ގައުމީ ފުޓްބޯޅް ޓީމް

ފައިސަލު އަނިޔާގައި، ޕެރޯލުގެ ސަބަބުން ލަބާނަށް ޖާގަ ނުލިބުނު

ގްރީން ސްޓްރީޓްގެ އެއް ވަނަ ކީޕަރު އިބްރާހިމް ލަބާން ޝަރީފަށް ގައުމީ ޓީމުން ޖާގަ ދޭން މަސައްކަތް ކުރި ނަމަވެސް، ޕެރޯލުގައި ހުރުމުން އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ގެއްލިއްޖެ އެވެ.

ގައުމީ ޓީމުގެ އެއް ނަންބަރު ކީޕަރު މުހައްމަދު ފައިސަލްއަށް އަނިޔާވުމުން، މެލޭޝިއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗަށް، އޭނާ ގައުމީ ޓީމާއެކު ދަތުރު ނުކުރެ އެވެ. ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނީ، ފައިސަލު އަނިޔާގައި ހުރިކަން އެނގުނު ހިސާބުން ލަބާން ގެންދިއުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް (ރާއްޖެ އިން ބޭރަށް) ދަތުރު ކުރުމުގެ ހުއްދަ އޭނާ އަށް ނެތުމުން އެކަން ކާމިޔާބުވާ ގޮތް ނުވީ ކަމަށެވެ.

ޓީމުގައި ފައިސަލު ނެތުމުން، މެލޭޝިއާ އަށް ދިޔަ ޓީމުގައި ގޯލްކީޕަރަކަށް ހުރީ، އެންމެ ކީޕަރެކެވެ. އެއީ މާޒިޔާގެ ޒުވާން ގޯލްކީޕަރު ހުސައިން ޝަރީފެވެ. ޝެގަޓް ބުނީ، ފައިސަލްއަށް އަނިޔާވުމުގެ ކުރިންވެސް، މެލޭޝިއާ މެޗުގައި ހުސެއިންއަށް ފުރުސަތު ދޭނެ ކަމަށް އޭނާ ބުނެފައިވާނެ ކަމަށެވެ.

ލަބާންއަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމުން، މިއަހަރުގެ މެއި 20 ގައި އޭނާ މިނިވަން ކުރީ ޕެރޯލްގެ ދަށުންނެވެ. އޭނާގެ ޕެރޯލް މުއްދަތު ހަމަވާނީ މި މަހު 20 ވަނަ ދުވަހަށެވެ.

މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހާރާގައި ފުލުހަކަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ފުލުހުން ލަބާން ހައްޔަރު ކުރީ މެއި މެހުގެ ކުރީ ކޮޅު އެވެ. އޭނާ ހައްޔަރު ކުރީ، އޭރު އޭނާ ކުޅެމުން ދިޔަ އީގަލްސްގެ ޕްރެކްޓިހުގައި ހުއްޓައި، މާފަންނު ޓާފު ދަނޑުންނެވެ.

މެއި މަހު، އޭނާ މިނިވަން ކުރިއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަންގެ މެދުތެރޭ ޓްރާންސްފާ ޕީރިއަޑު އޮތީ ބޯމަތިވެފަ އެވެ. އެ ޕީރިއަޑުގައި އޭނާގެ ސޮއި ހޯދަން ދެ ކުލަބަކުން މަސައްކަތް ކުރި އެވެ. ގައުމީ ޓީމުގެ ގޯލް ކީޕަރު ޓްރެއިނާ އަސްލަމް އަބްދުރަހީމްގެ ލަފާގެ މަތިން އޭނާ ސޮއި ކުރީ ގްރީން ސްޓްރީޓަށެވެ.

ދިވެހި ޕްރިމިއާ ލީގްގައި، އޭނާ ދަނީ ގްރީން ސްޓްރީޓުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ލަބާން، ބުނީ އެންމެ ފަހުން މެޗަށް ފަހު ގައުމީ ޓީމުގެ ކޯޗު އޭނާ އާ ބައްދަލު ކުރި ކަމަށާއި ޓީމުގެ ތިން ވަނަ ކީޕަރެއްގެ ގޮތުގައި ފުރުސަތު ދޭނެ ކަމަށް ކޯޗު ބުނެފައިވާ ކަމަށެވެ.