ނިއު ޔޯކް (އޮކްޓޯބަރު 30) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ހަށިގަނޑު ވީތަނެއް ބުނެދިނުމަށް ސައުދީ ސަރުކާރަށް އދ. އިން ވެސް ގޮވާލައިފި އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާގެ ރައީސް މިޗޭލް ބެޗެލޭ ވިދާޅުވީ، ހެއްކާއި ގަރީނާތައް ބެލޭ ގޮތަށް ހިންގޭ މިނިވަން ތަހުގީގަކަށް ފުރުސަތު ދިނުމަށް ބައިނަލްއަގުވާމީ ތަޖުރިބާކާރުން ހިމަނަންޖެހޭ ކަމަށެވެ.
ބެޗެލޭ އިތުރަށް ވިދާޅުވި ގޮތުގައި، ޚާޝުގްޖީގެ ހަށިގަނޑުގެ އޯޓޮޕްސީއެއް ހަދައިގެން ތަހުގީގު ކުރިއަށް ގެންދިއުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށާއި، އެކަމަށްޓަކައި ޚާޝުގްޖީގެ ހަށިގަނޑު ވީތަނެއް ސައުދީ ސަރުކާރުން ބުނެދޭންޖެހޭ ކަމަށެވެ.
ޚާޝުގްޖީގެ ގާތިލުންނަށް ދައުވާކޮށް، ހައްގު އަދަބު ދޭނެ ކަމަށް ސައުދީގެ ފޮރިން މިނިސްޓަރު އާދިލް-އަލް ޖުބައިރު ވަނީ ވިދާޅުވެފަ އެވެ.
ބަހުރެއިންގައި ބޭއްވި ކޮންފަރަންސްއެއްގެ ތެރެއިން، ޖުބައިރު ވަނީ ހުޅަނގުގެ މީޑިއާ މުޅި މައްސަލަ ފިތުނަ އާއި ހަމަނުޖެހުން އުފެދޭ ގޮތަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވައިފަ އެވެ.
ޚާޝުގްޖީގެ ގާތިލުންނަށް އަދަބު ދޭނީ ސައުދީން ކަމަށް ޖުބައިރު ވިދާޅުވެފައިވަނީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ 18 މީހަކު ތުރުކީއަށް ފޮނުވަން ސައުދީ ސަރުކާރުގަައި އެދެން ތުރުކީން ނިންމާފައިވަނިކޮށެވެ.
"މި މައްސަލައިގައި އިހުލާސްތެރިކަމާއެކު އިންސާފު ހޯދައި ދިނުމަށް ތުރުކީގެ އަދުލު އިންސާފުގެ ނިޒާމު އޮތީ މާ ރަނގަޅަށް ތައްޔާރުވެފައި،" ތުރުކީގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވެފަައިވެ އެވެ.
ޚާޝުގްޖީ މަރާލި މައްސަލައިގެ ތުހުމަތުވާ މީހުން ފޮނުވަން ތުރުކީން އެދޭ އިރު ޚާޝުގްޖީ މަރަން އަމުރުކުރި ކާކުކަން ހާމަކުރުމަށް ތުރުކީގެ ރައީސް ރަޖަބްތޮއްޔިބު އުރުދުޣާން ވަނީ ގޮވާލައްވާފަ އެވެ.
ވެރިކަން ކުރާ އޭކޭ ޕާޓީގެ މެމްބަރުންނާ މުހާތަބު ކުރައްވައި ވެރިރަށް އަންކާރާގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވަނީ ތަކުރާރުކޮށް އެސުވާލު ކުރައްވާފަ އެވެ.
"އަމުރު ކުރީ ކާކު؟ 15 މީހުން ތުރުކީއަށް އަންނަން އަމުރުކުރީ ކާކު؟" އުރުދުޣާން ސުވާލުކުރެއްވި އެވެ.