ދިވެހި ޕްރެމިއާ ލީގް

ގުރީންގެ މައްޗަށް އީގަލްސްއިން ހައިރާން ކުރުވަނިވި ނަތީޖާއެއް

ދިވެހި ޕްރިމިއާ ލީގްގެ މިއަދު ހަވީރު ކުޅުނު މެޗުގައި، ކުލަބު ގުރީން ސުޓްރީޓްގެ މައްޗަށް 7-0 ގެ ތަފާނަތީޖާއަކުން ކާމިޔާބު ހޯދައި ކުލަބު އީގަލްސްއިން ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެފި އެވެ.

މިއީ، 2013 ވަނަ އަހަރުގެ ފަހުން، ދިވެހި ޕްރިމިއާ ލީގްގައި ފުރަތަމަ ޑިވިޝަންގެ ދެ ޓީމު ކުޅުނު މެޗެއްގައި، މިހާ ތަފާތު ބޮޑު ނަތީޖާއެއް ނިކުތް ފުރަތަމަ މެޗެވެ. ފަސް އަހަރު ކުރިން، 2013 ވަނަ އަހަރު ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ މެޗުގައި، ނިއު ރޭޑިއަންޓާއި، ވީބީ އައްޑޫ އެފްސީ ކުޅުނު މެޗުގައި ނިއު އިން ވަނީ ވީބީގެ މައްޗަށް 10-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެފަ އެވެ.

މިއަދު ކުޅުނު މެޗުގައިވެސް އީގަލްސްގެ ތަރިއަކަށްވީ، ފޯވަޑް އަހްމަދު ރިޒްވާން 'ރިޒޭ' އޭވެ. އޭނާ ވަނީ މި މެޗުގައިވެސް ހެޓުރިކު ހަދާފަ އެވެ. އީގަލްސްއިން ޖެހި ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބު ކުރީ އޭނާ އެވެ.

ގުރީންގެ ހަތް ލަނޑުގެ ތެރެއިން ފަސް ލަނޑު އެ ޓީމުން ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އީގަލްސްއަށް ގުރީންގެ ގޯލް ހުޅުވައިދިނީވެސް ރިޒޭ އެވެ. އޭނާ ވަނީ މެޗުގެ 25 ވަނަ މިނެޓްގައި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ ޖެހިގެން އައި މިނެޓްގަ އެވެ.

ދެ ވަނަ ހާފުގައި އީގަލްސްއަށް ގޯލް ހުޅުވާލަދިނީ ހަސަން ރާއިފް އަހްމަދު 'ހަންނަ' އެވެ. އޭނާ ވަނީ ދެ ވަނަ ހާފު ފެށިގެން 10 ވަނަ މިނެޓްގައި ލަނޑު ކާމިޔާބު ކޮށްފަ އެވެ. ރިޒޭ ހެޓްރިކު ފުރިހަމަ ކުރީ، މެޗުގެ 62 ވަނަ މިނެޓްގަ އެވެ.

މެޗުގެ އެންމެ ފަހު 10 މިނެޓްގައި އީގަލްސްއިން ތިން ލަނޑު ކާމިޔާބު ކުރި އެވެ. އޭގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ނާއިމް އެވެ. އޭނާ ލަނޑު ޖެހީ 80 ވަނަ މިނެޓާއި 87 ވަނަ މިނެޓްގަ އެވެ.

އީގަލްސްގެ ހަތް ވަނަ ލަނޑު ރިޒޭ ކާމިޔާބު ކުރީ މެޗުގެ 92 ވަނަ މިނެޓް ގަ އެވެ.