ކުޅިވަރު

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ލެސްޓާގެ ޗެއާމަން މަރުވެއްޖެ

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ހެލިކޮޕްޓަރު އެކްސިޑެންޓުގައި ލެސްޓާ ސިޓީގެ ޗެއާމަން ވައިކާ ސްރިވާޑަނާޕްރަބާ މަރުވެއްޖެ އެވެ.

ތައިލެންޑްގެ ރީޓެއިލް ވިޔަފާރިވެރިޔާ އަދި ބިލިއަނަރު ސްރިވާޑަނާޕްރަބާ ދަތުރު ކުރި އޭނާގެ ޕްރައިވެޓް ހެލިކޮޕްޓަރު އެކްސިޑެންޓްވީ، ލެސްޓާ ސިޓީގެ ކިންގު ޕަވާ ސްޓޭޑިއަމްއިން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓިގެންނެވެ. އޭނާގެ އިތުރުން އިތުރު ހަތަރު މީހަކުވެސް އެ ހާދިސާގައި މަރުވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައި އެވެ.

ސްރިވާޑަނާޕްރަބާގެ ޗެއާމަންޝިޕު ކަމުގެ ދަށުން، ލެސްޓާ އިން ވަނީ 2016 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ބޮޑެތި ކުލަބުތައް ފަހަތައް ޖައްސާލުމަށް ފަހު އެ އަހަރު ލެސްޓާއިން ދުނިޔޭގެ އެންމެ ވާދަވެރި ލީގް ޗެމްޕިއަންކަން ހޯދުމަށް ކުރި ދަތުރުގައި، އޭނާ ގެންގުޅުނު ބިޒްނަސް މޮޑެލް ގިނަ ބަޔަކަށް ކަމުދިޔަ އެވެ.

އެ އެސޯސިއޭޝަނުން ބުނެފައި ވަނީ، މިވަގުތަކީ ތައިލެންޑްގެ ފުޓްބޯޅަ އާއިލާއަށްވެސް ހިތާމަވެރި ވަގުތެއް ކަމަށެވެ. މިއަދު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ލެސްޓާ ސިޓީ ކުޅޭ މެޗުގައި، ސްރިވާޑަނާޕްރަބާގެ ހަނދާނުގައި ދެ ޓީމުގެ ކުޅުންތެރިންވެސް ކުޅޭނީ ކަޅު ބޭންޑު އަޅައިގެންނެވެ.