ވިޔަފާރި

ބީއެމްއެލް އިސްލާމިކް އިން އާ ޖެނެރަލް ފައިނޭންސިން ޕްރޮޑަކްޓެއް ތައާރަފްކޮށްފި

Oct 29, 2018
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް މިއަދު ޖެނެރަލް ފައިނޭންސިން ޕްރޮޑަކްޓެއް ތައާރަފްކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މި ފެސިލިޓީގެ ދަށުން ޝަރީޢާ ހުއްދަކުރާ ކޮންމެ ބޭނުމަކަށްވެސް 50،000 ރުފިޔާއިން ފެށިގެން މަތީ އަދަދެއްގެ ފައިނޭންސް ހަމަޖެހޭނެ އެވެ. ޕްރޮޖެކްޓުގެ ނުވަތަ ގަންނަން ބޭނުންވާ ތަކެތީގެ ޖުމްލަ އަގުގެ 70 ޕަސެންޓާ ހަމަޔަށް ބޭންކުން ފައިނޭންސް ހަމަޖައްސައިދޭއިރު މަހުންމަހަށް ފައިސާ ދައްކާ ޚަލާސްކުރުމަށް 12 މަހުގެ ގްރޭސް ޕީރިއަޑަކާއެކު 10 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުހައްމަދު ޝަރީފް ވިދާޅުވީ އިސްލާމީ އުސޫލުތަކުގެ މަތިން ތަފާތު އެކި ކަންކަމަށް ބޭނުންވާ ފައިނޭންސް ފެސިލިޓީއެއް ތައާރަފްކުރެވުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ހިދުމަތާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ހަރުމުދާ ގަތުމާއި، އާ ވިޔަފާރި އެއް ފެށުމަށާ އަދި ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިނޭންސަށްވެސް އެދި ހުށަހެޅޭނެ އެވެ. މިއާއެކު ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކަށް މިވަނީ އިތުރު ފުރިހަމަކަމެއް ގެނެވިފަ،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިން އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗުންނާއި އަދި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ކޮންމެ ބްރާންޗަކުން ވެސް ޖެނެރަލް ފައިނޭންސް އަށް އެދި ހުށަހެޅޭނެ އެވެ.