އިދިކޮޅު އިއްތިހާދަށް ނިސްބަތްވާ މެންބަރުން ރައްޔިތުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުވާ ކަމަށް ބުނެ، ޕީޕީޕީއެމްގެ މެންބަރުން އިދިކޮޅު މެންބަރުން މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެބޭފުޅުންގެ އިހުލާސްތެރިކަމާ މެދު ސުވާލުތަކެއް
ފެންމަތި ކުރައްވައިފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓް ކަނޑައެޅުމާ ގުޅޭ ގޮތުން ބޭއްވި ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ކޮރަޕްޝަންގެ ވާހަކަތައް އެންމެ ގަދަޔަށް ދައްކަވަނީ އިދިކޮޅު މެންބަރުން ކަމަށެވެ. ނަމަވެސް އެފަދަ އަމަލުތައް ހުއްޓުވަން އޮންނަ އެންމެ މުހިންމު މުއައްސަސާ، އޮޑިޓް އޮފީހަށް ބަޖެޓް ކަނޑައެޅުމާ ގުޅޭ ގޮތުން ކުރެވޭ ބަހުސްއެއްގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މަދު މެންބަރަކު ބައިވެރިވުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު ވެހެމުން ދިޔަ ބޯވާރޭގައި ވެސް ޕީޕީއެމް، އެމްޑީއޭގެ މެންބަރުން މަޖިލީހަށް ވަޑައިގެންނެވީ ވަރަށް ހާލުން ކަމަށާއި ޖަލްސާއެއްގެ ކޯރަމް ހަމަކޮށްލަދޭން ވެސް ޖެހެނީ ސަރުކާރު ކޯލިޝަންގެ މެންބަރުން ކަމަށެވެ. ކަންކަން ރަނގަޅު ކުރަން އިދިކޮޅު މެންބަރުން ވަކާލާތު ކުރައްވާއިރު، މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވަނީ ކިއްވެތޯ ނިހާން ތަކުރާރުކޮށް ސުވާލު އުފެއްދެވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު މެންބަރުން ކުރާ ކަމަކީ ސައިކޮޓަރީގައި ނާސްތާ ކުރެއްވުމެވެ. ނޫނީ ލަވާޒާ ކޮފީ މެޝިނުން ކޮފީ ބެލެއްވުމެވެ.
"ސައިމާލަމުގައި އެބޭފުޅުންނަށް ނިކަން ރަނގަޅު މިންވަރަކަށް ބްރެކްފާސްޓް [ނާސްތާ] އެބަހުރި. އިއްޒަތްތެރި ރައީސް އެކަން ވަރަށް ރަނގަޅަށް ކޮށްދެއްވާފައި އެ ހުރީ. އެ ކަންތައްތައް ބަރާބަރަށް އެބަ ބޭނުން ކުރައްވާ. އަރިމަތިން ލަވާޒާ މެޝިންތަކުން ކޮފީ ބައްލަވައިގެން އެ ތިއްބަވަނީ. އެކަމަކު އޮޑިޓް ކުރުމަށްޓަކައި، މި ސަރުކާރުގެ އިދާރާތައް އޮޑިޓް ކުރުމަށް ޓަކައި އޮޑިޓް އޮފީހުގެ ބަޖެޓްގެ ރިޕޯޓް އަޑުއައްސަވާލެއްވުމަށް ނުވަތަ މިތަނަށް ވަޑައިގެން މިއަށް ކޮމެންޓެއް ކޮށްލުމަށް މި ޖަލްސާގައި ބައިވެރިވެ ކޯރަމް ހަމަކޮށްލެއްވުމަށް ބައިވެރިވަޑައިނުގެން ހަމަ މި ޗެމްބަރުން ބޭރުގައި. މަޖިލީހުގެ ތެރެއަށްވާ ސަރަހައްދުގައި އެބޭފުޅުން އެބަ އުޅުއްވާ. ކޮންމެ ކަމަކަށް ފާޑުކިޔަން ވަރަށް ފަސޭހަވާނެ. ރައްޔިތުންގެ ހައްގޭ ވިދާޅުވެވަޑައިގަންނަވަން ފަސޭހަވާނެ،" ނިހާން ވިދާޅުވި އެވެ.
