ރައްޔިތުންގެ މަޖިލިސް

މަސީހާ ދެކޮޅަށް ސޮއި ކުރެއްވީ ރައީސްގެ އެންމެ އަރިސް މެންބަރުން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ހުށަހެޅި ގަރާރުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ވަރަށް އަރިސް މެންބަރުންތަކެއް ސޮއި ކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ މިނިވަން ކުރުމަށް ގޮވާލި ގަރާރުގައި 49 މެންބަރުން ސޮއި ކުރައްވާފައިވާއިރު މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވީ 51 މެންބަރުންނެވެ.

ދެ ގަރާރުގައި ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި ރައީސް ޔާމީންއާ ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ހިނެމެ އެވެ. ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާއެކު މަސައްކަތް ކުރެއްވި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދާއި ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު މުބީން އާއި މަޑެވެލި ދާއިރާގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވެސް ހިމެނެ އެވެ.

އޭގެއިތުރުން ޕީޕީއެމްގެ އިސް މެންބަރެއް ކަމަށްވާ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި އޭދަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ދެ ގަރާރުގައި ސޮއި ކުރައްވާފަ އެވެ.

ދެ ގަރާރުގައި ސޮއި ކުރައްވާފައިވާ ޕީޕީއެމްގެ އެހެން މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާން ފަހުމީ އާއި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހިމާއި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އާއި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އަސްއަދު އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސެއިން މަނިކު ދޮންމަނިކު އެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ގަރާރުގައި އެމްޑީއޭގެ އެއްވެސް މެންބަރަކު ސޮއި ކުރައްވާފައެއް ނުވެ އެވެ. ނަމަވެސް މަސީހުގެ އިތުބާރު ނެތް ކަމަށް އެމްޑީއޭގެ މެންބަރެއް ކަމަށްވާ މަނަދޫ ދާއިރާގެ މެންބަރު އުމަރު ހުސެއިން ވަނީ ސޮއި ކުރައްވާފަ އެވެ. އޭގެ އިތުރުން ރައީސް ނަޝީދުގެ ގަރާރުގައި ސޮއި ނުކުރައްވައި މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރައްވާފައިވަނީ ޕީޕީއެމަށް ނިސްބަތްވާ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ.

އެމްޑީޕީގެ 21 މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ހަތް މެންބަރުންނާއި އަދާލަތު ޕާޓީގެ އަނާރާ ނައީމް އަދި މިނިވަން ދެ މެންބަރުން ކަމަށްވާ އަހުމަދު މަހުލޫފާއި ހުސެއިން އަރީފް ވެސް ސޮއި ކުރައްވާފައިވާ އެ ގަރާރުގައި ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދާ އަށް މެންބަރުންގެ ނަން ނުހިމެނެ އެވެ. ނަމަވެސް އެ މެންބަރުން ވެސް އެ ދެ ގަރާރަށް ތާއިދު ކުރައްވަ އެވެ. އެ އަށް މެންބަރުންގެ ގޮނޑީގެ މައްސަލަ އަވަހަށް ސުޕްރީމް ކޯޓުން ނިންމާނެ އެވެ.