އަންނަ ހޮނިހިރު ދުވަހު މެލޭޝިއާ އާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅޭ މެޗަކީ، ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓްގެ އެންމެ ފަހު މެޗު ކަމަށް، ފެތުރެމުންދާ ވާހަކަތަކާ ގުޅޭގޮތުން ސުވާލު ކުރުމުން، އެ ސުވާލަށް އެކަށޭނެ ޖަވާބެއް ނުދެ އެވެ.
ބައިނަލްއަގުވާމީ އެކުވެރި ކަމުގެ މެޗެއް ކުޅުމަށް، ގައުމީ ޓީމު މެލޭޝިއާ އަށް ފުރާފައިވާއިރު، ރަށުތެރޭގައި އެނބުރެމުންދާ ވާހަކައަކީ، އެމެޗަކީ ރާއްޖޭގެ ކޯޗު ކަމުގައި ޝެގަޓް ހޭދަ ކުރާ ފަހު މެޗު ކަމަށެވެ. އެވާހަކަތައް ފެތުރެމުންދާއިރު އޭނާގެ ކޮމެންޓަކީ ކޮބައިތޯ ސުވާލު ކުރުމުން ޗާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޝެގަޓް ބުނީ، މިއީ އޭނާގެ "ފަހު މެޗު ކަމަށް ހިތަށް އެރި ފުރަތަމަ ފަހަރު" ކަމަށެވެ.
ގައުމީ ޓީމުގެ ބައެއް ސުޓާފުން އޭނާއާ ދެކޮޅަށް މަސައްކަތް ކުރަމުން ދާކަމަށް އަޑު ފެތުރެމުންދާއިރު، އެކަމާ ބެހޭގޮތުން ޝެގަޓް ބުނީ މީހެންނެވެ.
"[ޖޯސެފް 'ޕެޕް'] ގާޑިއޯލާ ފަދަ ބައެއް ކޯޗުން ބުނެފައިވާ ފަދައިން ހުރިހާ އެންމެންގެ ފަރާތުން އަހަންނަކަށް ލޯތްބެއް ނުލިބޭނެ." ޝެގަޓް ވާހަކަ ދެއްކި އެވެ. "އަހަރެން އަބަދުވެސް ބުނަން، ސާފު ޗެމްޕިއަންޝިޕުގައިވެސް އެފްއޭއެމް އާއި ބައްސާމްގެ ފަރާތުން އެއްވެސް ޖެހިލުންވުމެއް ނުފެނޭ އާ ޖީލަށް ފުރުސަތު ދިނުމުގައި، ކޮންމެ މުބާރާތެއްގައިވެސް ކޮންމެ ޓީމެއްގައިވެސް ބައެއް މީހުން އުޅޭނެ ތަންކޮޅެއް އަވަސްވެ ގަންނަ މީހުން ކަންކަން އެންމެ ރަނގަޅަށް ނުދާ ވަގުތުތަކުގައި، އަހަރެންގެ ފަރާތުން އަހަރެން މިހުރީ ވަރަށް ޕޮޒިޓިވްކޮށް."
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް 'ދަގަނޑޭ' އާ ބެހޭގޮތުން ސުވާލު ކުރުމުން ޝެގަޓް ބުނީ، މިހާރު ގައުމީ ޓީމުގައި މިތިބީ، މިވަގަތު ދެކުނު އޭޝިއާގައި ތިބި އެންމެ މޮޅު ޓީމުގެ ކުޅުންތެރިން ކަމަށާއި، އޭނާ ވާހަކަ ދައްކާނީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނާ ބެހޭގޮތުން ކަމަށެވެ.
ޓީސީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ، މުހައްމަދު ސާމިރު އާ ބެހޭގޮތުން ސުވާލު ކުރުމުން ޝެގަޓް ބުނީ، ގަތަރުގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕުގައި ހިމެނުނު ކުޅުންތެރިންގެ ފަރާތުން ތަފާތު ފެނިގެން ދަނީ، އެ ކޭމްޕުގައި ކުރިއަށް ގެންދިޔަ ވަރުގަދަ ޓްރެއިނިންތަކުގެ ސަބަބުން ކަމަށް ގަބޫލު ކުރާ ކަމަށެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް ގަތަރުގައި ކުރިއަށް ގެންދިޔަ ޓްރޭއިނިން ކޭމްޕުގައި ހިމެނުނު 27 ކުޅުންތެރިންގެ ތެރޭގައި ސާމިރު ވަނީ ހިމެނިފަ އެވެ.
"ސާމިރުއާ މެދު އަހަރެން ވަރަށް ޝައުގުވެރިވޭ، 30 ކުޅުންތެރިންގެ ތެރޭގައި އަހަރެން އޭނާގެ ނަން ހިމެނިން، އެއީ މިއިން ކުޅުންތެރިޔަކަށް ކަމެއް ދިމާވެއްޖެނަމަ އޭނާ ސްކޮޑަށް ގެނައުމަށް ޓަކައި."
ޝެގަޓް ވަނީ، އޭނާގެ ސްކޮޑުން އަލަށް ފުރުސަތު ދިން އަހްމަދު ރިޒުވާން 'ރިޒޭ' އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.
"ރިޒޭ ދަނީ ވަރަށް ގިނަ ލަނޑުތަކެއް ޖަހަމުން، އޭހާ ގިނަ ލަނޑުތަކެއް ޖަހަމުންދާ ކުޅުންތެރިޔަކު ޓީމުގައި ހުންނަން ޖެހޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް."
ރާއްޖެ އާ ދެކޮޅަށް ނިކުންނަ މެލޭޝިއާއިން ތައްޔާރު ވަމުން ދަނީ، މިއަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ އާސިއާން ސަރަހައްދުގެ ފުޓްބޯޅަ މުބާރާތް، 'އާފް ސުޒުކީ ކަޕަ' ށެވެ. ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ އެ މުބާރާތަށް ތައްޔާރު ވުމަށް އެ ޓީމުން ކުޅޭ ޕްރީ ޓޯނަމަންޓް ވޯމްއަޕް މެޗެކެވެ.
އެހެންނަމަވެސް ރާއްޖެއިން، އެ ޓީމާ ދެކޮޅަށް ނިކުންނަން ޖެހޭނީ އެންމެ ޓްރެއިނިންއެއް ކޮށްފަ އެވެ. ރާއްޖޭގެ ލީގް ކުރިއަށް ދިއުމާއެކު އެ މެޗަށް ތައްރާރުވާކަށް އެކަށީގެންވާ ވަގުތެއް ނުލިބެ އެވެ.
"އެންމެ ޓްރެއިނިންއެއް ކޮށްފަ މެޗަށް ދާން ޖެހޭނީ، އަހަންނަކީ ޖާދޫ ހަދާ މީހެއް ނޫން، ނަމަވެސް އަހަރެމެންނަށް ކުރެވުނު އެންމެ ބުރަކޮށް މަސައްކަތެއް ކުރާނަން."
އެ މެޗުން، ރާއްޖޭގެ ކުޅުންތެރިންނަށް މެލޭޝިއާ ލީގުގެ ކުލަބުތަކުން ފުރުސަތު ހޯދުމުގެ އަޒުމު ގެންގުޅޭ ކަމަށް ޝެގަޓް ފާހަގަ ކުރި އެވެ.