ހަބަރު

މަޖިލީހަށް ކުރިމަތި ނުލައްވާނެ ކަމަކަށް ނަޝީދު ވިދާޅެއް ނުވި

ސަރުކާރުގެ މަގާމަކަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް ރައްޔިތުން މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލުމާ ބެހޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކި އެއްޗެއް ވިދާޅެއް ނުވި އެވެ.

ގާތްގަނޑަކަށް ތިން އަހަރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހިޔާލަކީ ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮންނަން ޖެހޭ ކަމާއި އެއީ ދިވެހިންނަށް އެންމެ ފައިދާ ހުރި ނިޒާމް ކަމަށެވެ.

"އަޅުގަނޑަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ މީހެއް، އެކަމަކީ ވަކި އިރެއްގައި އަޅުގަނޑު ގަބޫލު ކުރާ ކަމެއް ނޫން، އަޅުގަނޑު އަބަދުވެސް ދެކޭ ގޮތުގައި ސާފު ގޮތުގައި ވެރިކަން ހިންގުމަށް ހަމަޖެހޭ ނިޒަމަކީ ބަރުލަމާނީ ނިޒާމެއް، އެއީ އަޅުގަނޑުގެ ހިޔާލާއި ފިކުރު،" ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމް ކުރަން ވަކާލާތު ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

އެ ނިޒާމް ރާއްޖޭގައި ތައާރަފު ކުރުމަށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އާ ސަރުކާރުން ކުރާ ކޮންމެ ކަމަކީ ރައްޔިތުންގެ ފައިދާއަށްޓަކައި ކުރައްވާ، އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މަޝްވަރާ ކުރެއްވުމަށް ފަހު ކުރައްވާނެ ކަންކަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމެއްގައި ބޮޑު ވަޒީރެއް އައްޔަންކުރާއިރު އެ ބާރު ލިބިގެންދަނީ މަޖިލީހުގެ އަގުލަބިއްޔަތު ހޯދާ ޕާޓީއަކަށެވެ.

ކުރިޔަށް އޮތް ތަނުގައި ބޮޑު ވަޒީރަކަށް ވެވަޑައިގަންނަވާނަންތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ރައީސް ނަޝީދު ޖަވާބެއް ނުދެއްވަ އެވެ. އަދި ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ވެވަޑައިގަތުމުގެ ވިސްނުން ހުރިތޯ ސުވާލު ކުރެއްވުން ވެސް އެކަމަށް އިންކާރު ނުކުރައްވާ ސީދާ ޖަވާބެއް އެމަނިކުފާނު ނުދެއްވަ އެވެ. ރައީސް ނަޝީދު ވިދާޅުވީ މެންބަރަކަށް ވުމާ މެދު ސާފުކޮށް ގޮތެއް ނުނިންމަވާ ކަމަށެވެ.

"އަޅުގަނޑު ސާފުކޮށް ސީދާކޮށް ކަންކަމެއް ނުނިންމަވަން އެހެން ނަމަވެސް އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ހަރަކާތްތަކުގެ ނާރެސް، އެކަމުގައި އެތަނުގެ ހަމަޖެހުން އަނެއްކާ ވެސް އަދި އެތަން އެއީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެހީތެރިވެދޭ ތަނަކަށްވުމަކީ އަދި ޑިމޮކްރަޓިކް އުސޫލުން މަސައްކަތް ކުރާ ތަނަކަށް ހެދުމަކީ އަބަދުވެސް އަޅުގަނޑުގެ ހުވަފެނެއް އަބަދުވެސް އަޅުގަނޑު ކުރާ މަސައްކަތެއް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ ދައުރުގެ މެދު ތެރެއިން އިންތިހާބެއް ބާއްވަން އެމަނިކުފާނު ދެކޮޅު ހައްދަވާކަން ވެސް ހާމަ ކުރައްވާފަ އެވެ. ރިޔާސީ ނިޒާމެއްގައި އެންމެ މުހިންމު ސިފައަކީ އެއް ދައުރެއް ކަނޑައެޅިފައި އޮތުން ކަމަށާއި މެދު ތެރެއިން އިންތިހާބެއް ނުގެނެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ވެސް ރައީސް ނަޝީދު ވަނީ ރާއްޖެ ބަރުލަމާނީ ނިޒާމަށް ހެދުމަށް ގާނޫނު އަސާސީ ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީއިން ވަކިން ނެރުނު މެނިފެސްޓޯގައި ވެސް އެކަން ވަނީ ހިމަނައިފަ އެވެ.

ނަމަވެސް އެކަމާ ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމް އަދި އަދާލަތު ޕާޓީއިން ވަނީ ދެކޮޅު ހަދައިފަ އެވެ. އެ ޕާޓީތަކުން ބޭނުން ވަނީ ރާއްޖޭގައި ރިޔާސީ ނިޒާމް ބޭއްވުމަށެވެ.