އެއް އަހަރު ފަހުން ގައުމީ ޓީމާ ދުރުގައި ހުންނަން ޖެހުމަށް ފަހު، އީގަލްސްގެ އިތުބާރު ފޯވަޑް އަހްމަދު ރިޒްވާން 'ރިޒޭ' އަށް ގައުމީ ސްކޮޑުން ފުރުސަތު ދީފި އެވެ.
ބައިނަލްއަގުވާމީ އެކުވެރި ކަމުގެ މެޗެއްގައި އަންނަ ހޮނިހިރު ދުވަހު ގައުމީ ޓީމު މެލޭޝިއާ އާ ދެކޮޅަށް ނިކުންނާ އެވެ. އެ މެޗަށް އެކުލަވާލި ސްކޮޑުން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ވަނީ ސާފު ޗެމްޕިއަންޝިޕްގެ ފައިނަލު ސްކޮޑުގައި ހިމެނުނު 20 ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިން ބާކީ ކޮށްފަ އެވެ.
ސާފް ޗެމްޕިއަންޝިޕުގެ ސްކޮޑުން ބާކީ ކުރި ތިން ކުޅުންތެރިންނަކީ، ނިއު ރޭޑިއަންޓްގެ ރިހާމް އަބްދުލް ގަނީ 'ބޮބީ' އާއި މާޒިޔާގެ މުޖުތާޒު މުހައްމަދު 'މުޖޭ' ގެ އިތުރުން މާލޭ ލީގުގައި ޔުނައިޓަޑް ވިކްޓަރީއަށް ކުޅުނު ގޯލްކީޕަރު ތޮލާލް ހަސަން 'ޓޮޕްލެކް' އެވެ.
ސްކޮޑުން ބާކީ ކުރި ބޮބީ އާއި މުޖޭ އަދި ޓޮޕްލެކްގެ ބަދަލުގައި ސްކޮޑުން ފުރުސަތު ދިނީ ރިޒޭގެ އިތުރުން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލު ސްކޮޑުން ބާކީ ކުރި ޒުވާން ދެ ކުޅުންތެރިންކަމަށްވާ، ކުލަބު އީގަލްސްގެ މުހައްމަދު ނާއިމް އާއި ގްރީން ސްޓްރީޓްގެ އަބްދުﷲ ޔާމީން އެވެ.
މީގެ ކުރިން ރިޒޭ އަށް އެންމެ ފަހުން ގައުމީ ޓީމުން ފުރުސަތު ދީފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ. މިދިޔަ ސީޒަން ފެށުނުއިރު، ސީޒަން ކުރީކޮޅުގައި ރިޒޭއަށް ބައިވެރި ނުވެވުނެވެ. އެއީ އޭނާގެ އަންހެނުންނަށް ބޭސްފަރުވާ ކުރަން ރާއްޖެއިން ބޭރުގައި ހުންނަން ޖެހުމުންނެވެ.
ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ގްރީން ސްޓްރީޓްގެ ގޯލްކީޕަރު އިބްރާހިމް ލަބާން 'ލަބޯ' އަށް 20 ކުޅުންތެރިންގެ ސްކޮޑުން ފުރުސަތު ލިބިދާނެ ކަމަށް ހީކުރެވުނު ނަމަވެސް، ތިން ގޯލް ކީޕަރުންގެ ބަދަލުގައި މެލޭޝިއާ އާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުން ފުރުސަތު ދީފައި ވަނީ ދެ ގޯލްކީޕަރުންނަށެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި، ކީޕަރު މުހައްމަދު ފައިސަލް އާއި މާޒިޔާގެ ގޯލް ކީޕަރު ހުސައިން ޝަރީފު އެވެ.
ރޭ ފޯކައިދޫއާ ދެކޮޅަށް ޓީސީއަށް ހެޓްރިކު ހެދި، މުހައްމަދު ސާމިރަށް ސްކޮޑުން ފުރުސަތެއް ނުލިބެ އެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް އެކުލަވާލި 27 ކުޅުންތެރިންގެ ސުކޮޑުން އޭނާ އަށް ފުރުސަތު ދިނެވެ. އޭނާގެ އިތުރުން ޓީސީގެ އިޝާން އިބްރާހިމް 'ސައްޓު' އަށްވެސް ގައުމީ ޓީމުން ފުރުސަތު ދީފައެއް ނުވެ އެވެ.