ހަބަރު

މިނިވަންކަން ދަމަހައްޓަން އާ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ: މައުމޫން

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރަން އާ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެއްވައިފި އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން މިއަދު ނެރުއްވި ބާޔާނުގައި ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ދިވެހިންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންގެ ބަޔަކާ އެކު، މާލެ އަރައި، ގައުމުގެ މިނިވަން ކަމާއި ސިޔާދަތު ނަގާލުމަށް ދިން އުދުވާނީ ހަމަލާ އިންރާއްޖެ ސަލާމަތް ކުރައްވައި، ނަސްރު ދެއްވި ކަމަށްޓަކައި ހަމްދު ކުރައްވާ ކަމަށެވެ. އަދި އެ ދުވަހު ސިފައިން ވެވަޑައިގެން މަތިވެރި ގުރުބާނީ އާއި ކުރެއްވި އަގުހުރި ޖިހާދު ގެ ހަނދާން އައު ކޮށް، އެ ހިތްވަރު ގަދަ ގައުމީ ބަތަލުން ސާބިތު ކަމާއެކު ކުރެއްވި މަސައްކަތް ތަކަށް އައްސަރިބާހާއި ސާބަސް ރައްދު ކުރައްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރި ކުރައްވައި، އަމަން އަމާން ކަން ރައްޔިތުނަށް ކަށަވަރު ކޮށްދެއްވުމަށް، އިންތިހާބީ ރައީސް އާއި އަލައް އުފެދޭ ސަރުކާރުން ހަރުދަނާ ފިޔަވަޅު ތަކެއް އަޅުއްވަމުން ގެންދަވާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ތަކަށް އެމްއާރްއެމްގެ ފަރާތުން އެއްބާރު ލުމާއި ތާއީދު ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އިންތިހާބީ ރައީސް އަށް އަރުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.