ހަބަރު

ސަރުކާރުން ހުށަހެޅި ތިން ބިލަށް ބޮޑުތަނުން ނޫނެކޭ ބުނެފި

ސަރުކާރު ފަރާތުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ތިން ބިލަކަށް މަޖިލީހުގެ މެންބަރުން ބޮޑުތަނުން މިއަދު ނޫނެކޭ ބުނެފި އެވެ.

މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ގިނަ ދުވަސްތަކެއްވެފައި ހުރި ސަރުކާރު ފަރާތުން އިންތިހާބުގެ ގާނޫނަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަދި ޖަލުތަކާއި ޕޭރޯލްގެ ގާނޫނަށް ގެނައި އިސްލާހުތައް މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާ ވޯޓަށް އަހާފަ އެވެ.

އެގޮތުން އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު ފާސް ކުރަން 15 މެންބަރުން ވޯޓު ދިން ނަމަވެސް ބިލު ބާތިލު ކުރުމަށް 50 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތައް ބާތިލު ކުރުމަށް 66 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ޖަލުތަކާއި ޕޭރޯލްގެ ގާނޫނަށް ގެނައި އިސްލާހުތައް ވެސް ބޭރުކޮށްލީ 61 މެންބަރުންގެ ވޯޓުންނެވެ. އެއާއެކު އެ ތިން ބިލު ވެސް ބާތިލުވި ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އިއުލާން ކުރެއްވި އެވެ.

މީގެ ކުރިން ސަރުކާރު ފަރާތުން ހުށަހަޅާ ހުރިހާ ބިލެއް މަޖިލީހުގެ އަގުލަބިއްޔަތުން ފާސްވެ އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު ޕީޕީއެމްގެ ގިނަ މެންބަރުންގެ ވިސްނުމާއި ރާގު ވަނީ ބަދަލުވެފަ އެވެ.