ހަބަރު

ހުވާ ކުރާ ޖަލްސާއަށް މޯދީ ގެންނަން އެބަ މަސައްކަތް ކުރަން: މާރިޔާ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިބޫގެެ ތަރުޖަމާނު އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މަރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރުގެ އިއްޒަތްތެރިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މޯދީ ވެސް ގެނައުމުގެ މަސައްކަތް ޑިޕްލޮމެޓިކް ޗެނަލްތަކުން ވާހަކަދައްކައިގެން ކުރާ ކަމަށެވެ.

"ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ފަދައިން ހުވާ ކުރާނީ ސީދާ ކޮން ތާރީހެއް ކަން ވެސް މި އިނގުނީ އިހަށް ދުވަހު، އެހެންވެ މިހާރު ޑިޕްލޮމެޓިކް ޗެނަލްތަކުން ވާހަކަދައްކައިގެން ދޯމީ ގެންނަން އެބަ މަސައްކަތް ކުރަން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ހުވާ ކުރުމުގެ ރަސްމިއްޔާތު ގަލޮޅު ދަަނޑުގައި ބާއްވާ އިރު ވީހާވެސް ގިނަ ބަޔަކު ބައިވެރި ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމުގެ އިންތިޒާމްތައް ކުރަމުން އަންނަނީ މަޖިލީހުން ކަމަށާއި ހުވާ ކުރުމުގެ ތައްޔާރީތައް މަޝްވަރާކޮށްގެން ކުރިޔަށް ދާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

އިބޫއަށް މަރުހަބާ ވިދާޅުވުމަށް މޯދީ ކުރެއްވި ފޯން ކޯލުގައި އިބޫ ވަނީ ހުވާ ކުރުމުގެ ދައުވަތު އެމަނިކުފާނަށް އަރުވައިފަ އެވެ.