ހަބަރު

ހުވާ ކުރާ ދުވަސް ފާސް ކުރަން އިތުރު ޖަލްސާއެއް ބާއްވަނީ

ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރައްވާނެ ތާރީހު ފާސް ކުރެއްވުމަށް މިއަދު މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ މިއަދުގެ ފުރަތަމަ ޖަލްސާ 2:00 ހާއިރު ނިމިގެން ދިޔަ އިރު މިއަދު 4:00 ހާއިރު ވެސް އިތުރު ޖަލްސާއެއް ބޭއްވުމަށް މަޖިލީހުން ވަނީ ނިންމައިފަ އެވެ. އެ ޖަލްސާގައި ތާވަލުކޮށްފައި ވަނީ ހުވާ ކުރާ ތާރީހާ ގުޅޭ ގޮތުން މަޖިލީހުގެ ވަގުތީ ކޮމިޓީ އިން ނިންމެވި މައްސަލައަށް ވޯޓަށް އެހުމެވެ.

ހުވާ ކުރާ ތާރީހާ ގުޅޭ ގޮތުން ވަގުތީ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު ނިންމާފައި ވަނީ އިބޫ ހުވާ ކުރުމުގެ ޖަލްސާ ނޮވެމްބަރު 17 ގައި ބޭއްވުމަށެވެ. އެގޮތަށް ނިންމީ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު އަދި ރައީސް ޔާމީން ސޮއި ކުރައްވާފައިވާ އިގުރާރުގައި 17 ނޮވެމްބަރުން ފެށިގެން ރައީސް ޔާމީންގެ ދައުރު ފަށާ ކަމަށް ބުނެފައިވާ ޑޮކިއުމަންޓެއް މަޖިލީހުގައި އޮތުމާ ގުޅިގެނެވެ. އަދި މަސްލަހަތު ހުރި ގޮތަށް ކުރިޔަށް ގެންދެވުމަށް އިބޫ ވެސް
ބޭނުންފުޅުވާ ކަމަށް ވިދާޅުވުމާއެކުގަ އެވެ.