ހަބަރު

ކޯލިޝަން ދަމަހައްޓައި ނުދީފިނަމަ ރައްޔިތުން މާފު ނުކުރާނެ: އިމްރާން

އިދިކޮޅު ކޯލިޝަނުން، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ސަރުކާރު ފަސް އަހަރު ދުވަހަށް ދަމަހައްޓައި ނުދީފިނަމަ ރައްޔިތުން އެބޭފުޅުންނަށް މާފެއް ނުކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ، ރައްޔިތުންގެ އުންމީދުތައް އޮތީ ކުރިއަށް ކަމަށާއި ކޯލިޝަނާ ގުޅެން މެދުވެރިވި ސަބަބާ އަދި ކުރަށް ދާކަށް ނުޖެހޭ ކަމަށެވެ. ރައްޔިތުން އެބިރުވެރިކަމުން އަރައިގަތް ނަމަވެސް އެކަމުން ލިބެންޖެހޭ ފޮނި މީރުކަން އޮތީ ކުރިއަށް ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ ބަދަހިކަމުން ނޫނީ އެކަންކަން ހާސިލްވެގެން ނުދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ޕާޓީތަކުގެ ގުޅުން ވަރުގަދަކޮށް ކުރިއަށް ދިއުން އެއީ ރައްޔިތުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން މި މިހާރު ގުޅިފައިވާ ކޯލިޝަންގެ ސަރުކާރު ބަދަހިކަމުގައި ފަސް އަހަރު ނުދަމަހައްޓަފައިނަމަ އަޅުގަނޑުމެންނަށް ވޯޓްލީ ބޭފުޅުންނަށް އަޅުގަނޑުމެން މާފެއް ނުކުރާނެ، ނުވަތަ ރައްޔިތުން މާފެއް ނުކުރާނެ، މިއީ ވަރަށް ސީރިއަސް ވާހަކައެއް، އެހެން ކަމުން އެރައްޔިތުންގެ އުންމީދުތަކާއި އެބޭފުޅުން ދެކޭ ހުވަފެންތަކުގައި ކުލަ ޖައްސައި ނުދީފިނަމަ އަޅުގަނޑުމެންނަށް އެދެވެނީ ވަރަށް ނުބައި ދިމާލަކަށް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، ވައްކަމާއި ކޮރަޕްޝަނާއި ފަސާދައިން ގައުމު ސަލާމަތް ކޮށްދިނީ ރައްޔިތުން ކަމަށާއި ރައްޔިތުން ވޭތުވެދިޔަ އުނދަގޫ ދުވަސްތަކުގައި ދައްކައިދިނީ ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށެވެ. ދިވެހި ރައްޔިތުންނަކީ ސާބިތުކަމާއެކު ތިއްބަވައި އެކުވެރިކަމާއެކު މަސައްކަތް ކުރާ ބައެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، 23 ސެޕްޓެމްބަރުގައި ލިބުނު ކާމިޔާބީއަކީ ތާރީހު ބަދަލުކޮށްލާނެ ކާމިޔާބީއެއް ކަމަށާއި ވޭތުވެދިޔަ ދުވަސްތަކުގައި ދިމާވި އެތައް ގޮންޖެހުން ތަކަކުން ރާއްޖެ އަރައިގަތުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. މި ކާމިޔާބީގެ އަސްލަކީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ގުޅިގެން ކުރި މަސައްކަތު ނަތީޖާ ކަމަށެވެ.

"މިމަސައްކަތުގެ އެންމެ ކުރިން އަޅުގަނޑު ހަމަ ފާހަގަ ކުރަން ޖެހެނީ މިއަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހުރިހާ ޕާޓީތަކެއް އެއްކުރުމަށްޓަކައި އެކުރެއްވި މިންނަތް ބުރަ މަސައްކަތްތަކަށް، އެއާއެކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެކުރެއްވި މިންނަތް މަސައްކަތްތަކަކީ ދިވެހި ހުރިހާ ރައްޔިތުން ވަކިވަކިވެ ބައިބައިވެފައިވީހިނދު، އެއްކުރުމަށް ލިބުނު ހިތްވަރެއް،" އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު އަޅުގަނޑު އަދި މިނިވަނެއް ނުވޭ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު މިނިވަން ވާނީ އެކެއް މޭގައި އަޅުގަނޑާއެކު ޖަލަށް ވަން ހުރިޙާ އެންމެން މިނިވަން ކުރެވުނު ދުވަހަކުން، އެހެން ނަމަވެސް މިއަދު އަނެއްކާވެސް އަޅުގަނޑު މަސައްކަތް މިފަށަނީ ޖަލުން ނިކުމެވުނު ހިނދު އެބޭފުޅުން މިނިވަން ކުރުމުގެ މަސައްކަތް، އެކެއް މޭގައި ޖަލަށް ލެވުނު ހުރިހާ ބޭފުޅުން މިނިވަން ކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރާނަން،"

އިމްރާން ވިދާޅުވީ، އިބޫގެ ސަރުކާރަކަށް ރައްޔިތުން އެދުނީ ވަރަށް ގިނަ އުންމީދުތަކެއް ހުރުމާއެކު ކަމަށާއި އެކަންކަން ފުރިހަމައަށް އަދާކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އިންތިހާބަށްފަހު އިބޫ އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެ މަސައްކަތް ކުރުމަށް ފައްޓައި ނަތީޖާ ރައްޔިތުންނަށް ފެންނަން ފަށާފައި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.