ސާފް ޗެމްޕިއަންޝިޕްގެ ފައިނަލު މެޗުގައި، ރާއްޖޭގެ ޑިފެންސު ބަލަހައްޓަމުން ދިޔަ، ކެޕްޓަން އަކުރަމް އަބްދުލް ގަނީއަށް އަނިޔާ ވެގެން، ބަދަލު ކޮށްދިނުމަށް އޭނާ އެދުނު ވަގުތަކީ ދިވެހި ސަޕޯޓަރުންނަށް ބަލަން ފަސޭހަ ވަގުތެއް ނޫނެވެ.
އޭނާގެ ބަދަލުގައި، ކުޅެން އެރުވީ އެކަހަލަ ޕްރެޝަރު މެޗެއްގައި މީގެ ކުރިން ކުޅެފައި ނުވާ، އީގަލްސްގެ އަހްމަދު ނޫމާން 'ހެލްމެޓް' އެވެ. ސާފް ޗެމްޕިއަންޝިޕަކީ ގައުމީ ޓީމުގައި އޭނާ އަށް ލިބުނު ފުރަތަމަ ފުރުސަތެވެ. ސެމީ ފައިނަލުގައި ނޭޕާލާ ދެކޮޅަށް މެޗުގެ އެންމެ ފަހު 10 މިނެޓްގައި އޭނާ ކުޅުނު މެޗަކީ، ގައުމީ ޓީމު ޖޯޒީގައި އޭނާ ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.
ނަމަވެސް، އުނދަގޫ ފުރުސަތެއްގައި ހެލްމެޓަށް ލިބުނު ފުރުސަތުގައި އޭނާ މޮޅަށް ކުޅެނެވެ. ޓީމުގެ ހުރި އެންމެ އިތުބާރު ޑިފެންޑަރުގެ ބަދަލުގައި އޭނާ ކުޅެން އަރައި، އޭނާ ޓީމުގެ ފަހަތަށް އިތުބާރު ހޯދައިދިނެވެ. އޭނާ ބުނީ، އެފަދަ ބޮޑު މެޗަކުން ފުރުސަތެއް ލިބި މޮޅަށް ކުޅެވުމުން އޭނާގެ އަމިއްލަ ނަފުސަށް ވެސް ބޮޑު އިތުބާރެއް ލިބިގެން ދިޔަ ކަމަށެވެ.
"އަކޫ [އަކުރަމް] އަކީ ހުރިހާ ގޮތަކުންވެސް އަޅުގަނޑަށް ވުރެ މޮޅު ތަޖުރިބާކާރުކުޅުންތެރިޔެއް، އެކަހަލަ ކުޅުންތެރިޔެއްގެ ބަދަލުގައި ކުޅެން އަރަން ޖެހުމަކީވެސް އަޅުގަނޑަށް ލިބުނު ފަހްރެއް،" ހެލްމެޓް،25 ވާހަކަ ދެއްކި އެވެ. "އަބަދުވެސް ދެކޭ ހުވަފެނެއް ގައުމީ ޓީމަށް ކާމިޔާބު ހޯދައިދޭން ހިއްސާވެ ދިނުން، ފައިނަލު މެޗުގައި ލިބުނު ފުރުސަތުގައި އަޅުގަނޑަށްވެސް އިހްސާސް ކުރެވުނު ވަރަށް ރަނގަޅަށް ކުޅެވުނު ކަން."
ފައިނަލު މެޗުގައި އޭނާ ދެއްކި ކުޅުމާއެކު، ކޯޗުގެ ވިސްނުން ބަދަލުވުމުގެ ފުރުސަތު ބޮޑެވެ. ފުރަތަމަ 11 އަށް ހެލްމެޓްގެ ނަން ހިމެނުމުގެ ފުރުސަތު ބޮޑެވެ. އޭރުން ޓީމުގެ ޑިފެންސުގައިވެސް ވާދަވެރިކަން ބޮޑުވެގެންދާނެ އެވެ.
ގައުމީ ކޯޗު، ޝެގަޓް ބުނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ވުމުގައި ހެލްމެޓްގެ ދައުރު ބޮޑު ކަމަށެވެ. ފައިނަލު މެޗުގައި ކުއްލިއަކަށް ދަނޑަށް ނިކުމެ އޭނާ ދެއްކި ކުޅުން ޝެގަޓް ވަރަށް ބޮޑަށް ފާހަގަ ކުރި އެވެ.
"ހެލްމެޓް އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިޔެއް އަދި ވަރަށް މަޑުމައިިތިރި ރަނގަޅު ކެރެކްޓާއެއް، ފުރަތަމަ އަހަރެން ފުރުސަތު ދިނީ އޭނާއަށް ކުޑަ ވަގުތު ކޮޅެއްގައި ނަމަވެސް ކެތްތެރި ކަމާއެކު އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރި، އެކަން އެ މެޗުގައި ފެނިގެން ދިޔަ،" އޭނާގެ ޑިފެންޑަރަށް ތައުރީފު ކުރަމުން ޝެގަޓް ބުންޏެވެ.
"އަހަރެމެންގެ ކެޕްޓަން އަކޫއަށް އަނިޔާވީމަ ކުއްލިއަކަށް ދަނޑަށް އަރަން ޖެހުނީމަ އޭނާ [ހެލްމެޓް] މެޗަށް ނިކުތީ ޕްރީ ވޯމްއަޕެއް ނެތި، އަހަރެން އޭނާއަށް ކުޑަކުޑަކޮށް ކިޔާލަ ދިނީ، އެކަމަކު މެޗަށް އަރައި ވަރަށް ރަނގަޅަށް ކުޅުނު، އޭނާ އެ މެޗުގައި ދެއްކި ކުޅުމުން އަހަންނަށް ވަރަށް ބޮޑަށް ހިތްހަމަޖެހުމެއް ލިބުނު."
އަންނަ ހޮނިހިރު ދުވަހު މެލޭޝިއާ ދެކޮޅަށް، ގައުމީ ޓީމު ކުޅޭ މެޗުގައި ޓީމުގެ ޑިފެންސުގައި ހެލްމެޓްއަށް ބޮޑު ރޯލެއް ދޭނެ ކަމަށް ބެލެވެ އެވެ. ސާފު ޗެމްޕިއަންޝިޕަށް ފަހު އޭނާ އަށް ބޮޑު އިތުބާރެއް އެބައޮތެވެ. ސާފު ޗެމްޕިއަންޝޕަކީ އޭނާ ދެކުނު ހުވަފެނެކެވެ.