ކުޅިވަރު

ގައުމީ ވޯލީބޯޅަ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދައިފި

ފައިނަލުގައި، ދިވެހި ސިފައިންގެ ކުލަބު 'ޑީއެސްސީ' ގެ މައްޗަށް ސީދާ ތިން ސެންޓުން ކާމިޔާބު ހޯދައި، 50 ވަނަ ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި، ރޭ ކުޅުނު ފައިނަލު މެޗު، ޕޮލިސް ކުލަބުން ފެށީވެސް ތަފާތު ރޫހެއްގަ އެވެ. ޕޮލިސް ކުލަބު މެޗު ކާމިޔާބު ކުރީ 25-16، 52-23 އަދި 25-14 އިންނެވެ.

ފުރަތަމަ ސެޓް ފޯރީގައި ޕޮލިހުން ފެށިއިރު، ޑީއެސްސީގެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ކޮންސަންޓްރޭޝަން އެއްވަރެއްގައި ނުހިފެހެއްޓުމެވެ. އޭގެ ފައިދާ ޕޮލިސް ކުލަބުން ވަރަށް ރަނގަޅަށް ނެގި އެވެ. ޕޮލިހުން ޕޮއިންޓް ހޯދަމުން ދިޔާއީ، ޑީއެސްސީގެ އެންމެ ބަލި ދީމާތަކަށް ބޯޅަ އަމާޒު ކުރަމުންނެވެ.

ދެ ވަނަ ސެޓް، ޑީއެސްސީން ހިތްވަރެއް ލައި، ލީޑް ކުރަމުން ދިޔަ އެވެ. މިސްޓޭކުތައް މަދުކޮށް ކުޅުމުގެ ނަތީޖާއަކަށްވީ، ޑީއެސްސީން ލީޑްގައި ހިފެހެއްޓުމެވެ. ގޭމްބޯލް ޕޮއިންޓް ހޯދުމާ އެއް ޕޮއިންޓާ ގާތަށް ޑީއެސްސީ ގާތް ކުރި އެވެ. ޑީއެސްސީން އެ ސެޓް ކާމިޔާބު ކުރާނެ ކަމަށްވެސް ހީކުރެވުނެވެ. އެންމެ ފަހު ކޮޅުގައި ނެގި ޓައިމް އައުޓްގެ ބޭނުން ރަނގަޅަށް ހިފައި، 23-23 ޕޮލިހުން އެއްވަރު ކުރި އެވެ. އެ ސެޓްގައި، ޕޮލިސް ކުލަބުން ފުރަތަމަ ލީޑް ނެގުނީވެސް ގޭމްބޯލް ޕޮއިންޓްގަ އެވެ. ޖެހިގެން އައި ފުރުސަތު ބޭނުންކޮށް ޕޮލިސް ކުލަބު އެ ސެޓް ގެންދިޔަ އެވެ.

ކުރިން ކުޅުނު ދެ ސެޓްގައި ޕާފޯމް ކުރެވުނު ވާރާގަތަށްވެސް ޑީއެސްސީއަށް ޕާފޯމް ނުކުރެވުނެވެ. އެ ސެޓްގައި ޕޮލިސް ކުލަބު ލީޑް ކުރަމުން ދިޔައީ ތަފާތު ބޮޑު ކޮށެވެ. އެ ޓީމުން ސެޓް ކާމިޔާބު ކުރީ 11 ޕޮއިންޓްގެ ލީޑެއްގަ އެވެ. އެ ސެޓްގައި، ޑީއެސްސީގެ ކެޕްޓަން އަހްމަދު އަބްދުލް ކަރީމް 'ލޯންގޭ" އަށްވެސް މިސްޓޭކު ހެދި އޭނާ އަތުންވެސް ޕޮއިންޓް ގެއްލުނެވެ. އަދި ބިދޭސީ ކުޅުންތެރިޔާ ވަސީމުގެ ފަރާތުންވެސް އެދެވޭ ކުޅުމެއް ފެނިގެން ނުދިޔަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ޕޮލިހަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި، ޕާކިސްތާންގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ މުރާދު ޖީހާން އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ، ދިވެހި ސިފައިންގެ ކުލަބެވެ. މުބާރާުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޕޮލިސް ކުލަބުގެ އަލީ ހުޒާމް އެވެ. އެންމެ މޮޅު ކޯޗަކީ ޕޮލިސް ކުލަބުގެ ހާލިދު މުހައްމަދެވެ.

މުބާރާޓުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ:

  • ބެސްޓް އައުޓްސައިޑް އެޓޭކާ: އަލީ ހުޒާމް - ޕޮލިސް ކުލަބު -
  • ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކާ: އާދަމް ނަސީމު - ޑީއެސްސީ -
  • ބެސްޓް މިޑްލް ޕްލޭއާ: ހުސައިން ސައީދު - ޑީއެސްސީ -
  • ސެކަންޑް ބެސްޓް މިޑްލް ޕްލޭއާ: އާދަމް ފައިރޫޒް - ޕޮލިސް ކުލަބު -
  • ބެސްޓް އޮޕަޒިޓް ޕްލޭއާ: ހުސައިން ނިލާމް - ޕޮލިސް ކުލަބު -
  • ބެސްޓް ސެޓަރު: ހުސައިން ވިޝާމް - ޕޮލިސް ކުލަބު -
  • ބެސްޓް ލިބަރޯ: މުހައްމަދު ނައީމް -މުހައްމަދު ނައީމް - ޕޮލިސް ކުލަބު -