ގައުމީ ފުޓްބޯޅް ޓީމް

މެލޭޝިއާ އަތުން ރާއްޖެ ބަލިވެއްޖެ!

ބައިނަލްއަގުވާމީ އެކުވެރި ކަމުގެ މެޗެއްގައި، މެލޭޝިއާ އަތުން 3-0 ގެ ނަތީޖާ އަކުން ރާއްޖެ ބަލި ވެއްޖެ އެވެ.

އަންނަ ބުރާސްފަތި ދުވަހު ފަށާ، އާސިއާން ސަރަހައްދުގެ މުބާރާތް، އާފް ސުޒުކީ ކަޕަށް މެލޭޝީއާއިން ތައްޔާރު ވުމުގެ ގޮތުން، އެ ގައުމުން ރާއްޖެއަށް ދައުވަތު ދީގެން ކުޅުނު މެޗުގައި، ދެ ޓީމުގެ ކޯޗުންވެސް ވަނީ މެޗަށް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.

ސާފު ސުޒުކީ ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ގައުމީ ޓީމުގެ އެއް ނަންބަރު ކީޕަރު މުހައްމަދު ފައިސަލްއަށް އަނިޔާވުމުން ޓީމާއެކު އޭނާއަށް ދަތުރު ނުކުރެވުމުން، މެެޗުގައި ރާއްޖޭގެ ގޯލް ބެލެހެއްޓީ މާޒިޔާގެ ޒުވާން ގޯލް ކީޕަރު ހުސައިން ޝަރީފެވެ. މިއަދުގެ މެޗަކީ ގައުމީ ޖޯޒީގައި އޭނާ ކުޅުޏު ފުރަތަމަ މެޗެވެ.

ރާއްޖޭގެ ޓީމު ކޮޅަށް ތިން ގޯލް ވަން ނަމަވެސް، ހުސައިން ވަނީ މެޗުގައި ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ.

މެޗުގައި މެލޭޝިއާގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޒަކްވާން އަބްދު ރައްޒާގް އެވެ. މެލޭޝިއާއިން ރާއްޖޭގެ އޭރިއާ ތެރެއަށް ބޯޅަ ނަގައިދިން އިރު، އޭނާ މާކު ކޮށްގެން ހުރި ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީއަށް ހުރެވުނީ އެންމެ ރަނގަޅަށް ސަމާލު ނުވެވި އެވެ. ޡަކުވާ ވަނީ އެއްފަހަރުން ޖަހައި ރާއްޖޭގެ ގޯލްގެ ކަނަށް ބޯޅަ ވައްދާލާފަ އެވެ.

ބައިކޮޅަށް ލަނޑު ވަން ނަމަވެސް، ރާއްޖޭގެ ކުޅުންތެރިން ވަނީ އާ ހިތްވަރެއް ލައިގެން ކުޅެން މަސައްކަތް ކޮށްފަ އެވެ. ފުރަތަމަ ހާފުގައި ރާއްޖޭގެ އަލީ ފާސިރު އަށް ވަނީ ރަނގަޅު ހަމަލާއެއް އުފެއްދުމަށް ދެ ފުރުސަތެއް ލިބިފައެވެ.

ދެ ވަނަ ހާފުގައި، ރާއްޖޭގެ ކުޅުންތެރިންނަށްވެސް ހަމަލާ އުފެއްދުމަށް އިތުރު ފުރުސަތުތައް ލިބިގެން ދިޔަ އެވެ. ކީޕަރު ހުސައިންގެ ފަރާތުންވެސް ދެ ވަނަ ހާފުގައި ރަނގަޅު ސޭވްތަކެއް ފެނުނެވެ. ދެވަނަ ހާފުގައި ރާއްޖޭގެ ޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ އިބްރާހިމް މަހްދީ ހުސައިން ‘ހަބޭސް އިއްބެ’ އެވެ.

އިފްސައިޑް މަޅިން ސަލާމަތް ވެގެން އޭނާއަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ އާ ހަމައަށް ގޮސް ގޯލްގެ ދުރު ކަނަށް ފޮނުވާލަން އުޅުނު ބޯޅަ ގޯލް ހުރަސްކޮށް ދިޔާއީ ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފުގައި، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރައި އަހްމަދު ރިޒުވާން އަށްވެސް ލަނޑު ޖަހާނެ ފުރުސަތެއް ލިބުނެވެ. ގޯލްގެ އަރިމައްޗަށް ވާ ގިތަށް ހުރެ އޭނާ ފޮނުވާލި ބޯޅަވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެލޭޝިއާއިން ފަހު ދެ ލަނޑު ޖެހީ، މެޗުގެ އެންމެ 10 މިނެޓް ތެރޭގަ އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ސަފަވީ ރާޝިދު އެވެ. މެލޭޝިއާއިން ނެގި ކޯނަރު، ކީޕަރު ހުސައިން ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ވައިގެ ތެރޭގައި އޮއްވައި ސަފަވީ ވަނީ ގޯލްގެ ކަނަށް ބޯޅަ ވައްދާ ލާފަ އެވެ.

މެލޭޝިއާގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ، ގެމްބިއާ އަށް ނިސްބަތްވާ މަހުމޫދު ސުމާރެހް އެވެ. މެޅެޝިއާގެ ލީގަށް އޭނާ ބަދަލުވީ 2013 ވަނަ އަހަރު އެވެ. މެލޭޝިއާގެ ގައުމީ ޓީމަށް އޭނާ ކުޅެން ފެށީ މި އަހަރު އެވެ.

ޢޭނާ ލަނޑު ޖެހީ ރާއްޖޭގެ ޑިފެންސުން ކުރިއަށް އަރާ ތިބި ވަގުތު ލިބުނު ބޯލައިގެ ބޭނުން ކޮށްގެންނެވެ. ރާއްޖޭގެ ޑިފެންޑަރުންނަށް ބޯލަ ހޯދަން މަސައްަކތް ޖުރި ނަމަވެސް އޭނާ ވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ޖާގަ ހޯދައިގެން ރާއްޖޭގެ ގޯލަށް ބޯޅަ ފޮނުވާލާފަ އެވެ.