ހަބަރު

ހަތަރު މެންބަރެއްގެ ގޮނޑީ މައްސަލާގައި މާދަމާ ހުކުމް އިއްވަނީ

އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑީގެ މައްސަލާގައި މާދަމާ ސުޕްރީމް ކޯޓުން ހުކުމް ކުރުމަށް ނިންމައިފި އެވެ.

މާދަމާއަަށް ތާވަލްކޮށްފައިވަނީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލަ އެވެ.

ސިނާން އާއި އަބްދުﷲ ގޮނޑީގެ މައްސަލާގައި މި މަހުގެ 11 ވަނަ ދުވަހު އަޑުއެހުމެއް ބާއްވައި، އެ ދުވަހު ވަނީ މައްސަލާގެ އަޑުއެހުންތައް ވެސް ނިންމާލާފަ އެވެ. އިލްހާމާއި ސައުދުﷲގެ ގޮނޑީގެ މައްސަލާގެ އަޑުއެހުން ބޭއްވީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އަޑުއެހުންތައް އެ ދުވަހު ވެސް ނިންމާލި އެވެ.

އެ ހަތަރު މެންބަރުންގެ އިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އަދި ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު އަލީ ޝާހްގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލާފަ އެވެ. ބެލެވޭ ގޮތުގައި އެ މެންބަރުންގެ މައްސަލާގައި ވެސް ވަރަށް އަވަހަށް ގޮތް ނިންމާނެ އެވެ.

މީގެކުރިން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަދި ދިއްދޫ ދާއިރާގެ އަބްދުލް ލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފަ އެވެ.