ހަބަރު

ހުއްދަ ނެތި ރުއްގަސް ކެނޑުން އާންމުވެއްޖެ!

މި ފަހަކަށް އައިސް މީހުން ދިރިއުޅޭ ރަށްރަށުން، ހުއްދަ ނެތި ގިނަ އަދަދަކަށް ރުއްގަސް ކަނޑައި ވިޔަފާރި ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށާއި އެފަދަ ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

ވިޔަފާރީގެ ބޭނުންތަކަށް ހުއްދަ ނެތި ގިނަ އަދަދަކަށް ރުއްގަސް ކެނޑުމާއި އުފުރައިގެން ނެގުމަކީ މަނާ ކަމެކެވެ. އަދި އެއީ ތިމާވެއްޓަށް ގެއްލުންދިނުމުގެ ކުށުގައި ބޮޑު އަދަދަކުން ޖޫރިމަނާ ވެސް ކުރެވޭ ކަމެކެވެ.

މިކަމާ ގުޅިގެން އީޕީއޭއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ފަހަކަށް އައިސް މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެފަދަ ކަންކަމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން އީޕީއޭގެ ހުއްދަ ލިބިގެން ކުރެވޭ ކަންކަމަށް ވާއިރު، މިގޮތަށް ރުއްގަސް ކެނޑުމާއި، ނެގުމާއި، އުފުރުން ނުވަތަ އެއް ރަށުން އަނެއް ރަށަށް ގެންދެވޭނީ ކޮންމެހެން އެނޫން ގޮތެއް ނެތިގެން ހަމައެކަނި ޒަރޫރީ ބޭނުމަށް ކަމަށް އީޕީއޭ އިން ބުންޏެވެ. އެހެން ނަމަވެސް އެފަދަ ހާލަތެއް ނެތި، އީޕީއޭގެ ހުއްދައެއް ވެސް ނެތި ބައެއް ފަރާތްތަކުން ރުއްގަސް ކަނޑަމުންދާތީ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ވެސް އީޕީއޭގެ ބަޔާނުގައި ބުންޏެވެ.

ހުއްދަ ނެތި ގިނަ އަދަދަކަށް ރުއްގަސް ކަނޑާ ފަރާތްތަކަށް އީޕީއޭ އިން ފިޔަވަޅު އަޅަން ފަށާފައިވާއިރު، ނ މާފަރުގައި އަލަށް ހެދި އެއާޕޯޓް ސަރަހައްދުގައި އިންދުމަށް އެރަށުގެ މީހަކު 18 ވަރަކަށް ރުއް، އެރުއްތަކުގެ ވެރިފަރާތުން ވިއްކި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެކަމާ އެރަށުގެ މީހުން ކައުންސިލަށް މައްސަލަ ޖެއްސުމުން ކައުންސިލުން މިހާރު ވަނީ އެކަން ހުއްޓުވާފަ އެވެ.

ހުއްދަ ނެތި ރުއްގަސް ކަނޑައި، ނައްތާލައިގެން އީޕީއޭއިން ވަނީ ދާދި ފަހުން ހައުސިން މިނިސްޓްރީވެސް ޖޫރިމަނާ ކޮށްފަ އެވެ. މާލޭ ރިންގް ރޯޑާއި ފުވައްމުލަކު ރިންގް ރޯޑްގައި ހުރި ގަސްތައް ހުއްދަ ނެތި ކަނޑައި ނައްތާލައިގެން ހައުސިން މިނިސްޓްރީ ވަނީ 250،000 އަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފަ އެވެ.