ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ސުޕްރީމް ކޯޓަށް އިލްތިމާސްކޮށްފައިވާ ގަރާރު ރައްޔިތުންގެ މަޖިލީހުން މިރޭ ބަލައިގެންފި އެވެ.
ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ 48 މެންބަރުންނެވެ. އަދި ގަރާރު ބޭރުކޮށްލުމަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ދޭން ނުފެންނަ ކަމަށް ފަސް މެންބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން ރިޔާސަތުން އެނގެވީ އެ ހުށަހެޅުން ފާސްވެފައިވާ ކަމަށާއި އެ މައްސަލަ މިނިވަަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.
އެ ގަރާރުގައި ރައީސް ނަޝީދާ މެދު ފުލުހުންނާއި ކޯޓުތަކުން އަމަލުކޮށްފައިވާ ގޮތް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ. އަދި ގާނޫން އަސާސީ އާއި ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ ހިލާފަށް އެމަނިކުފާނުގެ މައްޗައް ޝަރީއަތް ހިންގާ ހުކުމްކޮށްފައިވާ ކަމަށް ބުނެ އެކަމުގެ ތަފްސީލްތައް ވެސް ވަނީ ހިމަނާފަ އެވެ.
އެކަންކަމަށް ރިއާޔަތްކޮށް ގަރާރުގައި އިގުރާރުވެފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ބާތިލްކޮށްދިނުމަށާއި އެމަނިކުފާނު ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަކަށް ވަޑައިގެން އެނބުރި ރާއްޖެއަށް ވަޑައިގެންފައިނުވާތީ ކަމަށްބުނެ ކްރިމިނަލް ކޯޓުން 29 އޮގަސްޓް 2016 ވަނަ ދުވަހު ނެރެފައިވާ ހައްޔަރު އަމުރު ބާތިލުކޮށްދިނުމަށެވެ. އަދި 2010 އަހަރު ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މުލަކު ދާއިރާގެ މެންބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި މާމިލިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގާނޫނާ ހިލާފަށް ހައްޔަރުކުރިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުުފުލާފައިވާ ޓެރަރިޒަމްގެ މައްސަލަ ބާތިލްކޮށްދިނުމަށެވެ.
އެ މައްސަލަތައް އަދުލްއިންސާފު ގާއިމް ކުރުމުގެ ދާއިރާގެ ތެރެއިން ކުރިޔަށް ގެންދިޔުމަަށާއި އެ މައްސަލަތައް ބެލުމަށް ޕްރޮސެކިއުޓާ ޖެނަރަލް އަށާއި ސުޕްރީމް ކޯޓަށް ގަރާރުގައި ވަނީ އިލްތިމާސް ކުރާ ކަމަށް އެ ގަރާރުގައިވެ އެވެ.
ގަރާރު މަޖިލީހަށް ވައްދާފައި ވަނީ 49 މެންބަރުންގެ ސޮޔާއެކުގަ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ގިނަ މެންބަރުން ވެސް ހިމެނެ އެވެ. އެ ގަރާރަށް ބަހުސް ކުރެއްވި ޕީޕީއެމްގެ މެންބަރުން ވެސް ވަނީ ރައީސް ނަޝީދު މިނިވަން ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.