ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެކަށީގެންވާ ބޭސްފަރުވާއެއް ފޯރުކޮށްދިނުމަށް ރައްޔިތުން މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުންތަކެއް މިއަދު ގޮވާލައްވައިފި އެވެ. އަދީބުގެ ބޭސްފަރުވާއަށް އޭނާގެ އާއިލާއިން އާދޭސްކުރި ނަމަވެސް އެ މެންބަރުން މީގެ ކުރިން ތިއްބެވީ އެއްޗެއް ވިދާޅުނުވެ އެވެ.
އެހެން ނަމަވެސް، އަދީބާ އެކު ނަންގަވާފައިވާ ފޮޓޯއަކާ އެކު ޕީޕީއެމްގެ މެންބަރެއް ކަމަށްވާ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭސްފަރުވާއަކީ އިންސާނީ ހައްގެއް ކަމަށެވެ. އެކަމަށް އިހުމާލު ވުމަކީ އިންސާނީ ކަރާމާތަށް އަރައިގަތުން ކަމަށް ވެސް ޔާމީން ސިފަކުރެއްވި އެވެ.
"އެކުވެރި އަހުމަދު އަދީބަށް ބޭސްފަރުވާގެ އެންމެހާ ފުރުސަތުތައް ފަހިކޮށް ދިނުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަން،" ޔާމީން ރަޝީދުގެ ޓްވީޓްގައިވެ އެވެ. ޔާމީން ރަޝީދަކީ އަހުމަދު އަދީބާ ވަރަށް އަރިހުގައި އުޅުއްވި މެންބަރެކެވެ.
ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ކުރެއްވި ޓްވީޓެއްގައި އޭނާ ގޮވާލެއްވީ ވަގުތުން ވަގުތަށް އަދީބަށް ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދެއްވުމަށެވެ. އަދި އަދީބާ މެދު ތަފާތު ނުކުރުމަށް އޭނާގެ ޓްވީޓްގައި ވަނީ ގޮވާލައްވައިފަ އެވެ. މީގެ އިތުރަށް ޕީޕިއެމްގެ ޕީޖީގެ ޑެޕިއުޓީ ލީޑަރެއް ކަމަށްވާ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބުރާހީމް ފަލާހު ވެސް ވަނީ އަދީބު މިނިވަން ކުރުމަށް ގޮވާލައްވައިފަ އެވެ.
މީގެ ކުރިން ރައީސް މައުމޫން އާއި ސިޔާސީ އެކި ފަރާތްތަކުން ވަނީ ރަނގަޅު ސިއްހީ ފަރުވާއެއް ދިނުމަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަށް ގޮވާލައްވައިފަ އެވެ. ނަމަވެސް ސަރުކާރުން އެ ކަންކަމަށް އިޖާބައެއް ނުދެ އެވެ.
ޑޮކްޓަރުންނާ ހަވާލާދީ އަދީބުގެ އާއިލާއިން ބުނަނީ، އަދީބުގެ ލޮލުގެ ހާލަތު ގޯސްވެފައިވަނީ ލޮލުގެ ނުރައްކާތެރި މައްސަލައެއް ކަމަށްވާ ގުލޮކޮމާ ޖެހިފައިވާތީ އެވެ. އެކަން އައިޖީއެމްއެޗްގެ ޑޮކްޓަރުން އަދީބަށް އެންގިތާ މިހާރު އެތައް މަހެއް ވަނީ ވެފަ އެވެ. ލޮލުގެ ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެ އެވެ.