ސައިމާލަމުގައި އެބޭފުޅުންނަށް ނިކަން ރަނގަޅު މިންވަރަކަށް ބްރެކްފާސްޓް [ނާސްތާ] އެބަހުރި. އިއްޒަތްތެރި ރައީސް އެކަން ވަރަށް ރަނގަޅަށް ކޮށްދެއްވާފައި އެ ހުރީ. އެ ކަންތައްތައް ބަރާބަރަށް އެބަ ބޭނުން ކުރައްވާ. އަރިމަތިން ލަވާޒާ މެޝިންތަކުން ކޮފީ ބައްލަވައިގެން އެ ތިއްބަވަނީ.އަހުމަދު ނިހާން ހުސެން މަނިކު - ޕީޕީއެމްގެ ޕީޖީ ލީޑަރު
އޭނާ ވިދާޅުވީ ގޮނޑި ގެއްލުނުކަމަށް ބުނާ 12 މެންބަރުންގެ ތެރެއިން ގިނަ މެންބަރުންގެ މައްސަލަތައް ވެސް މިހާރު ނިމިފައިވާ އިރު އެ މެންބަރުން ވެސް މިއަދު ޖަލްސާއަށް ވަޑައިނުގެންނެވުމަކީ، ރައްޔިތުންގެ ހައްގުގައި އެބޭފުޅުން ދައްކާ ވާހަކަތަކުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ވަރުގެ ކަންކަން ކަމަށެވެ. އަދި އެބޭފުޅުން ރެޔާ ދުވާލު މަގުމަތީގައި ކުރެއްވި މަސައްކަތްތަކުގެ ބޭނުމެއް މިއަދު ނެތްކަމަށް ފެންނަ ކަމަށް ނިހާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މެންބަރުން [ޕީޕީއެމް/އެމްޑީއޭގެ މެންބަރުން] މިހާ ދަތިހާލުގައިވެސް މިއަދު މަޖިލީހަށް ވަޑައިގެން ތަޅުމުގައި މި ހިނގާ މުހިންމު ބަހުސްގައި ބައިވެރިވެ، އަންނަ އަހަރުވެސް ކުންފުނިތައް އޮޑިޓްކޮށް ކުންފުންޏަކުން އެއްޗެއް ނަގާފައި އޮތްކަމަށް ވާނަމަ އެކަން ބެލޭނެ ގޮތަށް އަޅުގަނޑުމެން ތަރުތީބުވެގެން އައިރު ކޮބައިތޯއޭ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕާޓީތަކުގެ މެންބަރުން؟ ހާއްސަކޮށް އެމްޑީޕީގެ މެންބަރުން ކޮބައިތޯއޭ؟ ކޮބައިތޯ ގޮނޑިތައް ލިބިވަޑައިނުގެން ރެޔާއި ދުވާލު މަގުމަތީގައި ހޭދަކުރެއްވި މެމްބަރުން؟ ގޮނޑިތައް ލިބިވަޑައިގަތީމަ، އެ ބޭފުޅުން ޗެމްބަރަށް ވަޑައިގަންނަވަން ބޭނުމެއް ނުވި،" ނިހާން ވިދާޅުވި އެވެ.
މަޖިލިސްގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އިއުލާން ކުރެއްވި ގޮތުގައި މަޖިލީހަށް ހާޒިރުވީ، 25 މެންބަރުން އެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 75 އެެވެ. މިއަދުގެ މަޖިލީހަށް ގިނައިން ހާޒިރުވީ ޕީޕީއެމް އާއި އެމްޑީއޭގެ މެންބަރުން އެވެ.
ނިހާންގެ ފާޑުކިޔުންތައް އޮއްސާލައްވަމުން އިތުރަށް ވިދާޅުވީ، ކަންކަމަށް ފާޑުކިޔަން ފަސޭހަވާނެ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ މެންބަރުން ވެސް ބޭނުންވާ ކަމެއް ކުރަންވީމާ މަޖިލީހަށް ހާޒިރުވާތަން ފެންނަ ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި އޮތް އެންމެ ގަރާރަކަށް ބަހުސްކޮށްލުމަށް އެމްޑީޕީގެ މެންބަރުން ވެސް ގިނައިރު މަޖިލީހުގެ ހޭދަކުރެއްވި ކަމަށް ނިހާން ވިދާޅުވި އެވެ. އެކަމަކު ގައުމީ ބޮޑު ކަމެއްގައި ބަހުސްކޮށްލަން އެމްޑީޕީގެ މެންބަރުންނަށް ވެސް ނުކުރޭ ކަމަށް ނިހާން ވިދާޅުވި އެވެ.
