ހަބަރު

ޕީޕީއެމްގެ ޓިކެޓް ދޫކޮށްލައި ޔާމީން ރަޝީދު އެމްޓީޑީއަށް

Dec 12, 2018
9

ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު، އަލަށް އުފައްދާ އެމްޓީޑީ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ. އޭނާ ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފަ އެވެ.

ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ އިހްލާސްތެރި މެންބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދެއްވި ރޭ ޔާމީން ރަޝީދަށް ވެސް ވެލިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓް ދެއްވި އެވެ. ނަމަވެސް އޭނާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޓިކެޓް ދޫކޮށްލެވިކަން ހާމަ ކުރައްވާފަ އެވެ.

ޔާމީން ރަޝީދު އެމްޓީޑީއަށް މިއަދު ސޮއި ކުރެއްވިިއިރު އޭނާ ވިދާޅުވީ އަންނަ މަޖިލީހަށް އެ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން އެބަ ހުންނެވި ކަމަށެވެ. ނަމަވެސް ވާދަ ކުރައްވާނެ ދާއިރާއެއް އަދި ނުނިންމަވާ ކަމަށް ވިދާޅުވި އެވެ.

އެމްޓީޑީއަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވާއިރު އެ ޕާޓީއިން މިހާރު ވަނީ 3،000 މީހުންގެ ސޮއި ހަމަކޮށްފަ އެވެ. ސިޔާސީ ޕާޓީއެއް އުފެއްދޭނީ 3،000 މީހުންގެ ސޮޔާއެކު އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިގެންނެވެ.

އެ ޕާޓީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އަދީބާއި ޔާމީން ރަޝީދަކީ ގާތް ދެ ބޭފުޅުންނެވެ.