މައްސަލަ އާ ގުޅޭ ގޮތުން މިއަދުގެ މަޖިލީހުގައި ބަހުސް ކުރެއްވުމަށް ފަހު ވަނީ ދެ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެއް ހުށަހެޅުމަކީ ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ ހުށަހަޅާފައިވާ ޖުމްހޫރިއްޔާގެ ގާނޫން އަސާސީގެ 301 ވަނަ މާއްދާއަށް ރިއާޔަތްކޮށް އިބޫ އާއި ފައިސަލް ނަސީމް މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޖަލްސާ ބާއްވާ ތާރީހަކީ 11 ނުވެމްބަރު 2018 ކަމުގައި ކަނޑައަޅުމަށެވެ. އެ ހުށަހެޅުން ބަލައި ނުގަތުމަށް 29 މެންބަރުން ވޯޓު ދިން އިރު އެގޮތަށް ކުރިޔަށް ދިޔުމަށް ވޯޓު ދެއްވީ ނުވަ މެންބަރެކެވެ. އެހެންކަމުން އެ ހުށަހެޅުން
ބާތިލުވި އެވެ.

ދެވަނަ ހުށަހެޅުމަކީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ހުށަހެޅުމެކެވެ. އެއީ އެ މައްސަލަ ދިރާސާ ކުރެއްވުމަށް ހަތް މެންބަރުްނގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށެވެ. އެ ގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ ވޯޓުންނެވެ. އެގޮތަށް ފާސް ނުކުރަން ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

ވަގުތީ ކޮމިޓީގެ މެންބަރުން

  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު
  • އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
  • ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް
  • މަތިވެރި ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު
  • ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން
  • ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު
  • ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު

މެންބަރުންގެ މެދުގައިވަނީ އާ ރައީސް، ހުވާ ކުރައްވާނީ ނޮވެމްބަރު 11 ގައި ތޯ ނޫނީ ނޮވެމްބަރު 17 ގައި ތޯއާ މެދު ހިޔާލު ތަފާތުވެފަ އެވެ. އެއީ 2013 ވަނަ އަހަރު ދިމާވި މައްސަލަތަކާ ހެދި ސުޕްރީމް ކޯޓްގެ ހުކުމަކާއެކު މިހާރުގެ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔަމީން އަބްދުލް ގައްޔޫމް ނޮވެމްބަރު 17 ގައި ހުވާކޮށްފައިވާތީ އެވެ. އެހެންކަމުން އެ މައްސަލާގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދުމަށް ބައެއް މެންބަރުން ބޭނުންވެ އެވެ. އަނެއްބައި މެންބަރުން ގަބޫލު ކުރާ ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ނިންމާނީ މަޖިލީހުންނެވެ.