މިއަދު ރަޖިސްޓްރީކުރި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ، އެމްޓީޑީގެ ނައިބު ރައީސްގެ ގޮތުގައި ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު ހޮވައިފި އެވެ.
ނައިބު ރައީސްގެ ގޮތުގައި ޔާމީން ރަޝީދު ހޮވާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ އިންތިގާލީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގަ އެވެ. ޔާމީން ރަޝީދު މީގެކުރިން ހުންނެވީ ޕީޕީއެމްގަ އެވެ. ނަމަވެސް އެ ޕާޓީއިން އެއްވެސް މުސްތަގުބަލެއް ނުފެންނަ ކަމަށް ވިދާޅުވެ، އެމްޓީޑީއަށް ސޮއި ކުރެއްވީ އެވެ.
އެމްޓީޑީއަށް ސޮއި ކުރެއްވިއިރު ޕީޕީއެމް އޮތީ އޭނާއަށް ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޓިކެޓް ވެސް ދީފަ އެވެ. ޔާމީން ރަޝީދު ވަނީ އަންނަ މަޖިލިސް އިންތިހާބަށް އެމްޓީޑީގެ ޓިކެޓް ނުކުންނެވުމަށް ނިންމަވާފަ އެވެ. ނަމަވެސް އެއިން ކޮން ދާއިރާއަކުން ކަމެއް އަދި ހާމައެއް ނުކުރައްވަ އެވެ.
ޔާމީން ރަޝީދު ކައުންސިލްގެ 10 މެންބަރުންގެ އަގުލަބިއްޔަތުން ނައިބު ރައީސްގެ ގޮތުގައި ހޮވާފައިވާއިރު ސީނިއާ ނައިބު ރައީސްގެ ގޮތުގައި އިސްމާއިލް އާސިމް ވެސް ވަނީ ހޮވާފަ އެވެ. އޭނާއަކީ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ޕާޓީގެ މުއައްސިސް އެވެ.
ޕާޓީގެ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އެ ޕާޓިގެ ރައީސްއާ ގުޅޭ ގޮތުން ގޮތެއް ނިންމާފައެއް ނުވެ އެވެ.
އެމްޑީޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން ހުއްދަ ދިނުމާއެކު އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 3،000 މެންބަރުން ހަމަކޮށް އިލެކްޝަން ކޮމިޝަނުން ހުއްދަ ދިނުމުން ބޭއްވި ޕާޓީގެ ފުރަތަމަ ޖަލްސާ ވެސް ހާއްސަކުރީ އަދީބަށެވެ.
އަލަށް އުފެދިގެން ދިޔަ ޕާޓީގެ ގިނަ މެންބަރުންނަކީ އަދީބާ އެކި ގޮތްގޮތުން ގުޅުން އޮންނަ، އަދި އަދީބަށް ތާއިދުކުރާ މީހުންނެވެ. އެ ޕާޓީގެ އަދީބުގެ ސިޔާސީ ހަޔާތް އަލުން ފަށައިގަންނާނެ ޕާޓީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.