ދިވެހި ޕްރެމިއާ ލީގް

ސާމިރުއަށް ހެޓްރިކު، ޓީސީން ލީޑް ދަމަހައްޓައިފި

މުހައްމަދު ސާމިރުގެ ހެޓްރިކުން، ފޯކައިދޫގެ މައްޗަށް 5-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ތާވަލުގެ އެއް ވަނައިގައި ޓީސީން ދަމަހައްޓަމުން އަންނަ ލީޑްގައި އެ ޓީމުން ދަމަހައްޓައިފި އެވެ.

ޓީސީން ހޯދި މޮޅާއެކު އެ ޓީމު ވަނީ 33 ޕޮއިންޓް ހޯދާފަ އެވެ. ތާވަލުގެ އެއް ވަނައިގައި އެ ޓީމު އޮތީ، ފަސް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާއަށް ހޯދިފައި ވަނީ 28 ޕޮއިންޓެވެ.

މެޗުގައި ޓީސީގެ ފުރަތަމަ ލަނޑު 13 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް މަހްދީ ހުސައިން ‘ހަބޭސް އިއްބެ’ އެވެ. ސާމިރު އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، މެޗުގެ 41 ވަނަ މިނެޓްގަ އެވެ.

ޓީސީއަށް ތިން ލަނޑުގެ ލީޑެއް ނަގައި ދިނުމަށްފަހު، އޭނާގެ ހެޓްރިކު ހަދަން އޭނާ އަށް ބޭނުންވީ، ހަތަރު މިނެޓް އިތު އެވެ. ޓީސީގެ ތިން ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ، މެޗުގެ 53 ވަނަ މިނެޓްގަ އެވެ. ޙެޓްރިކު ހެދީ 57 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ.


ޓީސީ އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް އަލީ އަޝްފާގް ‘ދަގަނޑޭ’ ވަނީ ލަނޑުޖަހާފަ އެވެ. މި މެޗުގައިވެސް އޭނާ ލަނޑެއް ކާމިޔާބު ކުރި އެވެ. ޓީސީގެ ފަސް ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 77 ވަނަ މިނެޓްގަ އެވެ.

ފޯކައިދޫގެ ހަމައެކަނި ލަނޑު މެޗުގެ 99 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު އުސާމު އެވެ.

މިމެޗަށް ފަހު ލީގް އަނެއްކާވެސް މެދު ކަނޑާލާނެ އެވެ. އެއީ އަންނަ އާދިއްތަ ދުވަހު ގައުމީ ޓީމު މެލޭސިއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗު ކުޅުމަށެވެ. އެ މެޗަށް މިހާތަނަށް ގައުމީ ސްކޮޑި އެފްއޭއމުން އިއުލާން ކޮށްފައެއް ނުވެ އެވެ. ނަމަވެސް މެލޭސިއާއަށް ދާން ޓީކެޓްވެސް ވަނީ ނަގާފަ އެވެ.