ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިރޭ ހޮވައިފި އެވެ.
މަޖިލީހުގައި މިރޭ ކުރިޔަށް ދިޔައީ މަޖިލީހުގެ ރައީސް ކަމުން ފުވަމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ އެވެ. އެ މަގާމަށް ކުރިމަތިލެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ ގާސިމްގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
މަޖިލީހުގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ނެގި ސިއްރު ވޯޓުން ގާސިމަށް ވަނީ 62 ވޯޓު ލިބިވަޑައިގެންފަ އެވެ. އަދުރޭއަށް ލިބިވަޑައިގަތީ 16 ވޯޓެވެ. ވޯޓުގައި 80 މެންބަރުން ބައިވެރިވެވަޑައިގަތެވެ. ދެ ވޯޓު ބާތިލުވި އެވެ.
ވޯޓުގެެ މަސައްކަތްތައް ކުރިޔަށް ދިޔައީ މަޖިލީހުގެ ފަސް މެންބަރެއްގެ ކޮމިޓީއަކުންނެވެ. އެއީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުއާ، މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމްއާ، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ.
ގާސިމަކީ 2008 ވަނަ އަހަރު ގާނޫން އަސާސީ ހެދުމަށް އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.
މަޖިލީހުގެ ރައީސްގެ މަގާމަށް ގާސިމްގެ ނަން މިރޭ ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އެވެ. އެ ނަމަށް ތާއިދު ކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މީގެކުރިން އިދިކޮޅު ޕާލިމެންޓްރީ ގްރޫޕުން ވަނީ ގާސިމް އިބްރާހިމް މަޖިލީހުގެ ރައީސް ކަމަށް ގެންނަން އެއްބަސްވެފަ އެވެ.