ހަބަރު

ހެދުނު ގޯސް ތަކުރާރު ނުކޮށް، ރައްޔިތުންނަށް ހިދުމަތްކޮށްދޭނަން: މައުމޫން

ކޯލިޝަން އިން ކުރިން ހެދި ގޯސް ތަކުރާރު ނުވާ ގޮތަށް، އެކަކު އަނެކަކަށް އިނގިލި ދިއްނުކޮށް ރައްޔިތުންނާއި ގައުމުގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާާޅުވެއްޖެ އެވެ.

ޕީޓީއައިއަށް އީމެއިލް މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން ވިދާޅުވީ މި ސަރުކާރުން ވަނީ މަދު ބައެއްގެ ފައިދާއަށްޓަކައި ނިޒާމްތަކާ ކުޅެ، ޑިމޮކްރަސީގެ ބާރު ކަނޑުވާލުމަށް މަސައްކަތްކޮށްފައި ކަމަށެވެ. އެ މަންޒަރު ދިވެހި ރައްޔިތުންނަށް ފެނި އިންތިހާބުގައި ނިކުމެ ސަރުކާރު ބަލިކޮށްފައިވާ ކަމަށާއި ވެރިކަން ބަދަލުވުމުގެ މަރުހަލާ ދެން އޮމާންކަމާއެކު ކުރިޔަށްދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

އާ ސަރުކާރުން ދެން މަސައްކަތް ކުރަނީ ގައުމަށް އަމާން ކަމާއި ހަމަޖެހުމާއި ކުރިއެރުން ގެނެސްދެއްވުމަށް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި ކުރިން ހެދުނު ގޯސްތައް ތަކުރާރު ނުކޮށް، އެއްބަޔަކު އަނެއް ބަޔަކާ އިނގިލި ދިއްނުކޮށް ރައްޔިތުންނާއި ގައުމުގެ ހައްގުގައް މަސައްކަތް ކުރައްވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އާ ސަރުކާރުގެ ފުރަތަމަ މަސައްކަތަކަށް ވާނީ މިދިޔަ އަހަރު ތެރޭގައި ދިވެހިން ތަޖުރިބާ ކުރި ސިޔާސީ ހިތި ދުވަސްތަކުން ނިކުމެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާ ކުރަން،" މައުމޫން ވިދާޅުވި އެވެ. "އެއްބަޔަކު އަނެއް ބަޔަކާ އިނގިލި ދިއްކުރުމުން އަރައިގެނެ، ކުރިން ހެދުނު ގޯސް ތަކުރާރު ނުކޮށް ރައްޔިތުންގެ ހައްގުގައް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރަން،"

އެ އިންޓަވިއުގައި މައުމޫން ވަނީ ރާއްޖޭގެ ޑިމޮކްރަސީ އިއާދަ ކުރުމަށް އިންޑިޔާއިން މިހާރުގެ ސަރުކާރަށް ޕްރެޝާކޮށްގެން ކުރެއްވި މަސައްކަތްތަކަށް ތައުރީފް ކުރައްވައިފަ އެވެ. އަދި އިންޑިޔާގެ ކަންބޮޑުވުންތަކަށް އާ ސަރުކާރުން ފަރުވާތެރިކަމާއެކު ބަލާނެ ކަމުގެ ޔަގީން ކަން ވެސް މައުމޫން ދެއްވި އެވެ.