ވިޔަފާރި

އޮމާން އެއާގެ އާ ފްލައިޓް ރާއްޖެއަށް އުދުހެން ފަށައިފި

Oct 29, 2018

އޮމާން އެއާގެ އާ ފްލައިޓް، ވެރިރަށް މަސްކަޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދަތުރުތައް ފަށައިފި އެވެ.

ސަން ސިޔާމް ގްރޫޕުގެ ޖެނެރަލް ސޭލްސް އެޖެންޓު ކަމުގެ ދަށުން ރާއްޖެ އަށް ދަތުރުކުރާ އޮމާން އެއާގެ އާ އެއާކްރާފްޓް "ބީ737 މެކްސް އެއާކްރާޓް"ގެ ދަތުރު ފެށުން ބޭއްވުމަށް ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

އެ ކުންފުނިން ބުނީ 162 ގޮނޑީގެ އޮމާން އެއާގެ ބީ737 މެކްސް އެއާކްރާޓްގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ ދަތުރުކުރާ ފަސިންޖަރުންނަށް ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ.

އޮމާން އެއާގެ "ބީ 737 މެކްސް" މަރުކާގެ އެއާކްރާފްޓް މަޝްހޫރު ވެފައިވަނީ އާޖީލުގެ މަތިންދާ ބޯޓުގެ ގޮތުގަ އެވެ. މި މަރުކާގެ ބޯޓު ފަހަރު ބޮއިން ކުންފުނިން ފަރުމާކޮށްފައިވަނީ ހަރަދު ކުޑަ އަދި ގިނަ މީހުން އުފުލޭނެ އަދި ދިގު ދަތުރުތަށް ކޮށްލެވޭ ބޯޓެއްގެ ގޮތުގަ އެވެ. މިގޮތުން މި މަރުކާގެ ބޯޓު ފަހަރުގެ ތެލުގެ ހަރަދު އާއްމު ބޯޓު ފަހަރާ އަޅާ ބަލާއިރު 40 ޕަސެންޓް ކުޑަ އެވެ.