ރައީސް މުހައްމަދު ނަޝީދު

އިބޫގެ ސަރުކާރު ދަމަހައްޓަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ނަޝީދު

Oct 31, 2018
5

ރާއްޖެ ވަޑައިގަތުމަށް ފަހު އެންމެ މުހިންމު ކަމެއް ދެއްވާނީ، އިންތިހާބީ ރައީސް މުހައްމަދު ސޯލިހު، އިބޫގެ ވެރިކަން ބަދަހި ގޮތުގައި ދެމެހެއްޓުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލުހުކުމާ ގުޅިގެން ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. އަދި އެ މަނިކުފާނު ރާއްޖެ ވަޑައިގަތުމުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމާ ގުޅިގެން އެއްވެސް ފަރާތަކުން އެމަނިކުފާނުގެ މައްޗަށް ފިޔަވަޅެއް ނޭޅުމަށް އަންގާ ވަގުތީ އަމުރެއް ނެރެފަ އެވެ. އަދި ޕީޖީއިން އެދިގެން އެމަނިކުފާނުގެ މައްސަލަ މިހާރު ދަނީ ރިވިއު ކުރަމުން އެވެ.

ރާއްޖެޓީވީގެ 60 މިނެޓް ޕްރޮގްރާމަށް އެމަނިކުފާނު މިރޭ ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާ ތަނުން ހައްޔަރު ނުކުރާނެ ގޮތަށް ކަންތައްތައް ހަމަޖެހިފައި އޮތުމަކީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެމަނިކުފާނު އަމިއްލަފުޅަށް މައްސަލަ ސުޕްރީމް ކޯޓަށް ހުށަނޭޅުއްވީ މީގެ ކުރިން އެކި ފަހަރުމަތިން އެ މަނިކުފާނުގެ ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވުމުގެ ސަބަބުން ކަމަށެވެ. އަދި އެމަނިކުފާނުގެ މައްސަލައިގައި މިހާރު އަމަލު ކުރެވެމުންދާ ގޮތަކީ ނިޒާމުގެ ނެތް ގޮތެއް ނޫން ކަމަށާއި މިފަހަރު އެމަނިކުފާނު، "ތަކެއްޗާ އެކު" މިނިވަންވާނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިވާހަކަ އަޅުގަނޑަށް މި އޮތީ ވަރަށް ކުރުކޮށް ދެންނެވެން. ޖަލުގައި ހުރެފައި ގެޔަށް ދޫކޮށްލާއިރު ބުނާނެ ތަކެއްޗާ އެކުއޭ މި ދޫކޮށްލަނީ. ދެން އެހެން ބުނެފިއްޔާ އެއީ އެކީ މިނިވަން ވެގެން ގެޔަށް ދެވޭނެ ކަމުގެ އުފާވެރި ހަބަރު އެއީ. އެއީ ދެން ވަރަށް އުފާވެރި ވަގުތުކޮޅެއް. މިފަހަރު ވެސް އަޅުގަނޑު މި ބަލަނީ، މިފަހަރު އަޅުގަނޑު މާލެ މިދަނީ ތަކެއްޗާ އެކުއޭ. އެބޭފުޅުން އަޅުގަނޑު މިނެރެނީ ތަކެއްޗާ އެކުއޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، 2008 ވަނަ އަހަރުގެ ގާނޫނު އަސާސީއަށް ފަހު ރާއްޖޭގެ ވެރިކަމުގެ ކަންކަން ދަނީ، ބައެއް ފަހަރު މަތިން އަނެއް ބައިފަހަރު އަޑިން ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ ވޯޓުން ނޫން ގޮތަކަށް ވެރިކަން ބަދަލުވެގެން ނުވާނެ އެވެ. އަދި ރައީސް ޔާމީންއަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވެނީ، އެމްޑީޕީއިން އެ ނޫން ގޮތަކަށް ވެރިކަން ބަދަލުވާން ބޭނުން ނުވީމާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެހެން ކަމުން، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ރާއްޖެ އައުމަށް ފަހު ސިޔާސީ މަސައްކަތުގައި ދެމި ހުންނާން. އަޅުގަނޑުގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ، އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އެކުލަވާލައި އެމަނިކުފާނުގެ ރައީސްކަން ދެމެހެއްޓުމަށް އެ ހިދުން އެހިދަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމަށް. ހަމަ ޔަގީނުން ވެސް އަޅުގަނޑު އެކަން ކުރާނަން. އެ މަގުގައި އަޅުގަނޑު ހުންނާނެ،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެތޯ ސުވާލުކުރުމުން ނަޝީދު ވިދާޅުވީ، ރައްޔިތުން މަޖިލީހުގައި އެމްޑީޕިއިން ވާދަކުރާނެ ދާއިރާތަކާއި ރައްޔިތުންނަށް ވާނެ ވައުދުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މަޖިލީހުގެ އިންތިހާބުގެ މަސައްކަތުގައި ވެސް އެމަނިކުފާނު އިސްކަން ދެއްވާނީ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމުގެ މަގަށް މަސައްކަތް ކުރެއްވުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނުގެ އެންމެ މުހިންމު މަސައްކަތް ޕުޅަކަށް ވާނީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަރުކާރު އެކުލަވާލުމަށް އެހީތެރިވެ އެމަނިކުފާނުގެ ރައީސްކަން ދެމެހެއްޓުން ކަމަށް ނަޝީދު ވިދާޅުވި އެވެ.