ދުނިޔެ

ޚާޝުގްޖީ މަރުގެ ޝަރީއަތާމެދު އދ. އިން ސުވާލު އުފައްދައިފި

Jan 5, 2019

ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ މައްސަލާގައި، ސައުދީ އަރަބިއްޔާގައި ފަށާފައިވާ ޝަރީއަތް އިންސާފުވެރިވާނެ ކަމާމެދު އދ. އިން ސުވާލު އުފައްދައިފި އެވެ.

ޚާޝުގްޖީގެ މަރުގެ ތުހުމަތުކުރެވޭ 11 މީހެއްގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކަށް މަރު އަދަބު ދޭން ސައުދީގެ ޕްރޮސެކިޔުޓަރުގެ އޮފީހުން އެދޭނެކަމަށް ސަރުކާރުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ނޫސްވެރިޔާގެ މަރުގެ މައްސަލާގައި "ބައިނަލްއަގުވާމީ ބައިވެރިވުމާއެކު" މިނިވަން ތަހުގީގެއް ހިންގުމަށް އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ އޮފީހުގެ ތަރުޖަމާނު ރަވީނާ ޝާމްދަސާނީ އިއްޔެ ވަނީ ސައުދީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.

އަދި އެއްވެސް މީހަކަށް މަރުގެ އަދަބު ދިނުމާއިވެސް ދެކޮޅު ކަމަށް އދ. ވަނީ ތަކުރާރުކޮށްފަ އެވެ.

އެ މައްސަލައާއި ގުޅެގޮތުން މިހާތަނަށް ތުރުކީ ސަރުކާރުން ހޯދާފައިވާ ހެކިތައް ހޯދުމަށް އެދިފައިވާކަމަށް ވެސް އެ ބަޔާނުގައި އިތުރަށް ބުންޏެވެ.

ސައުދީ ޝާހީ އާއިލާއާ ކުރިން ގާތް ގުޅުމެއް އޮތުމަަށް ފަހު، ފަހުން އެއާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ޚަޝޫގްޖީ ވީތަނެއް ނޭނގޭ ކަމަށް ބުނުމަށްފަހު، ނޫސްވެރިޔާ މަރުވެފައިވަނީ އޭނާއާ ސުވާލުކުރި ސައުދީ އޮފިޝަލުންތަކަކާ ދެމެދު ހިނގި "މާރާމާރީއެއްގައި" ކަމަށް ފަހުން ވަނީ ބުނެފަ އެވެ.

ޚާޝުގްޖީ މަރާލުމުގައި ތުހުމަތުކުރެވޭ މީހުން ތުރުކީ އާއި ހަވާލުކުރުމަށް އެ ގައުމުން ދަނީ ތަކުރާރުކޮށް ސައުދީ ސަރުކާރަށް ގޮވާލަމުންނެވެ.

ޖަމާލް ސައުދީ އެމްބަސީއަށް ދިޔައީ، ތުރުކީ އަންހެނަކާ ކައިވެނިކުރުމަށް އޭނާގެ ވަރީގެ ސެޓްފިކެޓް ހޯދަން ކަމަށްވެ އެވެ.

ތުރުކީ ސަރުކާރުން ގަބޫލުކުރާ ގޮތުގައި، އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އޮކްޓޯބަރު 2 ވަނަ ދުވަހު ޚާޝުގްޖީ ވަނުމާ އެކު ކަރުގައި ހިފައިގެން އޭނާ މަރާލާފައިވާ ކަމަށެވެ.