"ދުލުން ބުނެލީމާ އަދި ކަންކަން ރަނގަޅު ނުވާނެކަން ކުރިއަށް އޮތްތަނުގައި ފެނިގެން ދާނެ. މީގެ ކުރިން ދުވަހު ބޭއްވި ބައްދަލުވުމުގައި މިދައުރުގެ ފުރަތަމަ ބައްދަލުވުމުގައި. މި ޗެމްބަރުގައި މަނިކުފާނުވެސް ދެ ޖަލްސާ ބާއްވައި ދެއްވައި. އެ ޖަލްސާތަކުގައި ޗެމްބަރުގައި ގިނައިރު ހޭދަކުރެއްވި ހާއްސަކޮށް އެމްޑީޕީ މެންބަރުން ވަކި ގަރާރަކަށް ވާހަކަ ދައްކަވަން ވީމާ އެބޭފުޅުން ވަރަށް ހަރަކާތްތެރި. އެކަމަކު މިއަދު އެބޭފުޅުން ކޮބައިތޯ،" ނިހާން ވިދާޅުވި އެވެ.
ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވެސް ވިދާޅުވީ އިދިކޮޅު މެންބަރުން ރައްޔިތުންގެ ފައިސާއިން ނާސްތާ ކުރައްވައި ނަމަވެސް މަޖިލީހުގެ ޗެމްބަރަށް ވަޑައިނުގަންވާ ކަމަށެވެ. އަދި އެބޭފުޅުންނަކީ ކޮރަޕްޝަނާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލައްވާ ބޭފުޅުން ކަމަށާއި ކޮރަޕްޝަން ހުއްޓުވަން އޮޑިޓް އޮފީސް މުހިންމުވާއިރު އެބޭފުޅުންނަށް ބަޖެޓް ދޭން ބަހުސްކޮށްލަން އިދިކޮޅު މެންބަރުންނަށް ނުކެރުމަކީ އަޖައިބުވާން ޖެހޭ ކަމެއް ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.
"ކުރީ ދުވަހުގެ ޖަލްސާއަށް މީހުން ގިނަ ކަމުން މިތަނަށް ވަދެ ނުލެވޭ. ސަބަބަކީ ދެ ގަރާރެއްގެ ކަންތައް އެޖެންޑާގައި އޮތީމައި. ބޮޑަށް ނަޝީދު މިނިވަންކުރަން ވާހަކަ ދައްކަން އެބޭފުޅުންނަށް މިތަނަށް ވަޑައިގެންނެވުނު. އެކަމަކު މިއަދު އެބޭފުޅުންނެއް ނެތް،" އަލީ އާރިފް ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ، އައިބީ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އޮޑިޓް އޮފީހަށް ބޮޑު ބަޖެޓެއް ދޭން އިދިކޮޅު މެންބަރުން ބޭނުން ނުވާ ކަމަށެވެ. އަދި ވައްކަންތަކާއި ކޮރަޕްޝަންތައް ބަލަން އޮޑިޓް އޮފީހުން ބޭނުންވާ ވަރަށް ބަޖެޓް ދޭން އިދިކޮޅުން ބޭނުން ނުވާކަން މިއަދުގެ ޖަލްސާގެ ހާޒިރީވެސް އެނގިގެންދާ ކަމަށް އައިބީ ވިދާޅުވި އެވެ.
"އެބޭފުޅުން ބަޖެޓް ދޭން ބޭނުން ނުވާކަން މި ފެންނަނީ. އެބޭފުޅުން ދައްކާވާހަކަ ދިމަލެއް ނުވޭ،" އައިބީ ވިދާޅުވި އެވެ. "އަޅުގަނޑު މިއަދުވެސް މި ގޮވާލަނީ މިދައުރުގައި ވައްކަމެއް ކޮށްފަ އޮތިއްޔާ ބަލަން. މަޖިލީހަށް ހާޒިރުކޮށްގެން ބަލާށޭ. އެކަމަކު ނުކެރޭނެ ގެންނާކަށް. އެއްޗެއް ނުހުންނާނެ ވިއްޔާ،"
ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާންގެ ފާޑުކިޔުންތައް އިދިކޮޅަށް އަމާޒު ކުރައްވަމުން ވިދާޅުވީ، މަޖިލީހުގައި މުހިންމު ބަހުސެއް ހިނގާއިރު އިދިކޮޅު މެންބަރުންގެ ބައިވެރިވުން ނެތުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. މީގެ ކުރިން އެބޭފުޅުން މަޖިލީހުގެ ނިޒާމު ނަގާލީ ހައްގުތަކެއް ގެއްލިގެން ދާ ކަމަށް ބުނެ ނަމަވެސް، ހައްގުތައް ލިބުމުން ވެސް މަޖިލީހުގެ ތެރެއިން ނުފެންނަ ކަމަށް ޖަމީލް އުސްމާން ވިދާޅުވި އެވެ.